ސެއިންޓް ރީޖިސް ވޮއްމުލީގެ ފަރުމާއަށް ބައިނަލްއަގުވާމީ އެވޯޑެއް

ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓު ---

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ގްރޫޕު، ސްޓާވުޑްއިން ރާއްޖޭގައި ހިންގާ ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުގެ އެކްސްޓީރިއާ ފަރުމާއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

ވޮއްމުލި ރިސޯޓަށް ލިބުނު "ޕްރީ ވަރސައިޔަ" އެވޯޑަކީ، ފިހާރަ، ރެސްޓޯރަންޓް އަދި ހޮޓެލްތަކުގެ އާކިޓެކްޗަރ ނުވަތަ ފަރުމާތަކަށް ބަލައި، ދޭ ބައިނަލްއަގުވާމީ އެވޯޑެވެ. ފްރާންސްގައި ދޭ މި އެވޯޑަށް ޔުނެސްކޯއާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް އާކިޓެކްޓްސްއިން އެއްބާރުލުމާއި ސަޕޯޓު ދެއެވެ.

ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުން ބުނި ގޮތުގައި، އެ ރިސޯޓަށް ލިބުނީ އެފްރިކާއާއި ހުޅަނގު އޭޝިއާ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ އެކްޓީރިއާ އާކިޓެކްޗާ ނުވަތަ ބޭރުފުށުގެ ފަރުމާ އެންމެ ރީތިކަމުގެ އެވޯޑެވެ.

"ޕްރީ ވާސައިޔަ" އެވޯޑު ދެނީ ހަތަރު ދާއިރާއަކުންނެވެ. އެއީ ފިހާރަ، ޝޮޕިންގް މޯލް، ކެފޭ ރެސްޓޯރަންޓް އަދި ޓޫރިސްޓް ހޮޓަލުގެ ދާއިރާއެވެ. މިއިން ކޮންމެ ދާއިރާއަކުން މުޅި ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ ހަތަރު ފަރާތަކަށް ހަތަރު އެވޯޑު ދޭ އިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުން ފަހަގަކޮށްލެވޭ ފަރާތްތަކަށް ވެސް އެވޯޑު ދެއެވެ.

ދުނިޔޭގެ އެންމެ މޮޅު ހޮޓެލް ކުންފުނި، ސްޓާވުޑުން ރާއްޖޭގައި ސެއިންޓް ރީޖިސް ބްރޭންޑުގެ ދަށުން ރިސޯޓެއް ހުޅުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

comment ކޮމެންޓް