ދުންފަތާ ދެކޮޅަށް މިނިސްޓަރު ނާޒިމް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ އެވޯޑެއް

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތް ފާހަގަކޮށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް އެވޯޑެއް ދޭން ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ނިންމައިފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މިނިސްޓަރު ނާޒިމަށް އެ އެވޯޑް ދޭން ނިންމީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ދުންފަތް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ ކަމަށެވެ. އެގޮތުން ނައިބު ރައިސާއި ކެބިންޓް މިނިސްޓަރުން އަދި މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ފޯރަމެއް ބާއްވައި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން 60 ޕަސެންޓް ޓެކްސް ނަގަން ނިންމި ނިންމުމަކީ ރާއްޖޭން ދުންފަތާ ދެކޮޅަށް ގިރާކުރި ހަރުދަނާ ފިޔަވަޅެއް ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

ކޮންމެ އަހަރެއްގެ މެއި 31 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހެވެ.

އިއްޔެ މިނިސްޓަރު ނާޒިމް ދެއްވި ހިތާބުގައި ވިދާޅުވީ އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ދުންފަތުގެ އުފެއްދުންތައް ބަންދު ކުރެވިފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން މެސެޖްތައް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށެވެ.

comment ކޮމެންޓް