ކަލާސް އެވޯޑް ސެޕްޓެމްބަރުގައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި 2015 ވަނަ އަހަރުގެ މައިލޯ ކަލާސް އެވޯޑްގެ ސްޕެޝަލް އެވޯޑް ހޯދި ދަރިވަރަކަށް ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ޗެއާމަންގެ އިބްރާހިމް އިސްމާއިލް އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފައިލް ފޮޓޯ/ ފަޔާުޒު މޫސާ

ކުޅިވަރުގެ ދާއިރާއިން ރަން ވަނަތައް ހޯދާ ދަރިވަރުންގެ ކާމިޔާބީ ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަލާސް އެވޯޑްގައި ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރު ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކަމަށެވެ.

އެވޯޑަށް އެދި ހުށަހަޅަން ޖެހެނީ އެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް، މިދިޔަ އަހަރު ކިޔެވި ސްކޫލަށެވެ. އަދި އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުސްތަގްބަލުގައި ބައިނަލްއަގުވާމީ ދަނޑުތަކުގައި ގައުމު ތަމްސީލުކޮށް ގައުމަށް ރަންވަނަތައް ހޯދައިދޭނޭ ހުނަރުވެރި ކުދިން ދެނެގަނެ އެފަދައިން މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި މައިލޯ ކަލާސް އެވޯޑްގެ ނަމުގައި އެވޯޑް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ.

އަދި މިދިޔަ އަހަރު ދިހަ ކުޅިވަރަކުން ކަލާސް އެވޯޑް 130 ދަރިވަރަކަށް ދީފައިވާއިރު، ސްޕޯޓްސް ސްކޮލަޝިޕް 11 ދަރިވަރަކަށް ދީފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ ކަލާސް އެވޯޑް ދޭނީ ހަތަރު ކެޓަގަރީއަކުން މައިގަނޑު 13 ކުޅިވަރަކުން ކަމަށެވެ. އެގޮތުން އެވޯޑް ދޭން ހަމަޖެހިފައިވާ ކުޅިވަރުތަކަކީ ފުޓް ބޯޅަ، ވޮލީ، އެތްލެޓިކްސް، ބެޑްމިންޓަން، ފެތުން، ބާސްކެޓް ބޯލް، ކްރިކެޓް، ނެޓް ބޯލް، ޓެނިސް، ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ކެރަމް އަދި ޗެސްއެވެ.

އެވޯޑް ދޭން ކަނޑައަޅާފައިވާ ކެޓަގަރި ތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ. އަދި އެވޯޑަށް ހޮވޭ ދަރިވަރުން ކަނޑައެޅުމުގައި ބަލާނީ ޕޮއިންޓް އުސޫލުންނެވެ.

އެގޮތުން އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ތިން ކެޓަގަރީ އަކީ ސްކޫލް ފެންވަރު ކާމިޔާބީތަކާއި ގައުމީ ފެންވަރުގައި ހޯދާ ކާމިޔާބތައް އަދި ބައިނަލްއަގްވާމީ ފެންވަރުގެ ކާމިޔާބީ ތަކެވެ.

ސްކޫލް މުބާރާތުގެ ބައިގައި ދެ ލެވެލް އެއް ހިމެނެއެވެ. އެއީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތައް އަދި ސްކޫލްތަކުގެ މެދުގައި ވަކި ރީޖަނަކަށް އަތޮޅަކަށް އަމާޒު ކޮށްގެން ބާއްވާ މުބާރާތްތައް ނުވަތަ އެސޯސިއޭޝަނަކުން އިންޓަ ސްކޫލް މުބާރާތަކަށް ވުރެ ދަށްކޮށް ރޭންކް ކުރާ މުބާރާތްތަކަށެވެ.

ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ގޮތުގައި ހިމެނޭ ދެ ބަޔަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރަތްތަކާއި އަދި ހުނަރުވެރިކަމުގެ ގޮތުން ވަކި ފަންތި އަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތައް ނުވަތަ އެސޯސިއޭޝަނަކުން ގައުމީ މުބާރާތުގެ ދެ ވަނަ ކެޓަގަރީގައި ރޭންކް ކުރާ މުބާރާތްތަކެވެ.

ބައިނަލްއަގްވާމީ މުބާރާތްތައް ބަހާލެވިފައި ވަނީ އޮލިމްޕިކްސް ގޭމްސް، ރީޖަނަލް ގޭމްސް، ސަބް ރީޖަނަލް ގޭމްސް އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އަދި ކޮންފެޑަރޭޝަން ގޭމްސް އެވެ.

comment ކޮމެންޓް