އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނެ ކުރެވިފައިވާ ތުހުމަތުތަކުން މެންޗެސްޓާ ސިޓީ ބަރީއަވެ، ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށް އެ ކްލަބުގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ބުނެފިއެވެ.
ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނާ 114 މައްސަލައެއްގައި ސިޓީ ކުށްވެރިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، އިއްޔެ ސަޕޯޓަރުންނަށް ފޮނުވި ސިޓީއެއްގައި އަލް މުބާރަކް ބުނީ މި މައްސަލައިގެ މަރުހަލާތައް އަދި ނުނިމޭ ކަމަށެވެ. އަދި މި މައްސަލަ ފެށުނުއިރު ވެސް އޮތް ފަދައިން، ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމުގެ ޔަގީންކަން މިހާރު ވެސް އެގޮތުގައި ދެމި އޮތް ކަމަށް އޭނާ ފާހަގަކުރިއެވެ.
"ޕްރިމިއާ ލީގުގެ މި މަރުހަލާގައި އަދި ކުރިއަށް ވަރަށް ގިނަ ކަންކަން އެބަހުރި. ކްލަބަކީ ކުށެއް ނެތް ބައެއްކަން ސާބިތުކޮށްދިނުމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި އަޒުމް، މިކަން ފެށުނުއިރު އޮތް މިންވަރަށް ވުރެ ކުޑައެއް ނޫން،" އަލް މުބާރަކް ބުންޏެވެ.
މި މައްސަލައިގައި އަބަދުވެސް ކުށެއް ނުކުރާ ކަމަށް ބުނަމުން އަންނަ މެންޗެސްޓާ ސިޓީން، މިނިވަން ޕެނަލްގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
އަލް މުބާރަކް އިތުރަށް ބުނީ ގާނޫނީ ހަމަތަކުގެ ސަބަބުން މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުމުގައި ހުރަސްތަކެއް އެބަހުރި ކަމަށާއި، ސަޕޯޓަރުން ކެތްތެރިކަން އިސްކުރުމަށް އެދޭ ކަމަށެވެ. އަދި ކްލަބުގެ ކުރިއެރުމަށް ހުރަސްއަޅަން ބަޔަކު ބޭނުންވި ނަމަވެސް، އެ ފުރުސަތު އެ ފަރާތްތަކަށް ނުދޭނެ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ޕްރިމިއާ ލީގުން ވަކި އެއްޗެއް ބުނަން ދެކޮޅު ހަދާފައިވާއިރު، ޕްރިމިއާ ލީގުގެ ތަރުޖަމާނު ވިދާޅުވީ މިއީ ސިއްރު ހިފަހައްޓަންޖެހޭ މަރުހަލާއެއް ކަމުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.
ސިޓީގެ އެއްވެސް ކުށެއް ނެތްކަން ސާބިރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސިޓީގެ ޗެއާމަން އަލް މުބާރަކް ބުނެފައިވާއިރު، ކުރީގެ ޗެއާމަން ޑޭވިޑް ބާންސްޓީން ބުނެފައި ވަނީ ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައި އެ ކްލަބަށް ވަރަށް ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ކުލަބުގެ ކުރީގެ ޗެއާމަން ޑޭވިޑް ބާންސްޓީން..... ފޮޓޯ/ ސްކައި ސްޕޯޓްސްސިޓީން މި ތުހުމަތުތައް ދޮގުކޮށް މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވިފައިވާއިރު، ބާންސްޓީން ބުނެފައިވަނީ އިސްތިއުނާފަށް ފަހު ވެސް ކުށް ސާބިތުވެއްޖެނަމަ ހަމައެކަނި ޖޫރިމަނާއެއް ކުރުމަކުން ނުފުދޭނެ ކަމަށާއި، ވަރަށް ހަރުކަށި އަދަބެއް ދޭން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އިސްތިއުނާފު މަރުހަލާ އަވަސްކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މި މައްސަލަތައް ސާބިތުވެއްޖެނަމަ ސިޓީގެ ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއާ ލީގުން ވަކިކުރުން ފަދަ ބޮޑެތި އަދަބުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެެވެ.
މީގެ އިތުރުން ޕްރިމިއާ ލީގުގެ އެހެން ކްލަބްތަކުން ގެއްލުމުގެ ބަދަލު ހޯދުމަށް ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.