ރޮނާލްޑޯއާއި މެސީގެ ދުވަސް ދުއްވާލަން ޖެހޭ ކަމަށް ބަލޮޓެލީ ބުނެފި

މާރިއޯ ބަލޮޓެލީ ގަބޫލުކުރާ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ކުޅުން ހުއްޓާ ނުލާހާ ހިނދަކު އެހެން ކުޅުންތެރިއަކަށް ބެލޮންޑޯ ހާސިލް ކުރުމަކީ އުނދަގޫ ކަމެއް -- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީގެ ދުވަސް ދުއްވާލައިގެން ނޫނީ، ބެލަންޑޯ އެވޯޑު ހާސިލްކުރެވެން ނެތް ކަމަށް އިޓަލީގެ ތަރި މާރިއޯ ބަލޮޓެލީ ބުނެފި އެވެ.

ބެލަންޑޯ އެވޯޑް ހާސިލްކުރުމަކީ މިހާރު އުމުރުން 26 އަހަރުގެ ބަލޮޓެލީގެ ވަރަށް ބޮޑު ހުވަފެނެކެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި ވެސް އެ އެވޯޑް ހޯދާފައި ވަނީ، މެސީ ނުވަތަ ރޮނާލްޑޯ އެވެ.

ފްރާންސްގެ ނީސްއަށް ކުޅެމުންދާ ބަލޮޓެލީ ގަބޫލުކުރާ ގޮތުގައި، ރޮނާލްޑޯއާއި މެސީ ތިބިހާ ދުވަހަކު އެ އެވޯޑު ހޯދުމުގެ ފުރުސަތު އޭނާއަކަށް ނުލިބޭނެ އެވެ.

"ބެލަންޑޯ ހޯދަން ބޭނުން ނަމަ އަހަރެން ޖެހޭނީ އެ ދެމީހުން މަރާލަން،" ސަމާސާ ގޮތަކަށް ބަލޮޓެލީ ބުންޏެވެ.

"އަހަރެންގެ ކެރިއަރުގައި މިހާތަނަށް އައިއިރު ބޭނުންވާ ވަރަށް މަސައްކަތެއް ނުކުރެވޭ، އަދި ވަރަށް ބައިވަރު މަސައްކަތް ކުރަން ޖެހޭ."

ފްރާންސް ލީގުގެ ނީސްއާ ގުޅުނު ފަހުން ބަލޮޓެލީ ވަނީ، އެޓީމަށް އޭނާ ކުޅުނު 23 މެޗުން ޖުމުލަ 15 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

comment ކޮމެންޓް