"އޯކޭވާނެ. އަހަރެން މި ހުރީނު." ޒަރޫން ހީނލަމުން ބުނެލިއެވެ.

އޭނާ އެ ބުނި ބުނުމުން ނަހާއަށް ވެސް ގާތްކަމެއް އިޙްސާސްކުރެވުނެވެ. އެހެންނަމަވެސް، ކުޑަކޮށް އުނދަގޫވިއެވެ.

"މިހާރު ވެސް ވާވަރަށް ޒަރޫންއަށް އުނދަގޫ ކުރެވިއްޖެ!" ނަހާ ބުނެލިއެވެ.

"އެ މައްސަލައެއް ނޫން! އަހަރެން އަބަދު ވެސް މި ހުންނަނީ ހަމަ ނަހާގެ ޚިދުމަތުގަ." ޒަރޫން ބުނެލިއެވެ. ނަހާއަށް ޒަރޫންއަށް ބަލައިލެވުނެވެ. އެމޫނުމަތިން ސަމާސާގެ އަސަރުތައް ފެނިލި ނަމަވެސް، އެ ވާހަކަތަކުން އޭނާއަށް ތެދުވެރިކަން އިޙްސާސްވިއެވެ. އެއީ ހަމަ އެކަނި އެއްޗެއް ބުނެލަން ޒަރޫން ބުނެލި ލަފުޒުތަކެއް ނޫނެވެ. އެހެންނަމަވެސް، އޭނާ ހަމަ ރަނގަޅަށް ވެސް ނަހާއަށް އަޅައިލާ އޯގާތެރިވާނެކަމުގެ ޔަޤީންކަން އެ ލަފުޒުތަކުން ދެމުން ދިޔައެވެ.

ދެމީހުން އެކުގައި ގޮސް ހޮސްޕިޓަލުން ނުކުތެވެ. ޕާކުކޮށްފައިވާ ޒަރޫންގެ ސައިކަލުގެ ފަހަތަށް ނަހާ އެރިއެވެ. ޒަރޫން ސައިކަލު ދުއްވައިލިއެވެ. ނަހާ ކެފޭއަށް ލައިފައި ޒަރޫން ދިޔައީ ގެއަށެވެ. ގަރާޖުގައި ބައްޕައަށް އެހީތެރިވެދާން ޖެހޭތީއެވެ.

އެހާ ދުވަސްފަހުން އެގޮތަށް ކެފޭއަށް އާދެވުމުން ނަހާއަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. އަތަށް ހަދައިލެވޭ ގޮތަކުން އަދި ވެސް ރިހޭތީ، އޭނާއަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރެވުނު ނަމަވެސް، އެހެން ކުދިންނަށް އެހީތެރިވަމުން ދިޔައެވެ. މި ވީ ދުވަސްތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ހުންނަންވުމުން އޭނާއަށް ވަނީ ފޫހިކަން ވެސް ވެރިވެފައެވެ.

*****

ތަސާމާއަށް ހޮޑު ލެވޭތީ މިއަދު ކޮޓަރިއަކުން ނުނިކުމެއެވެ. ބޮލަށް އެނބުރުން އަރާތީ އާ ވެސް އެކުގައެވެ. އަޔާދު ދަމުން ދިޔައީ އަރާމުކުރުމަށް ބުނެފައެވެ. އޭނާ ދިޔައީ ސަކީނާގެ ގާތުގައި ވެސް މިއަދު ތަސާމާ ބަލިކަމަށާއި ނުގޮވުމަށް ބުނެފައެވެ. އެހެންނަމަވެސް ތަސާމާ ބަނޑުބޮޑުވި ވާހަކައެއް އޭނާ ނުބުނެއެވެ. އެ ވާހަކަ ބުނާނީ ރަނގަޅު ވަގުތެއް ހޯދައިލައިގެންނޭ އަޔާދު ހިތަށް އެރިއެވެ. ފަހަރެއްގައި، އެކަން އެނގުމުން ވެސް ތަސާމާއާ މެދުގައި މަންމަގެ ހިތުގައި އޮންނަ ރުޅިވެރިކަން ފަނޑުވެދާނެއެވެ. އަޔާދު އަބަދު ވެސް ބޭނުންވަނީ މަންމަ ހިތުން ރުހުމުން ތަސާމާއާ ޤަބޫލުވާށެވެ.

ސޯފާގައި އިން ސަކީނާ ހިތާހިތުން ކުދި ކިޔަނީއެވެ. އެންމެފަހުން ފޯނު ނަގާ އޭނާ ކޮންމެ ވެސް ރައްޓެއްސަކަށް ގުޅައިލިއެވެ. އެއީ އާދައެވެ. އޭނާގެ ރުޅިގަނޑު އަޔާދުމެންގެ ސަބަބުން ތަސާމާއަށް އޭގެ އެންމެ ހޫނުކަމުގައި ބޭލޭ ގޮތް ނުވަނީއެވެ. އެންމެންނަށް ވެސް ގޯސް ވަނީ އޭނާއެވެ. އިނގިލި ދިއްކުރަނީ ވެސް އޭނާއާ ދިމާލަށެވެ. ކަމުނުދަނީ ވެސް ހަމަ އޭނާގެ އުސޫލުތަކެވެ. އަޔާދާއި އޭނާގެ ފިރިމީހާ ބުނާ ގޮތުން ތަސާމާ އަކީ ރަންގަނޑެކެވެ. އެއީ ޖަވާހިރެކެވެ. ތަސާމާގެ އަގު އަދާނުކުރަނީ އޭނާއެވެ. ސަކީނާ އިތުރަށް ރުޅި ގަދަވަނީ އެހެންވެގެންނެވެ. އޭނާގެ ރަޙްމަތްތެރިން އޭނާ ދައްކާ ވާހަކަ ޤަބޫލުކުރެއެވެ. އަޑު އަހައެވެ. އޭނާއަށް ޚިޔާލާއި މަޝްވަރާތައް ވެސް ދެއެވެ. ގޭތެރޭގެ ކަންތައްތައް އެމީހުންނާ ހިއްސާކުރާ ސަބަބަކީ ވެސް އެއީއެވެ. އެގޭ ތެރޭގައި އޭނާއަށް އެކަނިވެރިކަން އިޙްސާސްވަނީ އެއްވެސް މީހަކު އޭނާއާ އެއްކޮޅަށް ނާރާތީއެވެ. އަބަދު ވެސް އޭނާގެ ކުށް ދައްކާތީއެވެ. ހުރިހައި ވެސް މައްސަލައަކީ ތަސާމާއެވެ. ތަސާމާ އަޔާދުއާ އިނދެގެން ނައި ނަމަ މި އިން އެއްވެސް ކަމެއް ނުވީހެވެ.

ތަސާމާ ތެދުވެގެން ގޮސް ބަދިގެއަށް ވަނީ މެންދުރު ވީ ފަހުންނެވެ. އޭރު ވެސް އެއްވެސް އެއްޗެއް ނުކައްކައެވެ. ނާޝިދު ސޯފާގައި އިނެވެ. ސަކީނާ އޭރު ފެންނާކަށް ނެތެވެ.

"ދަރިފުޅު ރަނގަޅުތަ؟" ތަސާމާ ފެނުމާ އެކު ނާޝިދު އޯގާތެރިކަމާ އެކު އަހައިލިއެވެ. ތަސާމާ ބޯ ޖަހައިލިއެވެ. އޭނާ ސަކީނާއާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.

"ބޮލުގަ ރިއްސާތީ އެބައޮތް." ނާޝިދު ބުނެލިއެވެ.

"އެއްޗެއް ކައިފިންތަ؟" ތަސާމާ ސުވާލުކޮށްލިއެވެ. ބަދިގޭގައި އެއްޗެއް ނެތުމުން އޭނާ އިންނާނީ ނުކައިކަން ތަސާމާއަށް އެނގެއެވެ. "ކޯންޗެއް ހަދައިދޭންވީ؟ ކައްކަން އިރުކޮޅެއް ވާނެ. ސައިތައްޓެއް ގިރައިދެންތަ؟"

"ކޮފީއެއް ގެނެސްދީ." ނާޝިދު ބުނެލިއެވެ. ތަސާމާ ހީނލުމަށް ފަހު އާނއެކޭ ބުނެލިއެވެ. ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލުމަށް ފަހު ނާޝިދަށް ބޯ ހޫރައިލެވުނެވެ. ސަކީނާ ބޮލުގައި ރިއްސާތީ އޮތްކަމަށް ބުނެ އޭނާ ހެދީ ދޮގެވެ. ޙަޤީޤަތުގައި ތަސާމާ ބަލިވެކަމަށް ބުނެފައި، ނުގޮވަން އަޔާދު ބުނުމުން އެކަމާ ސަކީނާ އެ ހުރީ ރުޅިއައިސްފައެވެ. އެއީ އަބަދު ވެސް އާދައެވެ. ދެން މިއަދު ހަތަރުދަމު ވެސް އެހެން އޮވެފާނެއެވެ. ނާޝިދު ހުންނަނީ ބޯ ގޮވާފައެވެ. ހަތަރު އަހަރުގެ ކުއްޖަކު ރުއްސަން އުޅުމަށް ވުރެ ސަކީނާ ރުއްސުމަކީ އޭނާއަށް އުނދަގޫކަމެކެވެ. ސަކީނާގެ އެ ސިފަ ދެކެ އޭނާ ގަޔައެއް ނުވެއެވެ. މީހުންނާ މެދު ހިތުގައި ރުޅިވެރިކަން ނުބާއްވަން އަބަދު ވެސް އޭނާ ނަޞޭޙަތް ދެއެވެ. ހަސަދައާއި ނުރުހުމާއި ރުޅިވެރިކަމަކީ މީހާގެ ހަލާކެވެ. އެއީ ގުޅުންތައް ހަލާކުކޮށްލާ ވަރުގަދަ ވިހައެކެވެ. އެކަން ސަކީނާއަށް ކިތަންމެ ވަރަކަށް ވިސްނަދޭން އުޅުނަސް ސަކީނާ އެ ހުރިހާ ނަޞޭޙަތަކަށް ވެސް ދެނީ ބީރު ކަންފަތެކެވެ.

އަޔާދު އޮފީހުން އައިސް ތަސާމާ ގޮވައިގެން ތަސާމާ މަންމަމެން ކައިރިއަށް ދިޔައެވެ. ތަސާމާ އޭނާ ބަނޑުބޮޑުކަން އޭނާގެ މަންމައަށް ހާމަކޮށްލީ އެ ދުވަހެވެ. ޒައިނަބަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭރު ގޭތެރޭގައި ތިބީ އޭނާއާ މަންމަ އެކަންޏެވެ. އަޔާދު ވީ ތިރީގައެވެ. އޭނާ ޒަރޫންއާއި ތައިމޫރުއާ ވާހަކަ ދައްކަން މަޑުކޮށްލީއެވެ. ނިންމަން ޖެހޭ މަސައްކަތެއް އޮތީތީ ޒަރޫންއަށް ވެސް މިއަދު އުޅެނީ މަސައްކަތުން އަދި މިންޖުނުވެވިގެންނެވެ.

ޒައިނަބަށް އެންމެ ފުރަތަމަ ވެސް ޙަމްދުކުރެވުނީ ﷲ އަށެވެ. ތަސާމާމެން ދެމަފިރިން ދަރިއަކު ހޯދުމަށް މަސައްކަތްކުރާކަން އޭނާއަށް އެނގޭތީއެވެ. އެކަމަށް ބޭސް ކުރަމުން ދާކަން ވެސް އޭނާއަށް އެނގެއެވެ. ވީ އިރު ކުއްލިއަކަށް އައިސް ތަސާމާ އެ ދިން ޚަބަރުން އުފާ ނުވާންވީ ކީއްވެހެއްޔެވެ؟ އޭނާ މާމައަކަށް ވަނީއެވެ. އެއީ ޚުދު އޭނާ ވެސް ދެކެމުން އައި ހުވަފެނެއް ވިއްޔާއެވެ.

"މަންމަ ވަރަށް އުފާވެއްޖެ!" ޒައިނަބުގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ތަސާމާގެ ގައިގައި ބައްދައިލިއެވެ. "ވަރަށްވަރަށް ބޮޑަށް މަރުޙަބާ ދަރިފުޅާ."

"މަންމާ!." ތަސާމާ ޖަޒުބާތީވިއެވެ. އޭނާއަށް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރުން ވީ ދަތިކަމަކަށެވެ. ދެލޮލުން ކަރުނަ ނީރައިލިއެވެ. ޒައިނަބު ލޯތްބާއެކު ތަސާމާގެ ކަރުނަތައް ފުހެދިނެވެ. އޭނާ ތަސާމާ ކާން ބޭނުންވަނީ ކޯންޗެއްތޯ އެހިއެވެ. ތަސާމާ ބުނީ އޭނާ މި ދުވަސްކޮޅު އެންމެ ކާހިތް ވަނީ މަންމަ އަޅާ ޕުޑިންކަމުގައެވެ.

"ހުންނާނެ ޕްރިޖްގަ. ގެނެސްދެންތަ؟" ޒައިނަބު ބުނެލުމާ އެކު ތަސާމާ ބޯ ޖަހައިލިއެވެ.

"މި ދުވަސްކޮޅު ވަރަށް ބަލައިގެން އުޅެން ވާނީ!" ޒައިނަބު ފްރިޖު ހުޅުވައިލަމުން ވާހަކަ ދެއްކިއެވެ. އޭނާ ތަށި ގެންގޮސް ތަސާމާއަށް ދިނުމާ އެކު އޭނާ ކާން ފެށިއެވެ.

އަޔާދު މައްޗަށް އެރި އިރު ތަސާމާ އިނީ ކާށެވެ. އޭނާ ގޮސް ސޯފާގައި ތަސާމާގެ ކައިރީގައި އިށީނދެލިއެވެ. ތަސާމާ އަޔާދަށް ބަލައިލިއެވެ. އަޔާދު ބުމަ އަރުވައިލަމުން، ތަސާމާ ބޯ ޖަހައިލީ މަންމަ ކައިރީގައި ބުނެފީމޭ ބުނާ އުސޫލުންނެވެ. ޒައިނަބަށް އެ ދެ ކުދިންގެ އިޝާރާތް ފެނުނު ނަމަވެސް، އޭނާ އެކަން ނޭނގޭ ކަމަށް ހެދީއެވެ. ހިނިތުންވެވުނެވެ.

"ދަރިފުޅު އަޔާ ބޭނުންތަ؟ މަންމަ ގެނެސްދެންތަ؟" ޒައިނަބު ސުވާލުކޮށްލިއެވެ. އޭނާ އަޔާދު ދެކެނީ އަމިއްލަ ދަރިއެއް ހެންނެވެ. އަޔާދު އެންމެ ދެރަވަނީ، އޭނާއާ މެދު ތަސާމާގެ އާއިލާއިން އެހާ ރަނގަޅަށް ކަންތައް ކުރާ އިރު މަންމަ ތަސާމާއާ މެދު ކަންތައްކުރާ އިހާނެތި ގޮތުންނެވެ.

"ގެނެސްދީ." އަޔާދު ބުނެލިއެވެ. ޒައިނަބު ހިނިތުންވެލިއެވެ.

"މަންމަ ވަރަށް ހެޕީ ވެފަ ދޯ އެ ހުރީ؟" އަޔާދު ބުނެލިއެވެ. މަޑުމަޑުންނެވެ. ތަސާމާ ބޯ ޖަހައިލިއެވެ.

*****

ހަފްތާއެއް ފަހެވެ. ނަހާގެ ފިޒިއޯތެރަޕީ އެޕޮއިންޓްމެންޓް ހަމަޖެހުމުން ނަހާ ފިޒިއޯތެރަޕީއަށް ގެންގޮސް ގެނަސް ހަދަނީ ވެސް ޒަރޫންއެވެ. އެގޮތުގައި ހަފްތާއެއް ހައި ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ދެމީހުންގެ ހިތުގައި ވެސް އިޙްސާސްތަކެއް ވެއެވެ. އެހެންނަމަވެސް، އެކަކު ވެސް އިޙްސާސްތައް ފާޅެއްނުކުރެއެވެ. ހީވަނީ އެ އިޙްޞާސްތަކާ ދުރަށް ދާން މަސައްކަތްކުރާ ހެންނެވެ. އަނެއްކޮޅުން ޒަލަފް އޭނާގެ ދިމާކުރުންތަކެއް ނުހުއްޓިއެވެ. އޭނާއާ ހެދި ވެސް ޒަރޫންއަށް އުނދަގުލަކަށް ވެއްޖެއެވެ. މަންމަމެންނަށް ޒަލަފް އެކަހަލަ ވާހަކައެއް ދައްކަނިކޮށް އަޑު އިވޭކަށް އޭނާ ބޭނުމެއް ނޫނެވެ. ނަހާއާ އޭނާއާ ދެމެދު އެކަހަލަ ގުޅުމެއް ނުވެސް ނެތެވެ. އެކަން ޒަލަފްއަށް ވިސްނައިދޭން އުޅުނަސް އޭނާ ޤަބޫލެއް ނުކުރެއެވެ. ދިމާކުރުންތަކެއް ހުއްޓައެއް ނުލިއެވެ.

އާދައިގެ މަތިން ރޭގަނޑެކެވެ. ކެފޭގައި މަސައްކަތްކުރާ ހުރިހައި ކުދިން ދިޔަ އިރު ވެސް ނަހާ ކައުންޓަރު ދޮށުގައި ހުއްޓެވެ. އޭނާގެ ނަޒަރު ވަނީ ކޮންޕިއުޓަރުގެ ސްކްރީނަށް ހުއްޓިފައެވެ. އޭރު ކެފޭގައި ދިއްލާފައި ހުރީ އޮރެންޖު ލައިޓުތަކެކެވެ.

ނަހާގެ މަސައްކަތް ނިމެންދެން ޒަރޫން އިނެވެ. އޭނާ ފޯނާ ކުޅެން އިން ނަމަވެސް، އިރުއިރުކޮޅުން ނަހާއަށް ކަޅި އެއްލައެވެ. އާދައިގެ މަތިންނެވެ. ނަހާ އޭނާގެ ދަބަސް ހިފައިގެން އައިސް ޒަރޫންގެ މޭޒު ކައިރީގައި ހުއްޓުނެވެ.

"ތިހެން އުޅޭކަށް އުނދަގުލެއް ނުވޭތަ؟" ނަހާ ބުނެލިއެވެ.

"ކިހިނެއް؟" ޒަރޫން ސުވާލުކޮށްލިއެވެ.

"ތިހެން. އަހަރެން ގެންގޮސް ގެނަސް. ޒަރޫންގެ ހާދަ ގިނަ ވަގުތެކޭ..." ނަހާއަށް ބުނެވުނެވެ. "އަބަދު މިތަނުގައި ތިހެން އިންނަން ވީމަ ފޫއްސެއް ވެސް ނުވޭތަ؟"

"ނުވޭ..." ޒަރޫން ބުނެލިއެވެ. އޭނާގެ ދެލޮލުން މި ފަހަރު ތަފާތު ވިދުމެއް ފާޅުވެލިއެވެ. އަދި އޭނާ ނަހާއަށް ޔަޤީންކަންދޭ ފަދައަކުން ވާހަކަ ދެއްކިއެވެ.

"ސީރިއަސްކޮށް. ކިހާ ހިތްގައިމު ކެފޭއެއް. ދިސް އިޒް މައި ފެވެރިޓް ޕްލޭސް ނައު.." ޒަރޫން ބުނެލިއެވެ. އޭނާ ގޮނޑިން ތެދުވެލިއެވެ. ވަރަށް ފުންކޮށް އޭނާ ނަހާއަށް ބަލައިލިއެވެ. ކުރިން ނުބަލާ ނަޒަރަކުންނެވެ. ނުހަނު ޝައުޤުވެރިކަމާ އެކީގައެވެ.

"ބިކޯޒް އޮފް ދި ކޮފީ؟ ޒަރޫން ކިޔާ ތަސްކީން ސްޕެޝަލް ކޮފީ؟" ޒަރޫން އަބަދު ވެސް ކޮފީގެ މީރު ވާހަކަ ދައްކާތީ ނަހާ ސުވާލުކޮށްލިއެވެ. އޭނާ އަބަދު ވެސް ހެނދުނުގެ ކޮފީ ބޯން މަޑުކުރަނީ އެހެންވެގެންކަމުގައި ޒަރޫން އަބަދު ވެސް ބުނެއެވެ.

"ކުރިން... އެކަމަކު މިހާރަކު ނޫން." ޒަރޫންގެ ރާގު ބަދަލުވިއެވެ. އޭނާ މާނަފުން ޖުމްލައެއް ބުނެލި އިރު ތުންފަތް މަތީގައި ވެސް މައުނަވީ ހިނިތުންވުމެއް ދުވެލިއެވެ. ޒަރޫން ބުނި އެއްޗެއް މާނަކުރަން ނޭނގުނު ނަހާއަށް އެ ދެލޮލަށް ބަލައިލެވުނެވެ. އެހިނދު އޭނާއަށް ފުންމިން ނޭނގޭ އެ ކަނޑެއްފަދަ ލޮލުގެ ތެރެއަށް ގެއްލިފައި އިރުކޮޅަކު ހުރެވުނެވެ. ޒަރޫންއަށް ވެސް ނަހާގެ "ކޮޕަރ އެންބަރ" ކުލައިގެ ލޮލުގެ ތެރެއަށް ފީނައިލެވުނު ފަދައެވެ. އޭނާއަށް ވެސް ނަހާއާ ނަޒަރު ވަކިކޮށެއްނުލެވުނެވެ.

"ދެން... ދެން... ކޮބާ ސަބަބަކީ؟" ނަހާގެ އަޑަށް ޖެހިލުންވުމެއް ވެރިވިއެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. ޒަރޫންގެ މައުނަވީ ބެލުމުން އޭނާގެ ހިތަށް ގޮތެއް ވެލިއެވެ. އެ ހިތުން އެ ބެލުމުގައިވި ވާހަކަތައް ނަހާގެ ގާތުގައި ބުނަން ފެށިފަދައެވެ. އޭރު ވެސް ޒަރޫންއާ ނަޒަރު ވަކިކޮށްލާކަށް ނަހާ ނޫޅުނެވެ. މިރޭ ހީވަނީ އެ ދެމެދުގައި ދަގަތްފާނަށް ދަގަނޑު ދަމާ ފަދަ ބާރެއް އެ ދެމެދުގައި ވާހެންނެވެ. ޚާއްޞަކޮށް ލޮލުގައެވެ.

"އެ ސަބަބު ތި ހުރީ އަހަރެންގެ ކުރިމަތީ..." ޒަރޫން އޭނާގެ ހިތުގެ އިޙްސާސްތައް ފޮރުވާކަށް މި ފަހަރު މަސައްކަތެއް ނުކުރެއެވެ. ޙަޤީޤަތުގައި އެ ކަން ކުރުމަށް އޭނާ ވަނީ ނުކުޅެދިފައެވެ. ހިތުގެ އެންމެ ހިމަނާރުތަކުގެ ތެރެއިން އުފެދުނު އެ އިޙްސާސް އޭނާގެ މުޅި ހިތް ވަނީ ހަލަބޮލިކުރުވާފައެވެ. އެ ހިތުގެ ޙާލު ފާޅުކޮށްލަން ކެތްމަދުވެފައެވެ. ތެދު ތެދަށް ބުނާނަމަ އޭނާގެ ހިތުގެ ލަގަން މިހާރު އެ ވަނީ އޭނާގެ އަތުން ދޫވެފައެވެ. މިހާރު އެ ހިތަކަށް އޭނާގެ އިޚްތިޔާރެއް ނުހިގައެވެ. އޭނާއަކަށް ބާރެއް ނުފޯރުވެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު