ބާސާއިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފި

ބާސެލޯނާއިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ސްޕެނިޝް ކޮޕާ ޑެލް ރޭ އުފުލައިލަނީ -- ފޮޓޯ: އޭޕީ

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ފައިނަލްގައި އަލަވޭސް އަތުން 3-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެ، ބާސެލޯނާއިން އެ މުބާރާތް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

ބާސާގެ ކޯޗު ކަމުގައި ތިން އަހަރު ހޭދަކުރުމަށް ފަހު، ލުއިސް އެންރީކޭ އެޓީމު ދޫކޮށް ދިއުމުގެ ކުރީން ހޯދައިދިން މި ކާމިޔާބީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނިޓްގައި ލިއޮނަލް މެސީއެވެ. މިއީ، އޭނާ މި ސީޒަންގައި ކާމިޔާބުކުރި 54 ވަނަ ލަނޑެވެ. އަދި މެސީ ވަނީ، 1950ގައި ޓެލްމޯ ޒަރާއަށް ފަހު، ކޮޕަ ޑެލް ރޭގެ ހަތަރު މުބާރާތެއްގެ ފައިނަލް މެޗުގައި ލަނޑު ޖެހުމުގެ ޝަރަފް ހޯދި ހަމަ އެކަނި ކުޅުންތެރިޔާއަށް ވެސް ވެގެން ގޮސްފައެވެ.

ބާސާ ލީޑު ނެގިތާ ތިން މިނިޓް ފަހުން، އަލަވޭސްގެ ތިއޯ ހެނާންޑޭޒް ވަނީ، އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފް 45 ވަނަ މިނިޓްގައި ނޭމާ ވަނީ، ބާސާއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ނޭމާގެ މި ލަނޑާއެކު އޭނާ ވެގެން ގޮސްފައި ވަނީ، 1962 ވަނަ އަހަރު، ފެރެންކް ޕުސްކާސް އަށް ފަހު، ޖެހިޖެހިގެން ކޮޕަ ޑެލް ރޭގެ ތިން ފައިނަލް ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ބާސާގެ ތިން ވަނަ ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ، މެސީގެ އެހީތެރިކަމާއެކު ޕާކޯ އަލްކަސޭރްއެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބަލިކޮށް ކޮޕާ ޑެލްރޭ ކާމިޔާބު ކުރެވުނު ނަމަވެސް، ސްޕެނިޝް ލީގުގެ ދެވަނައިގައި މި ސީޒަން ނިންމާލި ބާސާއަށް މިއީ އެހާ ހިތްގައިމު އަހަރެއް ނޫނެވެ.

ރޭ ކުޅުނު ކޮޕަ ޑެލް ރޭގެ ފައިނަލް މެޗަކީ މެޑްރިޑްގެ ވިސެންޓޭ ކަލްޑެރޯން ބަންދުކުރުމުގެ ކުރީން ކުޅޭ އެންމެ ފަހު މެޗެވެ.

comment ކޮމެންޓް