ރޮނާލްޑޯއަށް ލަ ލީގާއަށް ވުރެ ބޮޑަށް ކަމުދަނީ އަދިވެސް ޕްރިމިއަރ ލީގު!

ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑްގައި ކާމިޔާބު ހަ ސީޒަން ހޭދަކޮށްފައި -- ފޮޓޯ: ހަފިންޓަންޕޯސްޓް

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޭދަކުރި ދުވަސްތައް އަދިވެސް ވަރަށް ބޮޑަށް 'މިސް'ވާ ކަމަށާއި ސްޕެނިޝް ލަ ލީގާއާ އަޅައިކިޔާ ނަމަ، ޕްރިމިއަރ ލީގުގައި ބައެއް ކަންކަން މާ ރަނގަޅުކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ ވަނީ، މެންޗެސްޓާ ޔުނައިޓެޑްގައި ހަ ސީޒަން ހޭދަކޮށްފައެވެ. އެގޮތުން އޭނާ ޔުނައިޓެޑަށް 292 މެޗު ކުޅެފައިވާއިރު 118 ލަނޑު ކާމިޔާބުކޮށްފައި ވެއެވެ.

ޕްރިމިއަރ ލީގު ރަނގަޅުކަމަށް ބުނިނަމަވެސް މިހާރު އުމުރުން 32 އަހަރުގެ ޕޯޗްގީޒް ކެޕްޓަން ހުރީކީ ސްޕެއިން ދޫކޮށް ދާގޮތަކަށް ނޫނެވެ. އޭނާ ބުނެފައިވަނީ، އުމުރުން 40 އަހަރުވަންދެން ރެއާލް މެޑްރިޑްގައި މަޑުކުރަން ބޭނުން ކަމަށެވެ.

ސްޕެއިންގެ ޓީވީ ޗެނަލެއް ކަމަށްވާ ލަ ސެކްސްޓާއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، އަމިއްލަ ދަނޑުގައި ކުޅޭއިރު، ދަނޑުބޭރުން ކުޅުންތެރީންނާ ދިމާއަށް ހަޅޭއްލަވައި ފުރައްސާރަކުރުމަކީ އޭނާ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ކަމެއް ނޫންކަމަށެވެ.

"ކުޅުންތެރިއަކު އޭނާގެ ޓީމަށްޓަކައި މަރުދީ، މެޗުގައި 100 ޕަސެންޓު ދޭއިރު، ހެދޭ އެންމެ ގޯހެއްގެ ސަބަބުން، ސަޕޯޓަރުން އޭނާއާ ދިމާކުރުމަކީ ވެގެން ވާނެގޮތެއް ނޫން.

"އެއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން. ޚާއްސަކޮށް ޓީމަށް ނުވަތަ ކުޅުންތެރިޔާއަށް އުނދަގޫ ހާލަތެއް މެދުވެރިވެފައިވާ ދަނޑިވަޅުތަކުގައި ދަނޑުބޭރުން އިތުރަށް ހިތްވަރު ދޭންޖެހޭ. ދިމާކުރާންވީކީ ނޫން."

"އަހަރެން މެންޗެސްޓާ ޔުނައިޓެޑްގައި އެތައް ދުވަހެއް ހޭދަކުރިން. ދުވަހަކުވެސް އެފަދަ ކަމެއް އަހަންނަކަށް ދިމައެއް ނުވޭ. އެހެން ނަމަވެސް މިތާނގަ ކަންތައްތައް ވަނީ އެގޮތަކަށް ނޫން. ފަހަރެއްގަ ވެދާނެ އިންގްލެންޑްގައި މީހުންގެ ވިސްނުން ތަފާތީކަމަށްވެސް."

ރޮނާލްޑޯބުނީ، ސްޕެއިންގައި އޭނާ އުޅެނީ ވަރަށް ހިތްޖަމަޖެހިގެން ކަމަށާއި އެހެން ނަމަވެސް އިންގްލޭންޑުގައި ހޭދަކުރި ދުވަސްތަކުގެ ފޮނި ހަނދާންތައް ފަނޑުވެގެން ނުދާކަމަށެވެ.

comment ކޮމެންޓް