އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ވެސްޓާން ކޮންފަރެންސްގެ އެއްވަނަ މަގާމަށް ނަގެޓްސް އަރައިފިއެވެ.
ޑެންވާގެ ބޯލް އެރީނާގައި ކުޅުނު މިމެޗު ނަގެޓްސް އިން ކާމިޔާބު ކޮށްފައިވަނީ 116 ޕޮއިންޓް 107 ޕޮއިންޓުންނެވެ. ޕްލޭ އޮފް ފެށެން ގާތްވެފައިވާއިރު ވެސްޓާން ކޮންފަރެންސްގެ އެއްވަނަ އާއި ދެވަނައަށް އަންނަނީ މިދެޓީމު ވަރަށް ފޯރީގައި ވާދަކުރަމުންނެވެ. އަދި މިކާމިޔާބީއާއެކު ޕްލޭ އޮފްގައި ވެސްޓްގެ އެއްވަނަ ޓީމަކަށް މިވަގުތު އޮތީ ނަގެޓްސްއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 41 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ވުލްވްސްއަށް މިމެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން އެންތަނީ އެޑްވާޑްސްއެވެ.
މިމުބާރާތުގައި އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 127 ޕޮއިންޓް 89 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ތަންޑާއެވެ. މިމެޗުގައި ތަންޑާގެ ޖޯޝް ގިޑޭވަނީ 20 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ސްޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ޒެކް ކޮލިންސްއެވެ.
މީގެއިތުރުން މިލްވައުކީ ބަކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗު 117 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބު ކުރީ ބަކްސްއެވެ. މިމެޗުގައި ބަކްސްގެ ޑަމިއަން ލިލާޑްވަނީ 29 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ކޮށްފައެވެ. އަދި މެޖިކްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޕައޮލޯ ބަންޗޭރޯއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްލީވްލަންޑް ކެވެލިއާސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 110 ޕޮއިންޓް 98 ޕޮއިންޓުން ކެވެލިއާސް ކާމިޔާބު ކޮށްފައިވާއިރު ޑެލަސް މެވްރިކްސް އާއި މައޭމީ ހީޓު ބައްދަލުކުރި މެޗު 111 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ މެވްރިކްސްއެވެ.
ބްރޫކްލިން ނެޓްސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 106 ޕޮއިންޓް 102 ޕޮއިންޓުން ނެޓްސް ކާމިޔާބު ކޮށްފައިވާއިރު ޗާލޮޓް ހޯނެޓްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 115 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހޯނެޓްސްއެވެ. އަދި ފީނިކްސް ސަންސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު 124 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސަންސްއެވެ.