ބައިނަލްއަގުވާމީ ބާސްކެޓް މުބާރާތްތަކުގައި ވާދަކުރާ މުސްލިމު އަންހެން ކުޅުންތެރީންނަށް ބުރުގާ އަޅައިގެން ކުޅެވޭގޮތްވުމަކީ ރާއްޖެފަދަ މުސްލިމު ގައުމަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާއި އެކަމަކީ ރާއްޖެއިން ވަރަށް ބޮޑަށް ވަކާލާތު ކުރި ކަމެއް ކަމަށް ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހްމަދު ހާފިޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގުވާމީ ބާސްކެޓް މުބާރަތާ ގުޅިގެން ސަން ސްޕޯޓްސްއަށް ދިން ހާއްސަ ބަސްދީގަތުމެއްގައި، ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މިހާރު ސާބާގެ ރައީސް ވިދާޅުވީ، ބުރުގާ އަޅައިގެން ބައެއް ކަހަލަ ބާސްކެޓް މުބާރާތްތަކުގައި ވާދަ ނުކުރެވުމަކީ ކުރިން ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމަށް ލިބުނު ދެރައެއްކަމަށެވެ.
ހާފިޒް ވިދާޅުވީ ބައެއްފަހަރު ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކަށް އަންހެން ޓީމު ގޮވައިގެން ދާ ފަހުންވެސް މުބާރަތުގައި ބައިވެރި ނުވެވޭނެ ކަމަށް ނިންމާފައި އެބަހުރި ކަމަށެވެ. އަދި ބައެއް ފަހަރު އެކަމުގެ ސަބަބުން ބައެއް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ނުލިބިފައިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބާސްކެޓަށް ހިދުމަތް ކޮށްފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ހާފިޒް ވިދާޅުވީ ބައިނަލް އަގުވާމީ މުބާރާތްތަކުގައި އަންހެން ކުޅުންތެރީން ވާދަކުރާއިރު ބުރުގާ އެޅޭގޮތައް ހެދުމަކީ ރާއްޖެއިން އަބަދުވެސް މަސައްކަތްކުރި ކަމެއް ކަަމަށާއި އެކަމަކީ ތަފާތު އެކި ފޯރަމްތަކުގައި ރާއްޖެއިން ވަކާލާތު ކުރި ކަމެއް ކަމަށެވެ.
" ވަރަށް ގިނަ ތަންތަނުގައި އެކަމަށް ވަކާލާތު ކުރިން. ބައެއް ކުޅުންތެރީންވެސް އެބަތިބި މި މައްސަލައާ ހެދި ކުޅުން ހުއްޓާލާފައި. އެ ކުޅުންތެރީން ިދޔުމުގެ ސަބަބަުން އެބަހުރި ބާސްކެޓަށް ބޮޑެތި ގެއްލުންވެސް ވެފައި،" ހާފިޒް ވިދާޅުވިއެވެ.