އަމިއްލައަށް މަރުވުމުގެ ފިކުރުތަކާ ދުރުކޮށްދިނީ ނަމާދުން!

އުމުރުން 20 އަހަރުގެ ހަނާ ކްރިސްޓިއަން އަކީ އާއިލާ އެއްގެ ތިބި ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ ކުއްޖާ އެވެ. ސްކޫލުގައި އުޅުނު އިރު ހަނާގެ އެކުވެރިންނެއް ނުތިބެ އެވެ. ލަދުރަކި ކުއްޖެއް ކަމުން، ބުލީ ކުރާ ކުދިންނަށް ފަސޭހަ ޓާގެޓަކަށް ހަނާ ވެގެންދިޔަ އެވެ. ޕްރައިމަރީ ސްކޫލް ނިމި ހައި ސްކޫލަށް ހަނާ ބަދަލުވި އިރު، ބުލީ ކުރުން އިންތިހާ އަށް ދިޔަ އެވެ.

ސްކޫލު ނިމުމާ އެކު ހަނާ ވަޒީފާއެއް ހޯދި އެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި ވެސް ހަނާ އަށް ދިމާވީ ހަމަ އެ މައްސަލަ އެވެ. ސްކޫލަށް ވުރެ ބޮޑަށެވެ. އެކުވެރިން ނެތުމާ އެކު އޭނާ އަށް ލިބެމުން ދިޔަ ހިތްދަތިކަން ހިއްސާ ކުރާނެ މީހަކު ނެތެވެ. ހަނާގެ ވިސްނުން ހުރި ގޮތުން މަންމަ މެން ގާތު ބުނާނެ ހިތްވަރެއް ނުލިބުނެވެ.

ވަޒީފާ އަށް ދާން ފެށިތާ ހަ މަސް ފަހުން ވަޒީފާ އިން ކެނޑި ގޭގައި މަޑު ކުރީ އެހެންވެ އެވެ. އަދި ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވިސްނެން ފެށި އެވެ. އޭނާ އަކީ އެއްވެސް މީހަކު ލޯބި ނުވާ އަގެއް ނެތް މީހެއް ކަމުގައި ގަބޫލު ކުރެވި އަމިއްލަ ނަފްސު ދެކެ ރުޅި އަންނަން ފެށި އެވެ. ދުނިޔެ މަތިން މުޅިން ފޫހިވެ އަމިއްލަ އަށް މަރުވާން ނިންމި އެވެ.

ނަމަވެސް އަމިއްލަ ފުރާނަ ދުއްވާލާނެ ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ. އެހެންކަމުން ބޭރަށް ނުކުމެ، ކޮންމެސް ކަމެއްގައި މަޝްއޫލުވެ އުޅެން ފެށުމުން އަމިއްލަ އަށް މަރުވުމުގެ ޚިޔާލުތަކާ ދުރަށް ދެވޭނެ ކަމަށް ނިންމައި، ވަޒީފާއެއް ހޯދުމަށް ނިކުތީ އެވެ.

ވަޒީފާއެއް ނުލިބުނު ނަމަވެސް، ހޮސްޕިޓަލެއްގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހަނާ އަށް ލިބުނެވެ. އޭނާ އަށް ޖެހުނީ އާއިލާއެއްގެ ކަންތައްތައް ބަލަހައްޓައި އެމީހުންނަށް އެހީތެރިވާށެވެ. އެ އާއިލާ އަކީ މުސްލިމް އާއިލާ އެކެވެ. އިސްލާމްދީން ހަނާއާ ބައްދަލު ކުރަން މެދުވެރިވީ އެ އާއިލާ އެވެ.

ކުޑަ ދުވަސްކޮޅަކަށް ފަހު ހަނާ އާއި އެ އާއިލާ އާ ދެމެދު ޚާއްސަ ގުޅުމެއް އުފެދުނެވެ. އަދި އެމީހުން ނަމާދު ކުރަނީ ކީއްވެތޯ އާއި ކިޔަވާ ފޮތަކީ ކޮބައިތޯ ބެލުމަށް ހަނާ ސުވާލު ކުރަން ފެށި އެވެ. އެ ހިސާބުން އިސްލާމް ދީނުގެ އުސޫލުތަކާއި މުސްލިމުންގެ ސަގާފަތް އޮޅުން ފިލުވުމަށް ހަނާ ޝައުގުވެރިވި އެވެ.

އިސްލާމް ދީނަށް ހަނާގެ ހިތް އެކީގައި އެނބުރިގެން ދިޔައީ 2010 ވަނަ އަހަރުގެ މުހައްރަމު މަހުގެ ތެރޭގައި އޭނާ އަށް ނޫހު ސޫރަތް އަޑު އިވުނު ހިސާބުންނެވެ. އެ ގެއަށް ދިޔަ ވަގުތު އެ ގޭގައި ނޫހު ސޫރަތް ޖަހާފައި ހުރުމުން، ސޫރަތުގެ މާނަ ކިޔައިދިނުމަށް ހަނާ އެދުނެވެ. ސޫރަތުގެ މާނަ ބުނެދިނުމުން، ދެވަނަ ފަހަރަށް އޭނާ އެ ސޫރަތް އަޑު އެހި އެވެ. އަދި އޭނާ އަށް ސޫރަތުގައި ބުނާ އެއްޗެއް އެނގޭ ފަދަ އެވެ. ހީވީ އިނގެރޭސި ބަހުން ސޫރަތް ކިޔަމުން ދިޔަ ހެންނެވެ.

އެ ދުވަހު ސޫރަތް އަޑު އަހަމުން ދިޔަ ވަގުތު، އޭނާ އަށް އާދަޔާ ޚިލާފު އިހުސާސެއް ކުރެވުނެވެ. އިސްލާމް ދީނާއި އޭނާ އާދެމެދު ޚާއްސަ ގުޅުމެއް އުފެދުނު ފަދަ އިހުސާސެކެވެ. އަދި މީހާގެ ރޫހު ހޭލައްވާލައި، އޭނާގެ ހިތާއި ސިކުނޑި އަށް ހަމަޖެހުމެއް ލިބި އާދަޔާ ޚިލާފު ހިތްވަރެއް ލިބުނެވެެ.

ހަމަ އެ އަހަރު ހަނާ ވަނީ ރަމަޟާން މަހު ރޯދަ ވެސް ހިފައިފަ އެވެ. ޣައިރު މުސްލިމެއްގެ ގޮތުގައި ހުރެ މުސްލިމުންގެ އަޅުކަންތައް އަދާކުރަން ފެށި އެވެ. އަދި އެކުވެރިއެއްގެ އެދުމުގެ މަތިން، އީދު ނަމާދު ކުރުމަށް މިސްކިތަކަށް ދިޔަ އެވެ. އެކުވެރިޔާގެ އިރުޝާދުގެ ދަށުން ނަމާދުކޮށް ނިންމުމަށް ފަހު ދުއާ ކުރުމަށް ދެ އަތް އުފުލާލި އެވެ.

އެ ދުވަހު އޭނާ ﷲގެ ހަޟުރަތުން އެދުނީ ކޮން ކަމަކަށް ކަމެއް މިހާރު ހަނދާން ނެތް ނަމަވެސް، ދުއާ ކުރުމަށް ފަހު އޭނާ އަށް ލިބުނު އުފަލުގެ ބޮޑު ކަމުން މިސްކިތުގައި އެތައް އިރެއް ވަންދެން އިނދެ ރުޔެވެ. އުފަލުންނެވެ.

އޭނާ އިސްލާމް ވާން ބޭނުން ކަމާއި، އޭނާ ނިސްބަތް ވަނީ އިސްލާމް ދީނުގައި މުސްލިމުންނާ އެކުގައި ކަން އިހުސާސްވީ އެ ދުވަހު އެވެ. އެ ދުވަހު ހަނާ އަށް އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރެވުނެވެ.

ޝަހާދަތުގެ ދެކަލިމަ ކިޔައި ހަނާ އިސްލާމް ދީން ގަބޫލު ކުރީ ޖެހިގެން އައި އަހަރުގެ ކުރީކޮޅު އެވެ. އޭނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ނަމާދު ކުރާ ވަގުތު އެވެ. އޭނާ އަކީ އެކަނިވެރިއެއް ނޫން ކަމާއި، އޭނާ އާއެކު ﷲ ވޮޑިގެންވާ ކަމުގެ އިހުސާސް ކުރެވެ އެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައި ވެސް ތިމާއާ އެކު ﷲ ވޮޑިގެންވާ ކަމާއި، މުއުމިނުންގެ ދުއާ އިޖާބަ ކުރައްވާނެ ކަމުގެ އިތުބާރާއި ޔަގީންކަން ހަނާގެ ހިތުގައި އޮވެ އެވެ.

ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔަ އަމިއްލަ އަށް މަރުވުމުގެ ފިކުރުތަކާއި އަމިއްލަ ނަފްސުގެ އަގެއް ނެތް ކަމުގެ ވިސްނުންތަކުން ހަނާ ދުރުކޮށްދިނީ ނަމާދުން އޭނާ އަށް ލިބުނު ހިތްހަމަޖެހުމާއި ހިތްވަރުންނެވެ.

comment ކޮމެންޓް