ސަން އޮންލައިން ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ސަން އޮންލައިނުން ކުރިޔަށް ގެންދާ ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން މި ނޫހުން ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ މެންދަމު 12:00 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.

ސަން އޮންލައިން ކުރުވާހަކަ މުބާރާތުގައި ބައިވެރި ވެވޭނީ، އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އަދި ޕްރޮފެޝަނަލް ވާހަކަ ލިޔުންތެރީންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

މި މުބާރާތުގައި ބައިވެރިކުރާން ފޮނުވާ ވާހަކަތައް ވާން ޖެހޭނީ މީގެ ކުރީން ޝާއިއުކޮށްފައި ނުވާ ވާހަކަ ތަކަށެވެ. ކޮންމެ ވާހަކައެއްގެ ދިގުމިން ހުންނަން ވާނީ 1200 ބަހާއި 1500 ބަހާ ދެމެދުގައެވެ.

ސަން އޮންލައިން ކުރުވާހަކަ މުބާރާތުގައި ބައިވެރިކުރާން ވާހަކަތައް ފޮނުވާނީ [email protected] އަށެވެ. ވާހަކަތައް ފޮނުވާނީ މައިކްރޯސޮފްޓް އޮފީސް ވޯޑް ފޯމެޓްގައެވެ. ވާހަކަ ފޮނުވާނީ ވާހަކައިގައި ޖަހަން ބޭނުންވާ ފޮޓޯއާ ވެސް އެކުގައެވެ. މީގެ އިތުރުން ވާހަކަ ފޮނުވާއިރު، ލިޔުންތެރިޔާގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ނަންބަރާއި، އަދި އެފަރާތާ ގުޅޭނޭ ފޯނު ނަމްބަރު ހިނަމަން ވާނެއެވެ.

މި މުބާރާތުގައި ބައިވެރިކުރާ ވާހަކަތަކަށް މާކްސް ދޭނީ ސަން އިން އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޓީމަކުން 60 ޕަސެންޓް އަދި އެސްއެމްއެސް އަށް 40 ޕަސެންޓެވެ.

މި އަހަރުގެ ސަން އޮންލައިން ކުރުވާހަކަ މުބާރާތުން އެއްވަނައަށް ހޮވޭ ވާހަކަ އަކަށް -/12،000 ރުފިޔާ ދެވަނަ އަށް -/8000ރ. އަދި ތިން ވަނަ އަށް -/6000ރ. ދިނުމަށް ވަނީ ނިންމައިފައެވެ.

މުބާރާތުގައި އިންސާފު ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، ލިޔުންތެރިޔާ އިހްސާސްތައް ފޯރުކޮށްދޭ ގޮތާއި ލިޔުންތެރިކަމުގެ ބަޔާއި އިބާރާތުގެ ބަދަހިކަމަށް ބެލެވޭނެއެވެ.

comment ކޮމެންޓް