ކުރީގެ ބަތަލާ ގީތާ ހޮސްޕިޓަލަށް ދޫކޮށްލުމަށް ފަހު ދަރިފުޅު ފިލައިފި

ހަވާލުވާނެ މީހަކު ނެތި ހޮސްޕިޓަލެއްގެ ބަލި އެނދުމައްޗަށް ދޫކޮށްލާފައި ވަނީ ފިލްމު 'ޕާކީޒާ' އިން ފެނިގެން ދިޔަ ކުރީގެ ބަތަލާ ގީތާ ކަޕޫރު ކަން ހާމަވެއްޖެ އެވެ.

ގޮރެގާއޮންގައި ހުންނަ އެސްއާރްވީ ހޮސްޕިޓަލުގައި ގީތާ (58އ) އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ އެކަނި ހޮސްޕިޓަލުގައި އޮންނަން ޖެހުނީ، ލޭގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު އޭނާގެ ފިރިހެން ދަރިފުޅު ރާޖާ، ފިލުމުންނެވެ.

ހޮސްޕިޓަލަކަށް އަންހެނަކު ދޫކޮށްލުމަށް ފަހު އޭނާގެ ފިރިހެން ދަރިފުޅު ފިލާފައިވާ ކަމަށް ބުނެ ރިޕޯޓުތައް ފެންމަތިވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ޚަބަރުތައް ބުނާ ގޮތުން ގީތާގެ ފިރިހެން ދަރި ފިލާފައި ވަނީ، ގީތާގެ އޮޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ނަގަން އޭޓީއެމް އަކަށް ގޮސް އަންނާނެ ކަމަށް ބުނެ އެވެ. އެއީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.

އެއަށް ފަހު ރާޖާ، ހޮސްޕިޓަލާ މުއާމަލާތް ކޮށްފައި ވަނީ ޓެކްސްޓް މެސެޖު މެދުވެރިކޮށެވެ. އޭނާ ވަނީ ހޮސްޕިޓަލުގެ ބިލްތައް ދައްކާނެ ކަމުގެ ޔަގީންކަން މެސެޖު މެދުވެރިކޮށް ދީފަ އެވެ.

ނަމަވެސް ގީތާ ހޮސްޕިޓަލުގައި އެޑްމިޓު ކުރިތާ ދެތިން ގަޑި އިރުގެ ތެރޭގައި ރާޖާ ވަނީ އެ ދެމީހުން ދިރިއުޅެމުން ދިޔަ ފްލެޓް ހުސްކޮށް، އެ ގެއިން ނުކުމެފަ އެވެ. އޭނާ ފިލައިގެން ދިޔަ ތަނެއް އަދި ނުހޯދެ އެވެ.

ގީތާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ރާޖާ ވަނީ ތަކުރާރުކޮށް އެތައް ދުވަހެއްގެ މަތިން ގީތާ އަށް އަނިޔާކޮށްފަ އެވެ. އެއީ އޭނާގެ ވިޔާނުދާ ދިރިއުޅުމާ ގުޅޭ ގޮތުން ގީތާ ވާހަކަ ދައްކާތީ އެވެ.

އަދި ކާން ދެނީ ވެސް ހަތަރު ދުވަހުން އެއް ދުވަހު ކަމަށާއި، އެތައް ދުވަހެއް ވަންދެން ގީތާ ކޮޓަރީގައި ތަޅުލާފައި ބާއްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއީ އުމުރުން ދުވަސްވީ މީހުން ބަލާ ތަނަކަށް ދާން އަހަރެން އެއްބަސް ނުވީމަ. މިއީ އޭނަ ރާވައިގެން ކުރި ކަމެއް. ގަސްދުގައި އަހަންނަށް ކާން ނުދީ ބެހެއްޓީ އަހަރެން ބަލި ވާނެ ކަން އެނގޭތީ. ދެން އަހަރެން ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި ފިލީ،" ގީތާ ބުނެފައިވެ އެވެ.

ގީތާގެ ރިޕޯޓު އާންމުވުމުން، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަންގެ މެމްބަރު އަޝޯކް ޕަންޑިތު އާއި އިތުރު މެމްބަރުން ވެގެން ވަނީ ގީތާގެ ހޮސްޕިޓަލް ބިލް ތައް ދައްކައިދީފަ އެވެ.

އަޝޯކް ބުނީ ފުރަތަމަ ހޮސްޕިޓަލަށް ދިޔަ އިރު އެއީ ގީތާ ކަޕޫރުކަން ނޭނގޭ ކަމަށާއި، ބިލްތައް ދައްކައިދިނީ ގީތާ އަކީ އޭނާގެ މަންމަ ކަމުގައި ދެކިގެން ކަމަށެވެ.

އަޝޯކް އާއި އެހެނިހެން މެމްބަރުން ގުޅިގެން މިހާރު އަންނަނީ އުމުރުން ދުވަސްވީ މީހުން ބަލާ ތަނަކަށް ގީތާ ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލޭގެ ގުޅުން ހުރި މީހެއްގެ ހުއްދަ އާއި ނުލާ ގީތާ އެތަނަށް ބަދަލު ނުކުރެވޭނެތީ، އެމީހުން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފަ އެވެ. ފުލުހުން މިހާރު އަންނަނީ ގީތާގެ ދަރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާޖާގެ އިތުރުން ޕޫޖާ ނަމަކަށް ކިޔާ ގީތާގެ އަންހެން ދަރިއަކު ވެސް ހުރެ އެވެ. އޭނާ އަކީ ފްލައިޓް އެޓެންޑެންޓް އެކެވެ. ރާޖާގެ ފޯނު ނިވާލާފައި ވާއިރު، ޕޫޖާ ފޯނަށް ޖަވާބު ދިނުމަށް ފަހު ނުބައި ނަންބަރެއް ކަމަށް ބުނެ ފޯނު ވަނީ ކަނޑާލައިފަ އެވެ.

comment ކޮމެންޓް