ސިފައިންނާއި މީރާއަށް ރަނގަޅު ފެށުމެއް

ރަމަޟާން ކްރިކެޓް ކާނިވަލްގެ ތެރެއިން: އޮފީސް ޓޭޕްބޯލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކުރީ ޑީއެސްސީއާއި މީރާ --- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އަދި މީރާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

އޮފީސް ޓޭޕްބޯލް މުބާރާތުގައި އިއްޔެ ދެ މެޗެއް ކުޅުނުއިރު، ފުރަތަމަ މެޗުގައި އައިލެންޑް އޭވިއޭޝަން އަތުން ޑީއެސްސީ މޮޅުވީ 38 ލަނޑުންނެވެ.

ފުރަތަމަ މެޗުގައި ޑީއެސްސީން އަށް އޯވަރުތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 119 ލަނޑެވެ. ޑީއެސްސީން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި އަބްދުﷲ ޝާހިދާއި، 22 ލަނޑު ހެދި މުހައްމަދު ޝަރީފެވެ. އައިލެންޑް އޭވިއޭޝަންގެ އީވާން، ޖިލްވާޒް އަދި އަހުމަދު، އެއިން ކޮންމެ އުކުންތެރިއެއް އެއް ވިކެޓް ނެގި އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ ތެރެއިން: އޮފީސް ޓޭޕްބޯލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކުރީ ޑީއެސްސީއާއި މީރާ --- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޖަވާބުގައި އައިލޭންޑް އޭވިއޭޝަން ކުޅެންއަރާ އަށް އޯވަރު ހަމަވި އިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައި ވަނީ 81 ލަނޑެވެ. އައިލެންޑް އޭވިއޭޝަނުން އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑު ހެދި ޖިލްވާޒާއި، 14 ލަނޑު ހެދި އީވާނެވެ. ޑީއެސްސީގެ އިކްރާމާއި ރަޝާދު، އެއިން ކޮންމެ އުކުންތެރިޔަކު ދެ ވިކެޓް ނެގި އެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ސިވިލް ސާވިސް ކޮމިސަންގެ މައްޗަށް މީރާގެ ޓީމު ކުރި ހޯދީ އަށް ވިކެޓުންނެވެ. ސިވިލް ސާވިސްގެ ޓީމު ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 70 ލަނޑެވެ. ޖަވާބުގައި މީރާއިން ކުޅެންއަރާ ފަސް އޯވަރުގެ ތެރޭގައި 79 ލަނޑު ހެދި އެވެ. މީރާއިން އެންމެ ރަނގަޅަށް ކުޅުނީ 12 ލަނޑު ހެދި އާފާގެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގައި މިއަދު ކުރިއަށްދާނީ އޯޕަން ޓޭޕްބޯލް މުބާރާތުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ރިވާސް ބާބާއާއި އަކުން ބަކުންގެ ޓީމު ބައްދަލުކުރާ އިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ މޮޑަސް އޮޕެރަންޑީއާއި ސުގަރކޯންގެ ޓީމެވެ.

comment ކޮމެންޓް