ހަތަރުވަނަ ރަން ބޫޓާއެކު މެސީ ރޮނާލްޑޯގެ ރެކޯޑާ ހަމަކޮށްފި

މި ސީޒަންގެ ޔޫރަޕިއަން ގޯލްޑަން ޝޫ ހޯދީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ -- ޓްވިޓަރ ފޮޓޯ

ޔޫރަޕިއަން ގޯލްޑަން ޝޫ، ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށް ބާސާގެ ފޯވާޑް ލިއޮނަލް މެސީ، ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގާއިމްކޮށްފައިވާ ރަންބޫޓު ރެކޯޑާ އަރައި ހަމަކޮށްފިއެވެ.

ަމި ސީޒަންގެ ސްޕެނިޝް ލީގުގައި ޖުމުލަ 37 ލަނޑު ކާމިޔާބުކޮށް، މެސީ ވަނީ ޔޫރަޕްގެ ގައުމުތަކުގެ އެންމެ ބޮޑު ފަސް ލީގުގައި ކުޅޭ ކުޅުންތެރީންގެ ތެރޭން އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ މެޗުތައް މިދިޔަ ހަފްތާގައި ކުޅެފައިވާއިރު، މެސީ މިސީޒަންގައި ޖެހި ލަނޑުގެ ޖުމުލަ އަދަދު 37 އަށް އެރީ އެއިބާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި އޭނާ ކާމިޔާބުކުރި ދެލަނޑާއެކު އެވެ.

ގޯލްޑަން ބޫޓް ޓޭބަލްގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް ވެސް، ކާމިޔާބުކުރާ ކޮންމެ ލަނޑަކަށް ދެ ޕޮއިންޓް ލިބޭއިރު، އެ ޓޭބަލްގެ އެއްވަނަ މެސީ ހޯދީ 74 ގޯލްޑަން ބޫޓު ޕޮއިންޓާއެކުއެވެ.

މެސީ ވަނީ، މީގެ ކުރީން، 2010, 2012, އަދި 2013ގައި ވެސް ރަން ބޫޓު ހޯދައިފައެވެ.

ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ، ހަތަރު ފަހަރަށް ރަން ބޫޓު ހޯދާފައި. މިހާރު މެސީވެސް މިވަނީ ރޮނާލްޑޯގެ ރެކޯޑާ އަރައި ހަމަކޮށްފައި --

ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އިރު، 2007-08ގައި މި އެވޯޑު އޭނާ ހޯދިފަހުން، ސްޕެއިނުން ބޭރަށް ރަން ބޫޓު ގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް، 2013-14 ސީޒަންގައި ރަން ބޫޓު ލިބުނީ، ރޮނާލްޑޯއާއި އޭރު ލިވަޕޫލަށް ކުޅެމުން ދިޔަ އަދި މި ދިޔަ ސީޒަންގެ ރަންބޫޓު ހޯދި ލުއިސް ސުއަރޭޒަށެވެ.

ރަން ބޫޓު ޓޭބަލްގައި މިފަހަރު ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދީ، ސްޕޯޓިން ލިޒްބަންގެ ޕޯޗްގަލް ފޯވަޑް ބަސް ޑޯސްޓެވެ. އޭނާ ވަނީ، ޕޯޗްގީޒް ލީގުގައި ޗާވޭސްއާ ދެކޮޅަށް ސްޕޯޓިން ކުޅުނު އެންމެ ފަހު މެޗުގައި ހެޓްރިކެއް ހަދައި، ޖުމުލަ 34 ލަނޑާއެކު 68 ގޯލްޑަން ބޫޓް ޕޮއިންޓް ހޯދައިފައެވެ.

ލިސްޓުގެ ތިންވަނައަށް ދިޔައީ، ޖަރުމަނު ލީގުގެ ބޮރޫޝާ ޑޯޓްމަންޑުގެ ފޯވާޑް ޕިއެރޭ-އެމަރިކް އައުބަމެޔަންގެވެ. އޭނާ ވަނީ 31 ލަނޑާއެކު 62 ޕޮއިންޓް ހޯދައިފައެވެ.

މިސީޒަންގެ ގޯލްޑަން ޝޫ ޓޭބަލް

  • ލިއޮނަލް މެސީ - ބާސެލޯނާ، 74 ޕޮއިންޓް
  • ބަސް ޑޯސްޓް - ސްޕޯޓިން ލިޒްބަން، 68 ޕޮއިންޓް
  • ޕިއެރޭ-އެމަރިކް އައުބަމެޔަންގ- ބޮރޫޝާ ޑޯޓްމަންޑް، 62 ޕޮއިންޓް
  • ރޮބާޓް ލެވަންޑޯންސްކީ - ބަޔާން މިއުނިކް، 60 ޕޮއިންޓް
  • ހެރީ ކޭން - ޓޮޓެންހަމް ހޮޓްސްޕާ، 58 ޕޮއިންޓް
  • އެޑިން ޒެކޯ - އޭއެސް ރޯމާ، 58 ޕޮއިންޓް
  • ލުއިސް ސުއަރޭޒް - ބާސެލޯނާ، 58 ޕޮއިންޓް
  • ޑްރީސް މާޓެންސް - ނަޕޯލީ، 56 ޕޮއިންޓް
  • އެޑިސަން ކަވާނީ - ޕީއެސްޖީ، 52 ޕޮއިންޓް
  • އެންޑްރޭ ބެލޮޓީ - ޓޮރިނޯ، 52 ޕޮއިންޓް
  • ރޮމެލޫ ލުކާކޫ - އެވަޓަން، 50 ޕޮއިންޓް
  • ކްރިސްޓިއާނޯ ރޮނާލްޑޯ - ރެއާލް މެޑްރިޑް، 50 ޕޮއިންޓް
comment ކޮމެންޓް