ޖޮއިންޓް ވެންޗާއެއް ހަދައި، ޓޫރިޒަމަށް ވަނުމަށް އެސްޓީއޯއިން އެންމެ ފަހުން ނިންމައިފި

އެސްޓީއޯއިން ހުޅުމާލޭގައި އާޅާ ހޮޓެލް --- ސަން ފައިލް ފޮޓޯ

އެސްޓީއޯއިން ހުޅުމާލޭގައި އަޅާފައިވާ ހޮޓެލް، ބޭރު ބަޔަކާ ގުޅިގެން ހަދާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ހިންގުމަށް އެ ކުންފުނިން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުން ފެށިގެން އެސްޓީއޯއިން ބުނަމުން އައީ، ހުޅުމާލޭގައި އެކުންފުނިން އަޅަމުން އައި ޓޫރިސްޓް ހޮޓެލް ވިއްކާލުމަށްޓަކައި ބޭރުގެ ބަޔަކާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ.

ރޭ ދަރުބާރުގޭގައި އޮތް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވި ގޮތުގައި، އެސްޓީއޯގެ ޚިޔާލު މިހާރު ވަނީ ބަދަލުވެފައެވެ.

އެގޮތުން، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެހެނިހެން ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު އެކުންފުނިން ނިންމާފައިވަނީ އެ ހޮޓެލް ވިއްކާނުލުމަށް ކަމަށް ޝަހީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ޖޮއިންޓް ވެންޗާއެއް ހަދައިގެން، ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި އެތަން ހުޅުވައި، ހިންގަން ފެށުމަށް ކަމަށެވެ.

މޭ 30، 2017: އެސްޓީއޯގެ 2016ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަހީރު މިހެން ވިދާޅުވި ނަމަވެސް، މިދިޔަ އަހަރު އޮތް އެސްޓީއޯގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ އެސްޓީއޯގެ ހިއްސާދާރުން ބޭނުންވަނީ އެސްޓީއޯގެ މައިގަނޑު ހަތަރު ވިޔަފާރި ކަމުގައިވާ މެޑިސިން، ކޮންސްޓްރަކްޝަން، ކާޑު އަދި ތެލުގެ ވިޔަފާރީގައި ކުންފުނި އުޅުމަށް ކަމަށެވެ.

އެހެންކަމުން އެ ވިޔަފާރިތަކުގައި އިންވެސްޓްކޮށް، އިންފްރާސްޓްރަކްޗަރު އަދި ލޮޖިސްޓިކް ސަޕޯޓު ގާއިމުކޮށްފައި ނޫނީ، ޓޫރިޒަމްގެ ވިޔަފާރިއަށް އެންމެ ލާރިއެއްވެސް ޚަރަދު ކުރެވެން ނެތް ކަމަށް ޝަހީރު ވިދާޅުވިއެވެ.

ރެޑިސަން ހޮޓެލް އިމާރާތް ކުރުމަށް އެމެރިކާގެ ކާލްސަން ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއި ކުރި ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އެތަން އިމާރާތް ކުރަން ފެށީ 2012 ވަނަ އަހަރުއެވެ.

ރެޑިސަން ހޮޓެލްގެ މަސައްކަތަށް ގާތްގަނޑަކަށް 115 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވުނެވެ. މި ހޮޓަލުގެ މަސައްކަތް ކުރުމަށް އެސްޓީއޯ އިން 2012 ވަނަ އަހަރު ވަނީ، ތައިލެންޑްގެ އެގްޒިމް ބޭންކުން 32 މިލިޔަން ޑޮލަރުގެ ލޯނެއް ވެސް ނަގާފައެވެ.

އެ ހޮޓަލަކީ 250 ކޮޓަރި އަދި 500 އެނދުގެ ކެޕޭސިޓީއަކާ އެކު ޕްލޭނު ކުރެވި، 2013 ވަނަ އަހަރު ހުޅުވުމަށް ޕްލޭން ކުރެވުނެވެ. އެހެން ނަމަވެސް މާލީ ދަތިތަކާ ހެދި އެކަން މިހާތަނަށް ވެސް ކުރެވިފައެއް ނުވެއެވެ.

ރެޑިސަން ބްލޫ އަކީ، އެމެރިކާގެ ކާލްސަން ރެޒިޑޯ ހޮޓެލް ގްރޫޕުން ހިންގާ ހޮޓެލް ޗެއިނެކެވެ. އެ ބްރޭންޑުގެ ހޮޓެލްތައް ދުނިޔޭގެ އެކި ތަންތަނުގައި ހުރެއެވެ.

comment ކޮމެންޓް