މީގެ 28 އަހަރު ކުރިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހިންގެ ތެރެއިން މަދު ބަޔަކު ބޭރުގެ ޓެރެރިސްޓު ޖަމާއަތަކާ ގުޅިގެން މާލެ އަށް އަރައި ދިން އުދުވާނީ ހަމަލާއިން މިއަދު ވެސް އިބުރަތް ހާސިލް ކުރަން ޖެހެ އެވެ. ނަވާރަ ދިވެހިން ޝަހީދުކޮށްލި އެއުދުވާނީ ހަމާލާ ދިވެހި ގައުމަށް އެދެވުނީ މިގައުމާއި އަވައްޓެރި ގައުމެއްގައި ޓެރަރިސްޓް ޖަމާއަތެއް ހަރަކާތްތެރިވަމުން ދިޔައިތީ އެވެ. މުޅި ރާއްޖެ ވަށައިގެން މިއަދުވެސް އެބިރު އެބައޮތެވެ.
އަވަށްޓެރި ގައުމުތަކުގައި ހަރުކަށި ޖަމާއަތްތައް
ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ގިނަކަމަށް އެންމެ ގިނައިން އަޑުތައް ފަތުރާ މީޑިއާތައް ހިމެނޭ އިންޑިއާއަށް ބެލިކަމުގައިވިޔަސް އެކަން އޮތީ އެހެނެވެ. އިންޑިއާއަށް ބަލާއިރު ހަރުކަށި ފިކުރުގެ އެކިއެކި ޖަމާއަތްތައް ގިނަ އެވެ. އޭގެ ތެރެއިން ވެސް މިހާރު ސަރުކާރަށް ވާގިވެރިވާ، ރާސްތުރީޔާ ސުވަޔަމްސޭވަކާ ސަންގް(އާރުއެސްއެސް) އަކީ ޒަމާނުންސުރެ އެގޮތުގެ މަތިން ފާހަގަ ކުރެވޭ ޖަމާއަތެކެވެ. މިހާރު 91 އަހަރުވެފައިވާ ހިންދޫ ދީނުގެ އެ ޖަމާއަތަކީ ހަރުކަށި ފިކުރުގެ ބައެކެވެ. އިންޑިއާގެ އެކި ސަރުކާރުތަކުން ވެސް އެތައް ފަހަރަކު އެޖަމާއަތް ހިންގުން މަނާކޮށްފައިވެ އެވެ.
އެގޮތުން ފުރަތަމަ ފަހަރަށް އެޖަމާއަތް ހަރަކާތްތެރިވުން މަނާކޮށްފައި ވަނީ އިނގިރޭސީން އިންޑިއާގައި ވެރިކަން ކުރިއިރު 24 ޖެނުއަރީ 1947ގަ އެވެ. އޭގެ ފަހުން އެޖަމާއަތުގެ ކުރީގެ މެމްބަރެއް ކަމަށްވާ ނަތުރާމް ގޯޑްސް، މަހާތުމާ ގާންދީ އަވަހާރަކޮށްލުމާ ގުޅިގެން 4 ފެބްރުއަރީ 1948ގައި އެ ޖަމާއަތް ހިންގުން ހުއްޓުވި އެވެ. އަދި ތިން ވަނަ ފަހަރަށް 1992 ވަނަ އަހަރު ބާބްރީ މިސްކިތް ތަޅާލި މައްސަލައާ ގުޅިގެން އެޖަމާއަތް ހިންގުން ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު އެޖަމާއަތް ހިންގުން ހުއްދަ ކުރިއެވެ. މިއަދު އެޖަމާއަތަކީ އިންޑިއާގައި ވެރިކަން ކުރާ ބާރުގަދަ ޖަމާއަތެކެވެ.
އެޖަމާއަތުގެ ފިކުރާ ހަރަކާތައް ބަލާއިރު މުޅި ސަރަހައްދު އެމީހުންގެ ބާރުގެ ދަށަށް ގެނައުން އެއީ އެމީހުންގެ އަމާޒުކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ.
އަވަށްޓެރި ލަންކާއަށް ބަލާއިރު ޓައިގަރުން ބަލިކުރުމާ އެކު އެގައުމަށް ފުރިހަމަ މިނިވަންކަމެއް ލިބިފައިވީ ނަމަވެސް ހަރުކަށި ނުރައްކާ ފިކުރުތައް އެބައުޅެ އެވެ. އޭގެ ތެރޭގައި ބުޑިސްޓު ހާމުދުރުން އިސްވެ ތިބެގެން މުސްލިމުންނާއި ކުރިސްޓިއަނުންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ.
ހަމައެހެންމެ އަފްޣާނިސްތާން އަދި ޕާކިސްތާނަށް ބެލި ނަމަވެސް ނުރައްކާ އެތައް ޖަމާއަތެއް އެބައޮތެވެ. އެއީ ރާއްޖޭގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
އެފިކުރުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑު
"ޖިއޯ ޕޮލިޓިކްސް"ގެ ތެރެއިން އެއްގައުމުން އަނެއް ގައުމަށް އަތްގަދަ ކުރުމަށް ހަރުކަށި ފިކުރުގެ ޖަމާއަތްތައް އުފެއްދުމަކީ ވެސް ކުރަމުން އަންނަ ކަމެއްކަން ތާރީހު ހެކިދެ އެވެ. އޭގެ އެއް ހާދިސާއަކީ ސޯވިއެޓް ޔޫނިއަން އިން 1979ގައި އަފްޣާނިސްތާނަށް ވެރިވެގަތުމުން އެމެރިކާ އިން އަފްޣާނިސްތާނުގައި އުފެއްދި ހަރުކަށި ޖަމާއަތްތަކެވެ.
ކަމާބެހޭ މަސްދަރަކުން މައުލޫމާތުދޭ ގޮތުގައި ރާއްޖެއަށް އަމާޒުކޮށްގެން އެފަދަ އެތައް މަސައްކަތެއް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން ހަރުކަށި ފިކުރުގެ މީހުން އުފެއްދުމުގެ ޖަރީމާ ހިންގާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
ކަމާބެހޭ އިދާރާއެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެން ބޭނުންވާ ގައުމެއް އަޑީގައި އޮވެގެން އެގައުމުގެ ހަރުކަށި ޖަމާއަތެއް މެދުވެރިކޮށް އިސްލާމީ ރިވެތި އުސޫލްތަކާ ހިލާފަށް މަސައްކަތްކުރާ ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި އުފައްދަން މަސައްކަތް ކުރެ އެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ އެމަންޒަރު، އެމީހުން އެތެރޭގައި ތިބެގެން އެހެން މީހުން ލައްވައި ފަންޑުކޮށް ކަންކަން ބުނެދީގެން މިކަން ކުރާ މަންޒަރު، އެކްސްޓްރީމިސްޓުން އުފައްދަނީ ގައުމުގައި ހަމަނުޖެހުން ނެތް ކަމަށް ބުނެ ގައުމަށް އަންނަން،" އޮފިޝަލް ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގައި "ތަކްފީރީން" އެބަ އުފައްދަ އެވެ. އެފަދަ މީހުން ގަބޫލުކުރާ ވިސްނުން ގަބޫލުނުކުރާ އެހެން އެންމެންނަކީ ކާފަރުންކަމަށް އެމީހުން ބުނެ އެވެ. އަނެއްކޮޅުން "އެތުއިސްޓުން" އެބަ އުފައްދަ އެވެ. އެއީ ދީނެއް ވަހުދަތެއް ގަބޫލް ނުކުރާ ބައެކެވެ. އެދެބައި މީހުން މިގައުމުގައި އުފެއްދުމަށް ފަހު އެބައި މީހުންގެ ތެރޭގައި ފިތުނަ އުފައްދައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރެ އެވެ. އެއާ އެކު ގައުމު ހަލަބޮލިވަނީ އެވެ.
ރާއްޖޭގެ އިގްތިސާދަކީ ނާޒުކު އިގްތިސާދެކެވެ. ޓޫރިސްޓުން މިގައުމު ކަމުދަނީ މިއީ އަމާން ގައުމަކަށް ވާތީ އެވެ. އެކަން ނައްތާލުމަށް އިސްވެ ފާހަގަ ކުރި ފަދަ ހަރުކަށި ޖަމާއަތެއްގެ ރޭވުމަކަށް ވިސްނަންޖެހެ އެވެ. އަދި ގިނަ ފަހަރު އެފަހަރު ހަމަލާތައްދޭ އިރު އެކަމުގައި އެގައުމެއްގެ ބަޔަކު ބައިވެރިކޮށްގެން އަދި އެމީހުން އެތެރޭގައި ތިބެގެން އެކަން ކުރާކަން ފާހަގަކުރަންޖެހެ އެވެ.
ގައުމިއްޔަތު ވަރުގަދަކުރަންޖެހިފައި
އެތައް ހާސް ބަހަކުން ވާހަކަ ދައްކާ އެތައް ހާސް ދީނަކަށް އުޅޭ ބަޔަކު އެއްގައުމެއްގައި އުޅެމުން ދާއިރު އެއް ބަހަކުން ވާހަކަ ދައްކާ އެއް ދީނަކަށް އުޅޭ މިރާއްޖޭގައި އެއްބައިވަންތަކަމާ އެކު ގައުމީ ލޯބި މިވަނީ އާލާނުކުރެވި ވިއްސި ވިހާލިވެފަ އެވެ.
ދިވެހިންގެ ހިތްތަކުގައި ގައުމީ ރޫހް ނުވަތަ ގައުމަށް ވަފާތެރި ވުމުގެ ރޫހް ނެތް ސަބަބާ ގުޅޭ ގޮތުން ދިވެހިބަހުގެ މާހިރެއްކަމުގައިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ގައުމީ ލޯބި އަށަގެންނެވުމުގައި އެބައެއްގެ ބަސް މުހިންމު ވާ ގޮތަށް، އެ ބައެއްގެ ތާރީޚާއި އާދަކާދަ ވަރަށް މުހިންމުކަމަށް ޢިލްމުވެރީން ވިދާޅުވާ ކަމަށެވެ.
"ގައުމީ ލޯބި އަށަގަންނަނީ ހުރިހައިކަމަކަށް ގައުމުގެ ދަރީން ލޯ ހުޅުވިގެން. ގައުމު ގައުމަކަށްވީ ގޮތް އެނގިގެން. އަންގައި ދެވިގެން. ޢަމަލީ ގޮތުން ކުދީން ކަންކަމުގައި ބައިވެރިކުރެވިގެން،" އާދަމް ނަސީރު ވިދާޅުވި އެވެ.
* ނަސީރުގެ ނަޒަރުން ކުދީންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގަންނަވަން ކުރެވިދާނެ ކަންކަން ތިރީގައި މިވަނީ އެވެ.
- ދިވެހިބަހާއި އަދަބިއްޔާތުގެ ފަންނުތަކަށް ދަރިވަރުން ލޯހުޅުވުން.
- ގައުމީ ބަޠަލުންގެ ޖިހާދުތައް ފިލްމުގެ ގޮތުގައި ރަނގަޅު ފެންވަރުގައި ތައްޔާރުކޮށް ކުދީންނާ ހަމައަށް ފޯރުކޮށްދިނުން.
- ދިވެހީންގެ ސަގާފީ އަގުތައް ވަޒަންކުރެވުން.
- ދިވެހީންގެ މަސައްކަތްތެރިކަމާއި ފަންނު ޢިލްމުގެ ގޮތުގައި ލިޔެވި ތަޢުލީމީ މަންހަޖުގައި ހިމެނުން.
- ޚަބަރުފަތުރާ ވަސީލަތްތައް އިޞްލާޙުވުން.
- ހުރިހައި ފެންވަރެއްގައި ހުރިހައި ޙާލަތެއްގައި ގައުމީ ލޯބީގެ އަގުވަޒަންކުރެވޭތަން އަބަދު ވެސް ފެނުން.
ކޮންމެ އަކަސް މިނިވަން މިގައުމަށް އަތްގަދަ ކުރުމަށް އެތައް ގޮތަކުން އެބަ މަަސައްކަތް އެބަކުރެ އެވެ. އެކަންކަން ކުރުމަށް ދިވެހީންގެ ހިތްތަކަށް އެކިއެކި ވިސްނުންތައް ވައްދައި ދިނުމަށް ވެސް އެތައް މަސައްކަތެއް އެދަނީ ކުރަމުންނެވެ. އެކަންކަން ހައްލު ކުރުމަށް ގައުމިއްޔަތު ވަރުގަދަ ކުރުމަށް އެކަށޭނަ މަސައްކަތްތަކެއް ކުރަން މިވަނީ މަޖުބޫރުވެފަ އެވެ.