ޞަޙާބިއްޔާތުންގެ ނަމޫނާ–6

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---

ދިރިއުޅުއްވި ގޮތްކޮޅު

އިސްލާމްދީން ފެށިގެން އައިއިރު މުސްލިމުންނަށް ކުރިމަތިވެފައިއޮތް ދަތިއުދަނގޫ މަސްރަޙުގެ ސަބަބަން ޞަޙާބީންނާއި ޞަޙާބިއްޔާތުން ދިރިއުޅުއްވީ ވަރަށް ދަތި ޙާލުކޮޅެއްގައެވެ. ފަޤީރުފުޅުކަމާއި، ބަނޑުހައިފުޅުކަމާއެކުގައެވެ. އެބޭކަބަނލުންގެ ހެދުންކޮޅާއި، ފަރީއްކޮޅާއި، ގެކޮޅާއި، ގެވެހިކަންވާރާއި، ޒީނަތްތެރިވެވަޑައިގަތުމުގެ ތަކެއްޗާއި، މިއިން ކޮންމެ ކަމަކަށް ބެލިކަމުގައިވިޔަސް އެކަން ހާމަވެއެވެ.

ފަރީއްކޮޅު

ޞަޙާބިއްޔާތުންގެ ދިރިއުޅުއްވުމުގެ ސާދާކަމުގެ އިތުރަށް އެބޭކަނބަލުންގެ މާލީޙާލުކޮޅު ހުރިގޮތުން އުޅުއްވަމުން ގެންދެވީ ވަރަށް ފަޤީރު ދިރިއުޅުއްވުމެކެވެ. ހަމައެއާއެކު ދީލަތިފުޅުކަން ވަނީ އެބޭކަނބަލުންގެ އަތްޕުޅުމަތި ދަތިކަން އެތައް ގުނައެއް އިތުރުކޮށްފައެވެ. އިތުރުސާހިބާ ފައިތިލަފުޅު ދަށަށް މުޅި ޢަރަބިކަރައާއި ޔަމަނުކަރަ އައުމަށްފަހުވެސް އިތުރުސާހިބާގެ އަނބިއަނބިކަނބަލުންގެ ބަދިގެކޮޅުތަކުގައި އުނދުން ރޯނުކުރައްވައި މަހެއް ދެމަހެއްހައި ދުވަސް ފާއިތުވެގެން ހިނގައިދެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެއްފަހަރަކު މީހަކު އައިސް ދެންނެވިއެވެ. އަޅުގަނޑު މިހިރީ ވަރަށްބޮޑަށް ބަނޑުހައިވެގެންނެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ އަނބިކަނބަލެއްގެ ގެކޮޅަށް ފަރީކުޅުއްވާ ކަހަލަ އެއްޗެއް ހުރިތޯ ބައްލަވަން ފޮނުއްވިއެވެ. ޖަވާބު ލިބިވަޑައިގަތީ އެގެކޮޅުގައި ފެން ނޫން އެހެން އެއްޗެއް ނެތްކަމުގައެވެ. މިގޮތަށް އަށްނުވަ ގެކޮޅަށް ފޮނުއްވުމުންވެސް ލިބިވަޑައިގަތީ އެއްޖަވާބެކެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ހިޖްރައަށްފަހު އެބޭކަނބަލުންގެ ދިރިއުޅުއްވުން ހުރިގޮތުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ ތެރޭގައި މީހަކު ސުވާލުކުރިއެވެ. ތިޔަބޭކަނބަލުންގެ ގެކޮޅުތަކުގައި ރޭގަނޑު ބައްތި ދިއްލަވައި އުޅުއްވީމުތޯއެވެ. ޖަވާބުގައި އެކަމަނާ ވިދާޅުވެފައިވެއެވެ. އަހަރެމެންގެ އަތުގައި ބައްތި ދިއްލާނެ ތެޔޮ ހުރިނަމަ ބައްތި ދިއްލުން އެއްކިބައިގައި އޮއްވައި އަހަރެމެންނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން އެތެޔޮ ބޮވިއްޖައީހެވެ.

އައްސައްޔިދާ ފާޠިމަތުއް ޒަހްރާ ރަޟިޔަﷲ ޢަންހާ އެއްފަހަރަކު ވަރަށް އުފާފުޅުން އަލްމަސްޖިދުއްނަބަވީއަށް ވަޑައިގެން އިތުރުސާހިބާއަށް ރޮށިފަޅިއެއް އެރުއްވިއެވެ. އިތުރުސާހިބާ ހަދީޘުކުރެއްވިއެވެ. މިއީ ކޮންތަނަކުން ދަރިފުޅަށް ލިބުނު އެއްޗެއް ހެއްޔެވެ؟ ސައްޔިދާ ޖަވާބުދެއްވިއެވެ. " ކުޑަ ގޮދަންކޮޅަކުން ފުށްމުގުރައިގެން ރޮށި ފިހުނީއެވެ. ކުދީންނަށް ކާންދޭން އުޅެފައި ބައްޕާފުޅަށްވެސް ފަރީއްކޮޅު އަރުވާނަމޭ ހިތަށްއަރައިގެން އައީއެވެ. އޭ މާތްﷲގެ ތެދުވެރި ރަސޫލާއެވެ. އަޅުގަނޑުމެންނަށް މިރޮށިކޮޅުވެސް މިލިބުނީ ކާއެއްޗެއް ނުލިބި ތިންއިރު ވޭތުވުމަށް ފަހުގައެވެ."

އިތުރުސާހިބާ އެރޮށިކޮޅު ފަރިއްކުޅުއްވަމުން ހަދީޘުކުރެއްވިއެވެ. "މިއީ ތިންދުވަހުގެ ތެރޭގައި ދަރިފުޅުގެ ބައްޕަ އަނގައަށްލާ އެންމެ ފުރަތަމަ ކާއެތިކޮޅެވެ."

ހެދުންކޮޅު

ޞަޙާބިއްޔާތުންގެ އަތްޕުޅުގައި ހެދުންކޮޅު ވަރަށް މަދެވެ. އިތުރުސާހިބާގެ މޭފުޅުގެ އެއްބައިކަމުގައި ހިމެނިވަޑައިގަންނަވާ ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއް ޒަހްރާ ރަޟިޔަﷲ ޢަންހާގެ ސާލުކޮޅު ކުޑަކަމުން އެކަމަނާގެ މުޅި ހަށިކޮޅު ނިވައިކުރެއްވޭވަރެއް ނުވެއެވެ.

އެއްފަހަރަކު އެކަމަނާ ލަދުފުޅުންނާއި އަދަބުވެރިވެވަޑައިގަތުމުގެ ގޮތުން އިތުރުސާހިބާގެ ކުރިފުޅުމަތީގައި މުޅި ހަށިކޮޅު ނިވައިކުރައްވަން ޤަސްދުކުރެއްވިއެވެ. ނަމަވެސް ސާލުކޮޅުގެ ކުޑަކަމުން އިސްތަށިފުޅު ނިވައިކުރައްވައިފިނަމަ ފައިތިލަފުޅު ހާމަވެއެވެ. ފައިތިލަފުޅު ނިވައިކުރައްވައިފިނަމަ އިސްތަށިފުޅު ހާމަވެއެވެ.

އައްސައްޔިދާ އާލާސްކަންފުޅާ އުޅުއްވަނިކޮށް އެއްދުވަހަކު އެކަމަނާއަށް ގޮވައިލެއްވުމަށް އިތުރުސާހިބާ ވަޑައިގެންނެވިއެވެ. މުސްކުޅިފުޅު ޞަޙާބީއެއް ކަމުގައިވާ ޢިމްރާން ބިން ޙަޞީންވެސް އިތުރުސާހިބާގެ އަރިހުގައި ގެންދެވިއެވެ. އިތުރުސާހިބާ އެގެކޮޅުގެ ދޮރުކޮޅުމަތީގައި ހުއްޓިވަޑައިގެން އެތެރެއަށް ވަދެވަޑައިގަތުމުގެ ހުއްދަ އެދިވަޑައިގަތުމުން ސައްޔިދާ ހުއްދަދެއްވިއެވެ. އިތުރުސާހިބާ ހަދީޘު ކުރެއްވިއެވެ. "ޢިމްރާން ބިން ޙަޞީންވެސް ބައްޕައާއެކު އެބަހުންނެވިއެވެ." ސައްޔިދާ ޖަވާބުދެއްވިއެވެ. " ލޯބިވާ ބައްޕާފުޅާއެވެ. އެންމެ ޢަބާއެއް ފިޔަވައި އަޅުގަނޑުގެ އަތުގައި ފަރުދާކުރާނެ ފޮތިކޮޅެއް ނެތެވެ." އިތުރުސާހިބާ އެކަލޭގެފާނުގެ ރިދާކޮޅު އެތެރެއަށް އެއްލަވައިފައި ޙަދީޘުކުރެއްވިއެވެ. "ދަރިފުޅާއެވެ. މިއިން ފަރުދާކޮށްލާށެވެ."

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު ފާޠިމަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއިރު އެކަމަނާ ތުރުކުރައްވައިގެން އިންނެވީ ޖަމަލުހަމުން ފައްސަވައިފައިއޮތް ލިބާސްކޮޅެކެވެ. އެލިބާސްކޮޅުގައިވެސް ތޭރަތަނެއް ވީދިގެން ފޮތިއަޅުއްވައިފައިހުއްޓެވެ.

ޞަޙާބިއްޔާތުންކުރެ ބައެއް ބޭކަނބަލުންގެ އަތްޕުޅުގައި ސާލުކޮޅެއްވެސް ނޯވެއެވެ. އިތުރުސާހިބާ ޞާޙާބިއްޔާތުންނަށް ޢީދުކުރާތަނަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމުން ޞަޙާބިއްޔާއެއް ވިދާޅުވިއެވެ. އެމީހެއްގެ އަތުގައި ސާލެއްނެތް މީހުން ހަދާނީ ކިހިނަކުންތޯއެވެ. އިތުރުސާހިބާ ވިދާޅުވިއެވެ. ސާލެއް އޮތްމީހަކު އަނެކަކަށް ދޭނީއެވެ.

ކާވެނީގެ މުނާސަބާއަކީ އެންމެ ފަޤީރު މީހުންވެސް ރީތި އާހެދުން ތައްޔާރުކޮށް އުޅޭ މުނާސަބަތެކެވެ. ނަމަވެސް ވަރަށްގިނަ ޞަޙާބިއްޔާތުންނަށް ކާވެނިފުޅުގެ މުނާސަބާތަކުގައިވެސް އާދައިގެ ހެދުންކޮޅެއްވެސް ހޯއްދެވޭވަރެއް ނުވެއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އަހަރެންގެ އަތުގައި އަންހެނުން ހެދުމުގެ މަތީން ލާކަހަލަ އުއިފަލަފޮތީގެ ޖެކެޓެއް އޮތެވެ. ކާވެނީގެ މުނާސަބާގައި އަންހެނުން ނަލަހެދޭނަމަ އަހަރެންގެ ގާތަށް އެބަލައި އާދެއެވެ.

ގެކޮޅު

ޞަޙާބިއްޔާތުންގެ ފަޤީރުފުޅުކަމުގެ ސަބަބުން ގެކޮޅުތައް ހުންނަނީ ވަރަށް ދޭސީކޮށް ދެރަވަރުކޮށެވެ. ގިނަ ގޭގޭގައި ގިފިއްޔެއްވެސް ނުހުރެއެވެ. ޤަޟާޙާޖިތަށް ވަޑައިގަންނަވަނީ ރޭގަނޑު ޞަޙަރާގެ ތެރެއަށެވެ. ދޮރުކުޅުތަކުގައި ފަރުދާއެއް ނުހުރެއެވެ. ގެކޮޅުގައި ދިއްލާނެ ބައްތިއެއް ނުހުރެއެވެ.

ގެވެހިކަންވާރު

ޞަޙާބިއްޔާތުން ދިރިއުޅުއްވި ގެކޮޅުތަކުގައި ގެވެހިކަންވާރާއި ފެހާމާނު މުދާފަދަ ތަކެތި ވަރަށް މަދެވެ. ދެމަފިރިކަނބަލުންނަށް އޮންނަނީ އެންމެ ތަންމަތިކޮޅެކެވެ. އެތަންމަތިކޮޅުގައި ހިމެނެނީ ކަދުރުރުކުގެ ފަނުން ވިޔެފައިއޮންނަ ސާންޗެކެވެ.

ޒީނަތްތެރިވެވަޑައިގަންނަވާ ތަކެތި

ޞަޙާބިއްޔާތުން ބޭނުންފުޅުކުރެއްވީ ވަރަށް އާދައިގެ ސާދާ ގަހާނާގެ ބާވަތްތަކެވެ. އޭގެތެރޭގައި ހިމެނެނީ، ހާރާއި، ބާޒޫބަންދާއި، ކަންފަތުމުންޖާއި، އަނގޮޓިއާއި މިބާވަތުގެ ތަކެއްޗެވެ. ނަލަހެދިވަޑައިގަތުމުގައި އަނދުން އަޅުއްވައި، ހީނާފަތް އަޅުއްވައި އުޅުއްވިއެވެ. ހުވަނދާއި އަތަރު ތުރުކުރައްވައި އުޅުއްވިއެވެ.

އަމިއްލަފުޅު ކަންތައް އަމިއްލަފުޅަށް ކުރެއްވުން

ޞަޙާބިއްޔާތުން އެބޭކަނބަލުންގެ ގެކޮޅުގެ މަސައްކަތްޕުޅުތަކާއި ޢާއިލާގެ ޚިދްމަތްތައް ކުރައްވަމުން ގެންދެވީ އަމިއްލަފުޅަށެވެ. އެބޭކަނބަލުން އެކަމުގައި ވަރަށްގިނަ އުނދަގޫތަކާއި ބުރަތައް އުފުއްލެވިއެވެ. އައްސައްޔިދާ ފާޠިމަތުއް ޒަހްރާ ރަޟިޔަﷲ ޢަންހާ އަކީ އިތުރުސާހިބާގެ ލޯފުޅުގެ ނޫރެވެ. ނަމަވެސް އެކަމަނާ ފުށްމުގުރުއްވުމަށްޓަކައި އުޑިއަނބުރުއްވަ އަނބުރުއްވައި އަތްޕުޅުގައި ކުރަލައެވެ. ފެންހަން އުފުލެއްވުމުގެ ސަބަބުން މޭފުޅުގައި އެކަމުގެ ނިޝާން ހުރެއެވެ. ގެކޮޅު ކުނިކައްސަވައި ތަންތަން ފޮޅުއްވައި އުޅުއްވުމުގެ ސަބަބުން ހެދުންކޮޅު ކިލާވެފައި ހުރެއެވެ.

އިތުރުސާހިބާގެ އަނބިއަނބިކަނބަލުންވެސް އެބޭކަނބަކަލުންގެ ގެކޮޅުގެ މަސައްކަތްޕުޅުތައް ކުރައްވައި އުޅުއްވީ އަމިއްލަފުޅަށެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވެސް ގޮދަން މުގުރުއްވައި ފުށަށް ހައްދަވައި އެއިން ރޮށިފިއްސަވައި ހައްދަވައެވެ.

އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ދަރިކަނބަލުން އައްސައްޔިދާ އަސްމާ ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާ ކާވެނިބެއްލެވީ އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު އާއެވެ. މަދީނާއަށް ހިޖްރަ ކުރެއްވުމަށްފަހު އެދެކަނބަލުން އެންމެފުރަތަމަ އުޅުއްވަމުން ގެންދެވީ ވަރަށް ފަޤީރު ދިރިއުޅުއްވުމެކެވެ. އޭރު އެންމެ އަސްކޮޅެއް ފިޔަވައި އެދެކަނކަބަލުނގެ މިލްކުގައި އެހެން އެއްޗެއް ނުހުރެއެވެ. މަދީނާގެ އެކިއެކި ވިނަދަނޑުތަކަށް ވަޑައިގެން އަހަށް ކާންދެއްވާން ހުއިހޯއްދަވައިގެން ގެންނަވަނީ އަސްމާ އަމިއްލަފުޅަށެވެ.

މަދީނާގެ ބައެއް ދަނޑުބިންތައް އިސްލާމީ ދައުލަތުގެ ތަންތަން ކަމުގައި ހަމަޖެހުމުން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒުބައިރުގެފާނަށް ބިންކޮޅެއް ދެއްވިއެވެ. އެބިން އޮންނަނި މަދީނާއާ ތިންފަރުސަޚު ދުރުގައެވެ. އެދެކަނބަލުންގެ މިލްކިއްޔާތަށް ޖަމަލެއްވެސް އިތުރުވިއެވެ. އަސްމާ ތިންފަރުސަޚުގެ ދުރުން ކަދުރުއޮށްތައް އެއްކުރައްވައި އެތަކެތި އިސްތަށިފުޅުމައްޗަށް ލައްވައިގެން ގެއަށް ގެންނަވައި އެތަކެތި ތަޅުއްވައިފައި ޖަމަލަށް ކާންދެއްވައި ހެއްދެވިއެވެ.

ޞާޙާބިއްޔާތުން ގޭތެރޭގެ މަސައްކަތްޕުޅުގެ އިތުރަށް ބައެއްކަހަލަ އަތްތެރިމަސައްކަތާއި އަތުމަސައްކަތްވެސް ކުރައްވައި އުޅުއްވިއެވެ.

comment ކޮމެންޓް