45 ދުވަހުގެ ތެރޭ ނިންމާގޮތަށް ހަ ރަށެއްގައި ފުޓްސަލް ދަނޑު އަޅަން ހަވާލުކޮށްފި

ހަ ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް ދެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްވައިއެސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން، 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަ ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ހަ ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ސިންޓެކްސް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އާއި އައިއެސްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެެވެ. މި ދަނޑުތަކަކީ ދައުލަތުގެ ބަޖެޓުން އަށް މިލިއަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްގެން އަޅާ ފުޓްސަލް ދަނޑުތަކެކެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި، މި ދެކުންފުންޏާ މަޝްރޫއު ހަވާލުކޮށްދެއްވީ މިނިސްޓަރު އިރްތިޝާމް އާދަމެވެ.

ފުޓްސަލް ދަނޑުތައް އެޅުމަށް އެއްބަސްވެފައިވާ ރަށްތަކަކީ، ތ. ގުރައިދޫ، ފުވައްމުލައް ސިޓީގެ ދިގުވާނޑު އަވަށް، ސ. މަރަދޫފޭދޫ، ލ. ފޮނަދޫ، ގއ. ދެއްވަދޫ، އަދި ގދ. ނަޑެއްލާއެވެ.

މީގެ ތެރޭން، ފުވައްމުލައް ސިޓީގައި މިހާރުވެސް ތިން ފުޓްސަލް ދަނޑެއް ގާއިމުކޮށްފައި ވާއިރު، އިތުރު ތިން ދަނޑެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. އަދި ހަމައެހެންމެ ލ. ފޮނަދޫގައި މި މަޝްރޫއުގެ ދަށުން މީގެ ކުރީން، އެއް މިލިއަނަށްވުރެން ގިނަރުފިޔާ ޚަރަދުކޮށްގެން ފުޓްސަލް ދަނޑެއް ޤާއިމްކޮށްފައި ވެއެވެ.

ހަ ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް ދެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްވައިއެސް

މިއަދު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ފުޓްސަލް ދަނޑުތައް އެޅުމަށް އެއްބަސްވެވުނު ދާއިރާތަކަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އިރްތިޝާމް ވިދާޅުވީ، މި އަދު ސޮއިކުރެވިގެން ދިޔަ އެއްބަސްވުންތަކަކީ، ރައީސް ޔާމީންގެ ކުޅިވަރާބެހޭ މެނިފެސްޓޯ ތަންފީޒުކުރުމުގެ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށެވެ.

"މި ލިސްޓުގައި ހިމެނޭ 8 ފުޓްސަލް ދަނޑަކީ ވަރަށް ބޮޑަށް ޒުވާނުންނާއި އެ ދާއިރާތަކުގެ ރައްޔިތުންގެ އިހްސާސް ދެނެވަޑައިގެން، އަޅުގަނޑާއެކު މި ތިއްބެވި މެންބަރުން ވަރަށް ބޮޑަށް މަސައްކަތްކުރައްވައިގެން އަދި އެބޭފުޅުންގެ އެއްބާރުލެއްވުމާއެކު މި މަސައްކަތް ކުރިއަށް މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އާބާދީއާއި ވަސީލަތްތަކައް ބަލާފައި އެންމެ މުހިއްމު ތަންތަން ފާހަގަކުރުމަށް ފަހު ކަމަށެވެ.

"އާބާދީއަށް ބަލާފައި، އަދި ރައްޔިތުންނަށް ވެސް ބޭނުންވާ ދާއިރާތައް ކަނޑައެޅިފައި، އަދި އެ ދާއިރާގައި އިތުރަށް ފުޓްސަލް ދަނޑު ބޭނުންވާ ހިނދެއްގައި، ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ގޮތުގެ މަތީން މިނިސްޓްރީން މި މަސައްކަތް ކުރިއަށް މި ގެންދެވެނީ.

ހަ ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް ދެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްވައިއެސް

މިނިސްޓަރު ވިދާޅުވީ، މަސައްކަތާ ހަވާލުވި ފަރާތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުޓްސަލް ދަނޑުތައް އަޅައި ނިންމުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާއިރު، އެ ދާއިރާތަކުގެ ރައްޔިތުންވެސް އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވައި، މި ފަދަ މަޝްރޫއުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 50 ފުޓްސަލް ދަނޑެއް ނިމި، އިތުރު 90 ދަނޑެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅިވަރާބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެރީނާ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިންމާލުން ކަމަށެވެ.

ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 80 އަށްވުރެ ގިނަ ބަށި ކޯޓާއި 40 އަށްވުރެ ގިނަ ވޮލީކޯޓު ތަރައްގީ ކުރެވިފައެވެ. އަދި މުޅިން އަލަށް 21 ރަށެއްގެ ޒުވާނުންގެ މަރުކަޒު ނިންމައި 24 ރަށެއްގައި ޒުވާނުންގެ މަރުކަޒު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުދަނީ ކުރެވެމުންނެވެ.

comment ކޮމެންޓް