މިއަދު ސަން ބަދިގޭގައި ތައްޔާރުކޮށްލާ ޑިޝްއަކީ، ރޯދަ ވީއްލާ ގަޑިއަށް ވެސް އަދި ހާރުދަމަށް ވެސް ކަމުދާނެ، ފަސޭހައިން ތައްޔާރުކޮށްލެވޭ ޑިޝްއެއް.
ބޭނުންވާ ތަކެތި:
- 100 ގރމ ކުކުޅު (ދިގުކޮށް ކޮށާލާފައި)
- 50 ގރމ ލޮނުމެދު (ތުނިކޮށް ކޮށާފައި)
- 10 ގރމ ފިޔާ (ކިއުބުކޮށް ކޮށާފައި)
- 40 މލ ޓޮމާޓޯ ކެޗަޕް
- 40 މލ ޗިލީ ސޯސް
- 50 ގރމ ބެލްޕެޕަރ
- ލޮނު
- އަސޭމިރުސް
- ޒުވާރިފުށް
- އޮލިވް އޮއިލް
ތައްޔާރުކުރާނޭ ގޮތް:
ކޮށާފައިހުރި ކުކުޅުކޮޅު ސީޒަންކޮށްލުމުގެ ގޮތުން އޭގެ ތެރެއަށް އަސޭމިރުހާއި ލޮނުކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށްލާނީ. އެއަށްފަހު ޒުވާރިފުށްކޮޅެއް އޭގެ ތެރެއަށް އަޅާފައި ކުކުޅުކޮޅުގެ ބޭރުގައި ރީއްޗަށް އޭގެ ފަށަލައެއް ދުއްވާލާނީ. ދެން އެއަށްފަހު ކުކުޅުކޮޅު ތެލުލާނީ.

ގާލިކް ޗިކަން ތައްޔާރުކުރާނޭގޮތް -- ސަން ފޮޓޯ
ދެން ތައްޔާރުކުރާނީ ސޯސްކޮޅު. ތަވައަކަށް ތެޔޮފޮދެއް އަޅާފައި ލޮނުމެދާއި ފިޔާކޮޅު ރަތްކޮށްލާނީ. އެހާބޮޑުކޮށެއް ނޫން. ދެން އޭގެ ތެރެއަށް ޓޮމާޓޯ ކެޗަޕް އަދި ޗިލީ ސޯސްކޮޅު އެއްކޮށްލާފައި، ލޮނުކޮޅަކާއި ކުޑަ އަސޭމިރުސްކޮޅެއްވެސް އަޅާނީ.

ގާލިކް ޗިކަން ތައްޔާރުކުރާނޭގޮތް -- ސަން ފޮޓޯ
އެއަށްފަހު ކޮށާފައި ހުރި ބެލްޕެޕާވެސް އެއަށް އެއްކޮށްލާ. އަދި ކުޑަ އިރުކޮޅަކު ކައްކާލުމަށްފަހު، ތެލުލާފައި ހުރި ކުކުޅުކޮޅު މީގެ ތެރެއަށް އަޅާލާފައި ރަނގަޅަށް އެއްކޮށްލާނީ.
މިހާރު އެހެރީ ރެޓްރޯ ސްޓައިލްގެ ގާލިކް ޗިކަން ތައްޔާރުވެފައި.

ގާލިކް ޗިކަން ތައްޔާރުކުރާނޭގޮތް -- ސަން ފޮޓޯ
މިއީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ހެޔޮ އެދުންތަކާއެކު ސަން ބަދިގޭގައި ތައްޔާރުކޮށްފައިވާ ޑިޝްއެކެވެ.