އިއްސެގެ ނަޒަރުގައި ކާމިޔާބީއަށް ވުރެ، ކުރާ ދަތުރު މާ ޗާލު!

އިސްމާއީލް ހަމީދު (ހައިރައިޒް އިއްސެ) ޒުވާނުންގެ އެވޯޑު ހިއްޕަވައިގެން އަނބިކަނބަލުންނާ އެކު -- ފޮޓޯ: ހައިރައިޒް

އުމުރުން އެންމެ 17 އަހަރުގައި، ސަފާރީ އުޅަނދުތަކަށް ޖެހުނު ލޯތްބަކާ ހެދި ނެރުނު މަޖައްލާއަކުން ރާއްޖެއަށް އުފެދުނީ އިންގިލާބީ ވިޔަފާރިވެރިއެކެވެ. އެ ވިޔަފާރީގެ ތެރެއިން މާކެޓިންގް އަދި އިސްތިހާރުކުރުމާއި، އިވެންޓް މެނޭޖްމެންޓްގެ ދާއިރާއަށް ވަދެވުނެވެ. މިއަދު ހައިރައިޒް ކުންފުންޏަކީ ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ބައެކެވެ.

އުމުރުން 38 އަހަރުގެ ވިޔަފާރިވެރިޔާ ގިނަ މީހުންނަށް އެނގެނީ ހައިރައިޒް އިއްސެގެ ނަމުންނެވެ. އިސްމާއީލް ހަމީދު ނުވަތަ ހައިރައިޒް އިސެއަކީ ހައިރައިޒް ކުންފުނީގެ މޭސްތިރި އެވެ.

ސަފާރީ އުޅަނދުފަހަރާއި ބޯޓިންގް އިންޑަސްޓްރީއަށް ހުރި ޝައުގުވެރިކަމާ ހެދި ރަހުމަތްތެރީންތަކަކާ ވާހަކަ ދައްކައި، ފްލޯޓިންގް މޯލްޑިވްސްގެ ނަމުގައި ރާއްޖޭގެ ލިވްއަބޯޑުތަކުގެ މަޖައްލާއެއް އިއްސެ ނެރުނެވެ. އެ މަޖައްލާ މިއަދު ވަނީ މުޅި އޭޝިއާ ބައްރާ ހަމައަށް ދޮންވެ ފައްކާވެފަ އެވެ. މިއަދު އެ މަޖައްލާއަކީ ފްލޯޓިންގް އޭޝިއާ އެވެ. ރާއްޖޭގެ އިތުރުން ފިލިޕީންސް، އިންޑޮނޭޝިއާ އަދި ތައިލެންޑާއި ސްރީލަންކާ ފަދަ ގައުމުތަކުގެ އުޅަނދުތައް ވެސް އޭގައި އެބަހުއްޓެވެ.

އިސްމާއީލް ހަމީދު ކުޑައިރުގެ ފޮޓޯއެއް -- ފޮޓޯ: ހައިރައިޒް

ފްލޯޓިންގް މެގަޒިނުން އުފެދުނު "ފްލޯޓިންގް އިއްސެ" ދެން ބަދަލުވީ "ހައިރައިޒް އިއްސެ"އަށެވެ. ހައިރައިޒް ކުންފުނި އުފައްދައި، އެންމެ ފުރަތަމަ ބޭއްވީ "ރަންވޭ" ފެޝަން އިވެންޓެވެ. އެ ހަރަކާތް ރާއްޖޭގެ އަސްދަނޑިން ބޭރަށް ވެސް ހައިރައިޒުން ގެންގޮސްދިނެވެ. ވަރަށް ކާމިޔާބެވެ.

ހައިރައިޒަކީ އަމިއްލަ ހަރަކާތްތަކާއި މައުރަޒުތަކެއް އުފައްދައި، ބާއްވަމުން އަންނަ އިވެންޓް މެނޭޖްމެންޓް އަދި މާކެޓިންގް ކުންފުންޏެކެވެ. ހައިރައިޒުން އެކުންފުނީގެ އަމިއްލަ ހަ އިވެންޓެއް ބާއްވަ އެވެ. އޭގެ ތެރޭގައި ސައުންޑްސް އޮފް މޯލްޑިވްސް، ލިވިންގް އެކްސްޕޯ، ވެކޭޝަންސް އެކްސްޕޯ، އެފްއެންޑްބީ ޝޯ، އަލަށް މިއަހަރު ބާއްވާ ޕްރިންޓް އެންޑް އެޑްވަޓައިޒިންގް އެކްސްޕޯ ފަދަ މައުރަޒުތައް ހިމެނެ އެވެ. އެއަށް ފަހު ހައިރައިޒްގެ އެންމެ ކާމިޔާބު، ބައިނަލްއަގުވާމީ އިވެންޓް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އިސްމާއީލް ހަމީދު މަޖީދިއްޔާ ސްކޫލްގައި އުޅުނު އިރު-- ފޮޓޯ: ހައިރައިޒް

މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލުކުރި އިސްމާއިލް ހަމީދު ވިދާޅުވި ގޮތުގައި އޭނާ އަދިވެސް ގެންދަނީ، ސްކޫލުން ދަސްވި އަޚުލާގުގައި ހިފަހައްޓަމުންނެވެ. އޭރު ސްކޫލުގެ ނާޡިރުންގެ ފަރާތުން ދަސްކުރި ފިލާވަޅުތަކުގަ އެވެ.

"އަހަރެން ދުވަހަކު ވެސް ބޯ ދިގެއް ނުކުރަން. އެކަމަށް އިންޓްރެސްޓެއް ވެސް ނުހުރޭ. ފަޓުލޫނު ވެސް ފައި ދަށަކަށް ގޮސްފައި ނުހުންނާނެ. އެކަހަލަ ޕްރިންސިޕްލްސް ހުންނާނެ އަބަދުވެސް،" އިއްސެ ވިދާޅުވި އެވެ.

އިއްސެ އޭނާގެ އާއިލާ ދެކެ އިންތިހާއަށް ލޯބިވެ އެވެ. އޭނާ ވިދާޅުވާ ގޮތުން، ދުވާލަކު މަދުވެގެން އެއްފަހަރު އޭނާގެ ކޮއްކޮއިންނާއި ދައްތައަށް ފޯނުން ގުޅައި، ހާލު ނުބަލާ ދުވަހެއް ނުދާނެ އެވެ. އިއްސެއެކޭ އެއްފަދައިން، އިއްސެގެ ޒަމާންވީ އަނބިމީހާ ނިއުމާ ވެސް އެކަން ކުރެ އެވެ.

ހައިރައިޒް އިއްސެގެ އާއިލާ -- ފޮޓޯ: ހައިރައިޒް

އިއްސެ ވިދާޅުވި ގޮތުގައި، މަސައްކަތް ކުރުމުގައި ކާމިޔާބު ކުރެވޭނީ ވަގުތުގެ މުހިންމުކަން ދެނެގަނެގެންނެވެ. ކަމެއް ކޮށްލުމަށް ޓަކައި މަސައްކަތް ކޮށްގެން އެކަމުގެ އުފަލެއް، މަންފާއެއް ނުލިބޭނެ އެވެ.

"ހިތުގެ އަޑިން ޕެޝަނޭޓްކޮށް ކަމެއް ކޮށްފިއްޔާ، އެކަމެއް ފެއިލްވިޔަސް އެއީ އަސްލު އެޗީވްމެންޓެއް. ޑެސްޓިނޭޝަނަށް ވުރެ ޖާރނީ ބިއުޓިފުލްވާނެ. އެ ޖާނީ، މެމޯރަބަލް އެއްޗަކަށް ހެދިއްޖިއްޔާ އެއީ ވަރަށް ބައިވަރު ތަޖުރިބާ،" އިއްސެ ވިދާޅުވި އެވެ.

އިއްސެގެ ޓާސްކު: 5،000 ރުފިޔާއިން އާ ވިޔަފާރިއެއް ފެށުން

"ސަން ވިޔަފާރި"ގެ ފަރާތުން އިއްސެއަށް ހަވާލުކުރި ޓާސްކަކީ، ވިޔަފާރީގެ ޚިޔާލެއް ވަގުތުން ވަގުތަށް އުފައްދައި، ހިއްސާ ކުރުމެވެ. އެގޮތުން އިއްސެއަށް ހަވާލުކުރީ 5،000 ރުފިޔާގެ ކެޕިޓަލަކުން ފަށާނެ ވިޔަފާރިއެއްގެ ޚިޔާލު ޑިވެލޮޕް ކުރުމެވެ.

އިއްސެ ވިދާޅުވި ގޮތުގައި، އޭނާ 5،000 ރުފިޔާގެ ބޭނުންކޮށްގެން ނެރޭނީ މަޖައްލާއެކެވެ. ސަބަބަކީ، އެއީ އިއްސެގެ ވިޔަފާރީގެ ބިންގަލަކީ ވެސް މަޖައްލާއެއް ނެރުން ކަމަށް ވާތީ އެވެ. އިއްސެ ވިދާޅުވީ، ލިޔުންތެރިކަމުގެ ހުނަރު ހުރި ކުއްޖަކު ހޯދުމަށް ފަހު، އާ މަޖައްލާގެ ކޮންސެޕްޓް އުފައްދައި، އެއަށް ސްޕޮންސާ ދޭނެ ވިޔަފާރިތަކާ ވާހަކަ ދައްކާނީކަމަށެވެ.

"ކޮންސެޕްޓް ޑިވެލޮޕް ކުރާކަށް އެއްވެސް ލާރިއެއް ނުދާނެ. އެއީ ހަމަ ޚިޔާލު. އައިޑިއާ ޑިވެލޮޕްކޮށްގެން ރިއަލިޓީއަށް ބަދަލުކުރަން ޖެހޭނީ،" އިއްސެ ވިދާޅުވި އެވެ.

އިއްސެ ވިދާޅުވީ ސްޕޮންސަރުން މެދުވެރިކޮށް ފައިދާ ހޯދައިގެން މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ނެރޭ މަޖައްލާއެއް އުފައްދައިގެން، ލިޔުންތެރިޔާގެ އިތުރުން އިތުރު ތިން ކުއްޖަކު ބެލެހެއްޓޭނެ ވިޔަފާރިއެއް އުފެދިގެން ދާނެ ކަމަށެވެ. އަދި މި ޚިޔާލުގެ ދަށުން އުފައްދާ މަޖައްލާއެއް ފްލޮޕު ވެއްޖެ ނަމަ އޭގެ އޮނިގަނޑު އަލުން ބަދަލުކޮށްގެން ވިޔަސް ނެރޭނެ ކަމަށް އިއްސެ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އިއްސެ އޭނާގެ ޕްރޮޑަކްޓްތަކަށް ނުލާހިކު އިތުބާރު ކުރެ އެވެ. އިއްސެ ވިދާޅުވި ގޮތުގައި އޭނާ ފަހަތުގައި ހުރެގެންދޭ އައިޑިއާއަކަށް ބިނާކުރާ ވިޔަފާރިއެއް ނަމަ އެކަން ވާނީ ވަރަށް އާދަޔާ ޚިލާފު، 'ޔުނީކް' ކަމަކަށެވެ.

"އަހަރެން ފަހަަތުގައި ހުރެގެން ހެލްޕް ވެގެން، މީހަކު ލައްވައި ކުރެވޭނެ ވަރުގެ ޔުނީކް އައިޑިއާއަކަށް ވާނެ. އަހަރުމެން މިހާތަނަށް ކޮށްފައި ވެސް ހުންނާނީ ޔުނީކް ކަންކަން،" ފަޚުރުވެރިކަމާ އެކު އިއްސެ ވިދާޅުވި އެވެ.

comment ކޮމެންޓް