ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ބާސްކެޓްބޯޅައިގެ ފިރިހެން އިވެންޓްގެ ރަން މެޑަލް އެމެރިކާއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ހޯދައިފިއެވެ.
ބާސްކެޓްބޯޅައިގެ ފިރިހެން ބައިން އެމެރިކާއިން ރަން މެޑަލް ހާސިލުކޮށްފައިވަނީ ފައިނަލްގައި މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ ފަރަންސޭސިވިލާތާ ބައްދަލުކުރި މެޗު 98 ޕޮއިންޓް 87 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ.
މެޗު ބައްލަވާލެއްވުމަށް ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ވަޑައިގެންނެވިއިރު ކުރީގެ ފުޓްބޯޅަ ތަރި ތިއެރީ އޮންރީ، އެންބީއޭގެ ކުރީގެ ތަރި ޓޯނީ ޕާކާ ފަދަ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތުތައް ފަރަންސޭސި ޓީމަށް ތާއީދުކުރަން ގޮސް ތިއްބެވެ.
އެމެރިކާގެ މުޅި ޓީމުގައި ވެސް އެންބީއޭގައި ކުޅޭ ނަން މަޝްހޫރު ތަރިން ތިބި ނަމަވެސް، ފަރަންސޭސި ޓީމުން ފާހަގަވާން ހުރީ ޒުވާން ކުޅުންތެރިޔާ ވިކްޓާ ވެމްބަންޔާމާއެވެ. ނަމަވެސް، މެޗު ވަރުގަދަކޮށް ފެށީ ފަރަންސޭސީންނެވެ.
މެޗު ފެށުމާ އެކު އެ ޓީމުންވަނީ ހަތް ޕޮއިންޓްގެ ލީޑެއް ވަރަށް ކުރީކޮޅު ނަގައިފައެވެ. ނަމަވެސް، އެމެރިކާއިން މެޗުގެ ތެރެއަށް ވަދެވި މާ ގިނައިރުތަކެއް ނުވެ، ލީޑު ނެގިއެވެ. އަދި، ފުރަތަމަ ކުއާޓާ އެމެރިކާއިން ނިންމާލީ 20 ޕޮއިންޓް 15 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ކުއާޓާގައި ވެސް ފަރަންސޭސި ޓީމުން ލީޑު ނެގޭތޯ މަސައްކަތްކުރި ނަމަވެސް މި ކުއާޓާގައި ވެސް އެމެރިކާ ޓީމު ފެނުނީ މާ ވަރުގަދަކޮށެެވެ. މެދަށް ހުއްޓާލިއިރު އެމެރިކާ ޓީމު އުޅުނީ އަށް ޕޮއިންޓްގެ ލީޑެއްގައެވެ. އަދި، ތިންވަނަ ކުއާޓާ ނިންމާލީ 72 ޕޮއިންޓް 66 ޕޮއިންޓުން އެމެރިކާ ކުރީގައި އޮވެގެންނެވެ.
މިއާ އެކު ވެސް ފަރަންސޭސީން ހިތްވަރު އެލުވައިނުލާ ކުރި މަސައްކަތުން ފަހު ކުއާޓަރުގައި މި ފަރަގު ތިން ޕޮއިންޓަށް ކުޑަކުރިއެވެ. ނަމަވެސް، ދެން ފެނުނީ ސްޓެފަން ކަރީގެ މޮޅު ކުޅުމާ އެކު އަނެއްކާ ވެސް އެމެރިކާއާއި ފަރަންސޭސި ޓީމުގެ ދެމެދުގައި ހުރި ތަފާތު ދައްކާލި ވަގުތު ކޮޅެކެވެ.
މެޗު ނިމުމާ އެކު އެމެރިކާގެ ކުޅުންތެރިން އުފާ ފާޅުކުރިއިރު ފަރަންސޭސީންނަށް މިވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލްގައި އެމެރިކާ އަތުން ބަލިވެފައެވެ.
މެޗަށް ފަހު އެމެރިކާ ޓީމުގެ ކެޕްޓަން ލެބްރޮން ޖޭމްސްއާއި ކޯޗު ސްޓީވް ކާ ވެސް ވަނީ ކަރީގެ މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ.