މަޝްވަރާއަށްފަހު އެންމެފަހުން ނ. އަތޮޅު ކައުންސިލްގެ ރައީސަކު ހޮވައިފި

ނ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވި އަލީ ޒާފިރު (ކ) އަދި ނައިބު ރައީސް އާދަމް ފާއިޒު --- ފޮޓޯ: ފޭސްބުކު

ނަތީޖާ އެއްވަރުގެވުމުގެ ސަބަބުން ރައީސަކު ހޮވިފައިނުވާތީ މަޝްވަރާކުރުމަށްފަހު ނ. އަތޮޅު ކައުންސިލްގެ ރައީސާއި ނައިބު ރައީސް މިއަދު ހޮވައިފިއެވެ.

ނ. އަތޮޅު ކައުންސިލަރުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުވާކުރުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސަކު ހޮވުމަށް ހަ ފަހަރު ވޯޓުލުމުން ވެސް ވޯޓުގެ ނަތީޖާ އެއްވަރުވީއެވެ. ޖެހިގެންއައި އާދީއްތަ ދުވަހު ހަތަރު ފަހަރު ވޯޓުލުމުންވެސް ވީ އެއްވަރެވެ. އަދި އިއްޔެ ދެ ފަހަރު ވޯޓުލުމުން ނަތީޖާ އެއްވަރުވުމާ އެކު ރައީސް ކަމަށް ކުރިމަތިލެއްވި ދެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކޮށް ހައްލު ހޯދުމަށް މަސައްކަތް ފެށިއެވެ.

އެ މަޝްވަރާތަކަށްފަހު މިއަދު ނެގި ވޯޓުގައި، ރައީސް ކަމަށް ކުރިމަތިލެއްވި މަނަދޫ ދާއިރާގެ ކައުންސިލަރު އަލީ ޒާފިރަށް ހަތަރު ވޯޓު ވަނީ ލިބިފައެވެ. ރައީސް ކަމަށް ކުރިމަތިލެއްވި ވެލިދޫ ދާއިރާގެ ކައުންސިލަރު އާދަމް ފާއިޒަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ.

ރައީސަކު އިންތިޚާބު ކުރުމަށްފަހު ނައިބު ރައީސަކު ހޮވިއިރު، އެ މަގާމަށް ކުރިމަތިލެއްވި އާދަމް ފާއިޒަށް ހަތަރު ވޯޓު ލިބިފައިވެއެވެ.

ނ. އަތޮޅު ކައުންސިލްގެ ރައީސާއި ނައިބު ރައީސް ކަމަށް ހޮވުނު ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ދެން އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި އިންތިޚާބުވި ވާސިފް އަހުމަދާއި ހޮޅުދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި އިންތިޚާބުވި އަހުމަދު ރަވްޝަމްއެވެ.

comment ކޮމެންޓް