"ތިބާއަކީ އެހެން މީހުންނަށްވުރެ މޮޅު ފުރިހަމަ މީހެއްކަމުގައި އެއްވެސް ހާލެއްގައި ނުދެކޭށެވެ. އަބަދުވެސް ހިތްތިރި މީހަކަށްވާށެވެ. ބޮޑާކަމާއި ކިބުރުވެރިކަންފަދަ ނުބައި ސިފަތައް ދުރަށް ލުމަށްޓަކާ އަމިއްލަ ނަފުސާއިމެދު ވިސްނައިލާށެވެ. ތިބާ ހެއްދެވުނީ ވެލިންނެވެ. ނިދާނީވެސް ވެލީގެ ދާނުގައެވެ."

***

ބާސިލް ފިނި ބުއިމުން ކޯވަރެއް ދަމާލާފައި ޓެބްލެޓް އަނެއްކާވެސް އޭނާގެ ކުރިމަތީގައި ބާއްވާލިއެވެ. "މި ވާހަކަ މިހާ ހިސާބުން ނިމުނީއެއް ނޫން. ވަރުޖީނާގެ ލިޔުންތަކުގެ ފަހަތުގައި އޮތް ސިއްރުތައްވެސް އަހަރެން ހޯދާނަން... އަދި އޭނާގެ ދުނިޔެއަށް އަންނާނެ ބަދަލުތައް އޭނާއަށްވެސް ވަރަށް އަވަހަށް އެނގޭނެ."

އޭނާގެ ލޮލުގައިވި އެ ތޫނު ވިދުމާއެކު ރެސްޓޯރެންޓްގެ މަތީބައިގެ އެ މާޙައުލުގައި ކުރިއަށް އޮތް ބޮޑު ކުރިމަތިލުމެއްގެ ފުރަތަމަ ހުޅުކޮޅު ރޯވެގެންދިޔައެވެ.

***

ވަރުޖީނާއާއި ލައިލާ ރެސްޓޯރެންޓަށް ގޮސް މަޑުކޮށްލީ ކަނެއްގައި ހުރި ކޮންމެވެސް ވަރަކަށް އެކަހެރި މޭޒެއްގައެވެ. ލައިލާ މޫނުބުރުގާ އަޅައިގެން ހުރުމުން ކެއުމުގެ ވަގުތުގައި އެންމެ ފަސޭހައީ އެފަދަ ކަނެއްގެ މޭޒެއްގައި އިނުމަށެވެ. ވަށައިގެންވާ މޭޒުތަކުގައި ތިބި މީހުންގެ ސަމާލުކަމުން އެކަހެރިވެ ހިތްހަމަޖެހުމާއެކު ވާހަކަދައްކާލަން އެތަނުގެ މަޑުމައިތިރި އަލިކަމާއި ލަކުޑި މޭޒުތަކުގެ ހޫނު މާހައުލު ވަރަށް ގުޅެއެވެ.

"އެހެންވެ މަ ވެސް ނިގާބު ނާޅަނީ... ކާން އުނދަގޫވާނެތީ....." ވަރުޖީނާ ގޮނޑީގައި ހަމަޖެހިލަމުން ވާހަކަ ފެށިއެވެ. "ޝޭޚެއްގެ އަންބަކަށްވީމަ މަޖުބޫރުވެގެން ލައިލާ މޫނުބުރުގާ އަޅަނީއޭ ދިޔާނާ ބުނި. މަށަށް އެންމެ ބޮޑަށް އެނގޭނީ ލައިލާގެ ތަޤުވާވެރިކަން... ދިޔާނާ ހީކުރަނީ އެންމެން އެހެން ކަމަށް. އެކަމަކު މީހުންގެ ވާހަކަ ނުދައްކަން ލައިލާ ބުނަމެއްނު... އަހަރެމެން ކުރާހާ އަޅުކަމެއްވެސް އެ މީހަކަށް ދޭން ޖެހިދާނެ."

ލައިލާ ބޯ ޖަހައިލިއެވެ.

"އާނ... އަޅާނުލާ. މީހުން ނެތްތާ މީހުންގެ ވާހަކަ ނުދައްކިއްޔާ އެންމެ ބޮލަށްވެސް ފަސޭހަވާނީ. ޙަސަދަވެރިވުމުން އެ މީހެއްގެ ހިތުގެ ހަމަޖެހުން ގެއްލުން ނޫންކަމެއް ނުވާނެ. މޫނުބުރުގާވެސް އެހެން ނިޔަތެއްގައި އަޅައިފިއްޔާ ފައިދާއެއްވެސް ނުވާނެ."

"ކޯންޗެއް ކާނީ؟ މިއަދު އަހަރެން ބިލް ދައްކާނީ."ލައިލާ މެނޫއަށް ބަލާލަމުން އޯގާތެރި ރާގަކަށް އެހިއެވެ.

"ލައިލާ ކޮންމެ ދުވަހަކު އެހެން ކިޔާނެ. ދެން ނާންނާނަން ރެސްޓޯރެންޓަކަށް....."އޭނަ ކުޑަކޮށް ލޯ އަޅައިލިއެވެ.

"އަހަރެން ދަޢުވަތު ދިނީ... ދަޢުވަތު ދޭ މީހާ ބިލްވެސް ދައްކާނީ....." ލައިލާ ސަމާސާ ރާގަކަށް ބުނެލިއެވެ. "އެހެންނޫނަސް ވަރުޖީނާ އަމިއްލަ މަސައްކަތުން ތި އުޅެނީ. އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދޭނެ ފިރިޔަކު އެބަހުރި..ދަރިން ވަޒީފާއަށް ދާން ފެށީމަ ވަރުޖީނާ މަށަށް ކޮފީދިނަސް މައްސަލައެއްނެތް...."

"ދަރިންނަށް ލިބޭ އެއްޗަކުން އުޅެން ޚިޔާލު ނުކުރަން..އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން މިނިވަން ނޭވާއެއް ލެވެނީ..."އޭނަ ހީގަތީ މަޑުމަޑުންނެވެ.

"ވަރުޖީނާ މީހަކާ އިންނަން ޚިޔާލު ނުކުރަންތަ؟" ލައިލާ ހިނިތުންވެލިކަން މޫނުބުރުގާގެ އަޑިން ފެންނަ ލޮލުގެ ވިދުމުން ސާފުކޮށް އެނގެއެވެ.

"އަހަރެންގެ ކުދިން ތިކަމާ ދެކޮޅު ހަދާނެކަން އިރު ފެންނަފަދައިން އެނގޭ. އެހެންނޫނަސް މީހަކަށް އިތުބާރުކުރާނީ ކިހިނެއް؟ އޭނާ ކަންތައްކުރި ގޮތުން... އަދި..."އޭނަގެ މޫނުމަތީގެ ކުލަވަރު ކުޑަކޮށް ބަދަލުވެ ޖުމްލަތައް އަވަސްވެލިއެވެ.

"ޖާވިދު ބުނި އޭނާގެ އެކުވެރިޔެއްގެ އަންހެނުން ނިޔާވެގެން ހުހަށް ހުރި ވާހަކަ. އޭނާވެސް އަމިއްލަ ވިޔަފާރިއެއް ހިންގާ. އެންމެ ދަރިއަކު ހުރީ. އެ ކުއްޖާވެސް އެމެރިކާ މީހަކާ އިނދެގެން އެ ޤައުމުގައި. މަފާޒުއަށް ފަންސާސް އަހަރު ވިޔަސް ވަރަށް ސްމާޓް."ލައިލާ ވާހަކަ މެދުކަނޑާލުމެއް ނެތި އޯގާތެރިކަމާއެކު ކުރިއަށް ގެންދިޔައެވެ.

"ނޫން، ނޫން..." އޭނަ އަތް ހޫރާލިއެވެ.

"ފޮޓޯވެސް އެބަހުރި... ރީތިވެސް މީހެކޭ....." ލައިލާ ލުއި ހިނިތުންވުމަކާއެކު ފޯނު ދިއްކޮށްލިއެވެ.

"ލައިލާ... އަހަރެން މި ގެނައީ މިކަމެއް ހަމަޖައްސަން ދޯ؟" އޭނަގެ އަޑުގައިވީ ހިތްހަމަނުޖެހުމާއި ލޯތްބެވެ."ސީރިއަސްކޮށް ކިތަންމެ ރީތި މީހެއް ވިޔަސް މީހަކާ ނީންނަން އަމިއްލަ ނަފުސަށް ވައުދުވެފައި މިހިރީ. ދިރިއުޅުމަށް ދެމީހުން އައުމުންވެސް ވީ ކަމެއް ނެތް. މިހާރު ވަރަށް އުފަލުން މިހިރީ... އަމިއްލަ މިނިވަންކަން އަމިއްލަ ދަރިންނާއެކު ބޭނުން ގޮތަކަށް."

"އަދި ވަރުޖީނާއަށް ސާޅީސް އަހަރުވެސް ނުވޭ," ލައިލާ ވިސްނައިދޭން މަސައްކަތްކުރިއެވެ. "މި ޢުމުރުގައި ބައިވެރިޔަކު ހުރުން ވަރަށް މުހިންމު. ބަލާބަލަ މި ފޮޓޯ."

ލައިލާ ފޯނު ލޯމައްޗަށް ދިއްކޮށްލުމުން ނުބަލަން ހުއްޓަސް ފޮޓޯ ފެނުނެވެ.

"ކިހިނެއް މީނަ؟" ލައިލާ ހީލިއެވެ.

"ތެދަށް ބުނަންޏާ ސްމާޓް މީހެއް... ޒުވާން ޢުމުރުނަމަ ހިތް ކިޔާނެ. ރީތި މީހުން ފެނުމުން ހިތް ކިޔާ ޒަމާން ހިނގައްޖެ ލޯބިވާ ލައިލާ."

ލައިލާ އިރުކޮޅަކު ހިމޭނުން އިނެވެ. ޖާވިދުގެ އިޙްސާންތެރިކަމުގެ ތެރެއަށް 'ނޫން' މި ލަފުޒު އައުމުން ކޮންމެވެސް ވަރަކަށް ނުރުހުންވީކަމަށް ވެދާނެއެވެ.

"ލައިލާ ރުޅިއައީތަ؟ މާފުކުރޭ... އެކަމަކު މި ވާހަކަ އަޑުއަހާބަލަ...."

"ރުޅިއެއް ނާދޭ... ޙަޤީޤަތުގައި އަހަންނަށް ހަމަ ތި ވިސްނުން ވަރަށް ކަމުދޭ... މާމަ ދަރިން ލިބޭ ޢުމުރަށް އައީމަ މީހަކާ އިނުމުގެ މާނައެއް ނެތް....."ލައިލާގެ އަޑުގައި ރުޅީގެ އެއްވެސް އަސަރެއް ނެތެވެ.

"އާއެކޭ... އެހެން މީހަކު ދިރިއުޅުމަށް އަތުވެއްޖެއްޔާ ޢަޒާބަކަށް ވެދާނެ..ގިނަފަހަރަށް ގިނަ މުސީބާތްތަކުގެ އަސްލަކީ އިންސާނުން..ބޮޑު ތަކުލީފު އުފުލަން ޖެހެނީ އެހެން އިންސާނުންނާއިހެދި....." އޭނަގެ އަޑު މަޑުވެ ލޮލުގައި ކަންބޮޑުވުމުގެ ވިދުމެއް އުފެދުނެވެ. "މަގޭ އެބަހުރި ޒުވާން އަންހެން ދަރިއެއް. ދޮންބައްޕައިން ދަރިންނަށް ލޯ އަޅާ ވާހަކަތައް ނޫސްތަކުން އަބަދު ފެނިފެނި ހިތް ބިރުގަނެފައި ހުރެވެނީ..ކޮންމެ ކޮންމެ މީހަކަށް އިތުބާރު ނުކުރެވޭނެ. ދަރިއެއް ނެތްނަމަ ހަމަ އޯކޭ... އަޖުމަ ބަލާލަން އަދި އެންމެ ފަހަރަކު ޓްރައި ކުރެވިދާނެ. މަންމަވެސް އަދިވެސް އަހަންނަށް މާފުކުރިކަމެއް ނޭނގޭ... ޢާއިލާ އެންމެން އަހަރެން ދޫކޮށްލީ... ޙަޤީޤަތުގައިވެސް...މާޒީގެ އެ......"

އޭނަގެ ލޯ ފެންކަޅިވިއެވެ. ނަމަވެސް ސިކުންތުކޮޅެއް ފަހުން މޫނުމަތީގެ ކުލަވަރު ބަދަލުވެ ލުއި ހުނުމެއްގެ ތެރެއަށް މާޒީގެ އެ ހިތި ހަނދާންތައް އޮބުނެވެ.

އޭނަ ކައިވެނިކުރުމުގެ އެއްވެސް ޚިޔާލެއް ނެތެވެ. އެކަމުގެ ސަބަބުތައް ގިނައެވެ. މާޒީގެ ހިތި ތަޖުރިބާތަކާއި ދަރިންގެ ރައްކާތެރިކަމަށްޓަކައި އޮތް ބިރެވެ.

"އަނާޔާ ގާތު ބުނެފިންތަ؟ ވަރުޖީނާގެ ދެ ދަރިންނާއި އަހަރެންގެ ދެ ދަރިން ގުޅުވާނެކަމަށް ވައުދުވީމެއްނު..." ލައިލާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

"އާން... އަދި އަނާޔާ ގާތު ނުބުނަން. އަނާ ތަންކޮޅެއް ޑިފިކަލްޓް ވެދާނެ. އެކަމަކު އަޒީން މަންމަ ބުނާ ކޮންމެ ކަމެއް ކުރާނެ. އެހެޔޮ ކަނޑަށް އެރެން ބުންޏަސް، އެހެން ޕްލެނެޓަކަށް ދާން ވިޔަސް... އެއީ މަގޭ ބަސްއަހާ ރަންދަރި. އަޒީން އިންނާނީ ހަމަ ޒުހާއާ....."އޭނަ ޔަގީންކަން ދިނެވެ.

"ޒާމިލްވެސް އަނާޔާއާ ކައިވެނިކުރަން އެއްބަސްވެފައި އޮތީ. މަގޭ ދެ ދަރިންގެ ކިޔަމަންތެރިކަމަށްޓަކާ ﷲ ތައާލާއަށް ހަމްދުކުރަން. ދެ މީހުންގެ ކުދިންކޮޅު ގުޅުނީމަ ކިހާ ފަސޭހަ. އެހެން ދިމާލަކަށް ވިސްނާކަށް ނުޖެހޭނެ....."ލައިލާ ވެސް އެއްބަސްވިއެވެ.

"ހޫމް... އެކަމަކު ލައިލާ ވައުދުވޭ."އޭނަގެ މޫނުމަތިން ސީރިއަސްކަން ފާޅުވިއެވެ.

"ކޮން ކަމަކަށް؟"

"މަށަށް ފިރިޔަކު ނުހޯދަން... ނުދައްކަން... އަމިއްލަ ނަފުސަށް ވައުދުވެފައި މިއޮތީ މީހަކާ ނީންނަން. ޕްލީޒް... ޕްލީޒް... އަހަރެންގެ މި އެދުމަށް އިޙްތިރާމް ކޮށްދީ." އޭނަ ލައިލާގެ އަންގި އަޅާފައިވާ އަތްތިލައިގައި ހިފާލިއެވެ. "ހަމަ ވަރަށް އުފާވެރިކޮށް މިއުޅެނީ. އަލްޙަމްދުލިﷲ. އެކި މީހުންނަށް ނިޢުމަތް ދެއްވަނީ އެކި ސިފައިގައި... އެ މީހަކަށް އިމްތިހާނު ދިމާވަނީވެސް އެކި ކަންތައްތަކުން ނޫންތަ؟ ހުރިހާ ކަމެއް ދުނިޔެއިން ފުރިހަމައެއް ނުވާނެ. އެނގޭތަ؟ މި ޒަމާނުގައި މާ ބޮލަށް ފަސޭހަ އެހެން މީހަކާ ނުލައި އެކަނި މިހެން އުޅެން."

ދެމީހުން ކައި ނިމިގެން ރެސްޓޯރެންޓުން ނުކުމެގެންގޮސް އެރީ ޕްރައިވެޓް ކާރަކަށެވެ.

***

ވަރުޖީނާ ލައިލާއާއި އެކީ ބާޒާރުކޮށްލާ ހަދާލައިގެން ގެއަށް އައިއިރު އަޒީންއާއި އަނާޔާ ސިޓިންގް ރޫމުގައި ރާޒުވާ ކުޅެން ތިއްބެވެ. ކުޅިގަނޑުގެ ތެރެއަށް ގެއްލިފައި ތިބި ދެ ކުދިންނަށް ވަރުޖީނާ ބާރަށް ސަލާމް ގޮވާލުމުން އެއްފަހަރާހެން ޖަވާބުދިނެވެ. މަންމަގެ މޫނުމަތިން ފެންނަ އުފާވެރިކަމުން ބޭރުގައި ހޭދަކުރި ވަގުތު ހިތްހަމަޖެހުނުކަން އެނގެއެވެ.

އޭނަގެ އަތުގައި ހުރި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓާފައި ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތެވެ. ބޭރުގައި އުޅުނުއިރު ލައިގެން ހުރި އަބާޔާއާއި ކަޅު ބުރުގާގެ ބަދަލުގައި މިހާރު ހުރީ ގަޔަށް ފަސޭހަ 'ވިކްޓޯރިއާ ސީކްރެޓް' ހަރުވާޅަކާއި ކުރުތާއެއްގައެވެ. އިސްތަށިގަނޑު މައްޗަށް އޮމާންކޮށް ވޫލްކޮޅަކުން ބަނދެލައިގެން އައިސް ސޯފާގައި އިށީނދެލުމަށްފަހު ދަރިންނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. ތިން މައިންގެ މެދުގައި ކުދިކުދި ހިތްގައިމު ވާހަކަތައް ދެކެވެމުން ދިޔައެވެ.

ރާޒުވާ ކުޅިގަނޑުން ބަލިވުމުން އަނާޔާ އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

"ދޮންބެ ޗީޓްކުރީ..." އަނާޔާ ތުންފިއްތާލާފައި ލޯ އަޅަން މަސައްކަތްކުރިއެވެ.

"ދޮންބެއަށް ތިކަމުގެ އަދަބު އޮންނާނެ," ވަރުޖީނާ ހިނިތުންވެލަމުން ކޮތަޅުން މިލްކާމެކްސް ޗޮކްލެޓެއް ނެގިއެވެ.

"މައި ފޭވަރިޓް ޗީޒް ޗޮކްލެޓް..." އަނާޔާ ދުވެފައި އައިސް އެ ޗޮކްލެޓް އަތުލިއެވެ.

"ލައިލާ ދައްތަ ދިން ގިފްޓްތައް އަދިވެސް އެބަހުރި...."އޭނަ ބުނެލިއެވެ.

އަނާޔާ ޗޮކްލެޓް ނިއުޅާލައިގެން އަނގައިގާ ޖަހާލުމަށްފަހު ނިކަން ދަހިކޮށް ކާން ފެށިއެވެ. "ދޮންބެ ޗީޓްކުރީމަ ނުދީ ޗޮކްލެޓް ހުސްކޮށްލާނަން."

އަޒީން ވެސް ފަހަތަކަށް ނުޖެހުނެވެ. "އަނާއަށް ނުދީ މި އައިސްކްރީމް ތަށި ހުސްކޮށްލާނީ... އެނގިއްޖެ؟"

ދެބެންގެ ތޮޅުމާއި އަރައިރުމަށްވުރެ އެ ދެމެދުގައި އޮންނަ ލޯތްބާއި ގުޅުން މާ ފުން އަދި ތަބީއީ ކަމެކެވެ.. ޢުމުރުގައި ތިން އަހަރުގެ ތަފާތެއް ހުއްޓަސް އެ ދެ ކުދިންގެ އުލުން ހުންނަނީ ގާތް އެކުވެރިއެއް ފަދައިންނެވެ. ވަރުޖީނާއަށް ވެސް އައިސްކްރީމާއި ޗޮކްލެޓުން ހިއްސާއެއް ލިބުނެވެ.

ކެއުމަށްފަހު ކުޑަ އިރުކޮޅަކު ވާހަކަދައްކަން ތިބެފައި ވަރުޖީނާ ސީރިއަސް ރާގަކަށް ވާހަކަ ފެށީ ލައިލާއަށް ވެފައިވާ ވައުދު ފުއްދުމަށް ދެ ކުދިންގެ އެއްބާރުލުމަށް އެދެމުންނެވެ. ލައިލާގެ އެދުމަކީ ޒާމިލްއާއި އަނާޔާ އަދި އަޒީންއާއި ޒުހާގެ ކައިވެނިކުރުމެވެ. އެހެންނަމަވެސް ވަރުޖީނާ ބޭނުންވަނީ ކުދިން ކިޔަވާ ނިމި އަމިއްލަ ފައިމައްޗަށް ތެދުވާންދެން މަޑުކޮށްދިނުމަށެވެ. ކުރިއްސުރެ ކުދިން ގާތު މި ވާހަކަ ހިއްސާކޮށްފައި ނެތިއްޔާ ލޯބިވެރިން ހޯދައިގެން އިތުރު މައްސަލަތަކެއް ނިކުމެދާނެކަމަށް އޭނަ ގަބޫލުކުރެއެވެ.

ދެ ކުދިންވެސް ތިބީ ފާޑަކަށް އަނގަ ހުޅުވި ލޯ ބޮޑުވެފައެވެ. ކުޑައިރުއްސުރެ އެކީގައި އުޅެބޮޑުވެ އެކުވެރިކަމާއި އަޚުވަންތަކަމުގެ ގުޅުން އުފެދިފައިވާތީ ފަހަރެއްގައިވެސް މައިންބަފައިން މިފަދަ އުއްމީދުތަކެއް ކޮށްފައި އޮވެދާނެކަމަށް އެ ދެ ކުދިން ހިޔެއް ނުކުރެއެވެ. އަޒީން އެއްވެސް ދެކޮޅުހެދުމެއް ނެތެވެ. އޭނާ ކުރިއްސުރެ ހުރީ މަންމަ ދައްކާ އަންހެންކުއްޖަކާ ކައިވެނިކުރަން ތައްޔާރަށެވެ.

"އަނާގެވެސް ބޯއިފްރެންޑެއް ނެތް... ކިޔަވާ ނިމެން ހަ އަހަރު އެބައޮތް......" އަނާޔާ ބުނެލިއެވެ.

"އަނާވެސް ހަމަ ޒާމިލްއާ ކައިވެނިކުރަން އެއްބަސް؟" ވަރުޖީނާ އަހާލިއެވެ.

"ހަތް އަހަރު ފަހުން މެރީ ކުރާނީ... ޖޮބަށް ދާން ފަށާފައި," އަނާޔާ ނުސީދާކޮށް ބުނިކަމުގައި ވިޔަސް، ޒާމިލްއާ ކައިވެނިކުރަން އަނާޔާ ދެކޮޅު ނަހަދާނެކަމުގެ ޔަޤީންކަން ވަރުޖީނާއަށް އޮތެވެ. ޒާމިލްގެ ނެތީ ކޮން ފުރިހަމަ ސިފައެއް ހެއްޔެވެ؟ ތަޢުލީމީ، މުއްސަނދި، އަޅުވެރި ޒުވާނެކެވެ. އޮޅަލި ކުލަ ހުރުމުން މޫނުމަތީގެ ފިރިހެންވަންތަކަން އިތުރަށް ފާޅުވެއެވެ. އިސްކޮޅުން ދިގު އޮޅަލި އަދި ރީތި ޒުވާނުންނަށް ހިތްކިޔާ އަންހެންކުދިން މަދެއް ނުވާނެއެވެ. ލައިލާގެ މައިންބަފައިން ނަން ދިނީވެސް ލައިލާގެ އެ ރީތި ކަޅުކުލައާއި ގުޅުވާފައިކަމަށް ވެދާނެއެވެ. ލައިލާވެސް ކަޅު ރޭގަނޑެއްފަދައިން ރީތިވެފައި ސިއްރުން ފުރިފައިވާގޮތެއް ހުންނައިރު ދަރިންނަށްވެސް ލިބިފައިވަނީ އެ އޮމާން ރީތި ހަމެވެ. ޒާމިލްގެ ހަމުގައި ބޮޑަށް އޮޅަލިކުލަ ހުއްޓަސް ލައިލާއާއި ޒުހާގެ ހަމުގެ ކުލަ މާ ރީއްޗެވެ. އޮމާންކަމާއި ރޭގަނޑެއްފަދަ ކަޅުކަމެވެ.

***

މުރާދު ސައިކަލު މަޑުކޮށްލީ ފޮތް ފިހާރައެއްގެ ކައިރިއަށެވެ. މަންމަ ލައިލާގެ އުފަންދުވަހަށް ހަދިޔާއެއް ގަންނަން އެތައް ފިހާރައަކަށް ވަދެވިއްޖެއެވެ. މަންމައަށް ކަމުދާނެކަހަލަ ހަދިޔާއެއް ފެނުނުކަމަކަށް ނުވިއެވެ. އެންމެފަހުން އޭނަ ނިންމީ މާ ބޮނޑިއަކާއެކު ވާހަކަ ފޮތެއް ގެންގޮސްދިނުމަށެވެ، ފޮތް ހަރުތަކުގެ ތެރެއިން ހާވަމުން ދަނިކޮށް "ހަނދުގެ ހިޔަނި" ކިޔާ ވާހަކަފޮތެއް މުރާދުގެ ލޮލުގައި އަޅައިގަތެވެ. މުސައްނިފަކީ ވަރުޖީނާއެވެ. އެނަން ކޮންމެވެސް ތަނަަކުން އަޑު އެހި ހަދާނެއްވިޔަސް ސިކުނޑިއަކަށް އެނަމެއް ނައެވެ.

"މަންމައަށް މި ވާހަކަ ރަގަޅުވެދާނެ....." މުރާދު ހިތާހިތުން ކިޔާލިއެވެ.

އޭނާ ވަރުޖީނާގެ ދެ ވާހަކަފޮތް ނަގައިގެންގޮސް ކައުންޓަރުމަތީގައި ބޭއްވިއެވެ.

"އެއްހާސް ރުފިޔާ......" ކައުންޓަރުގައި އިނީ ވަރުޖީނާއެވެ. ފިހާރައިގާ މަސައްކަތްކުރާ ކޭޝިއަރު ބަލިވެގެން ނާދެވުމުން އޭނަ އަންނަން ޖެހުނީއެވެ.

މުރާދުގެ ބުމަ ގޮށްޖެހުނެވެ. "އޭނ؟ މިވަރުގެ ވާހަކައަކަށް ފައްސަތޭކަ؟ ކާކު އަގު ކަނޑައަޅަނީ؟"

"ލިޔުންތެރިޔާ."

"މިވާހަކަތައް ލިޔާ އަންހެނާ ކައިރީ ބުނެބަލަ މީހުން ފޭރެން ނޫޅޭށޭ... ބުނަން ކެރޭނެ؟" މުރާދު އަނގަޔަށް ގޮތެއް ހަދައިލިއެވެ. އަޑުގައިވީ މަލާމާތުގެ ރާގެވެ.

"ލިޔުންތެރިން ކުރާ ބުރަ މަސައްކަތުގެ އަގު މިއާ ބަލާއިރު ކުޑައީ......" ވަރުޖީނާ ބުނެލިއެވެ."ތި ކުއްޖާ ކިޔަން ވާހަކަ ގެންދަނީ؟ ޢާންމުކޮށް ފިރިހެންކުދިންގެ ޖޯންރާއެއްވެސް ނޫން މީކީ. އެކަމަކު ފިރިހެންކުދިން ކޮއްކޮމެންނަށާއި ލޯބިވެރިންނަށް ވާހަކަ ގަނެފާނެ ދޯ..."

މުރާދު އެވާހަކައަށް ޖަވާބެއް ނުދިނެވެ. ސުޕާރީ ޕެކެޓެއް ކަނޑާލާފައި އަނގަޔަށް އޮއްސާލަމުން ކައުންޓަރުގައި އަތް އަޅުވާލިއެވެ. "ޑިސްކައުންޓެއް ނެތް؟"

"އަށްސަތޭކަ."

"މްމްމް... ރަނގަޅަށް ވިއްޔާ އަދި އަސްލު އަގާ ކައިރިއެއްވެސް ނުވޭ..." މުރާދު ހެމުން ބުނެލިއެވެ."އަހަންނަކީ ފަޤީރުކަމުން ވަންނާނެ ތަނެއް ނެތް މީހެއް. ވަޒީފާއެއްނެތް... ތިހާ މުއްސަނދި މީހުން ސަދަގާތަށް މި ބެހިޔަސް ރަނގަޅުވާނެ.. "

ވަރުޖީނާ ރުޅިގަދަވިއެވެ. މި ފިރިހެންކުއްޖާ ހުރި ސިފަގަނޑުން އަޚުލާގާއި ސުލޫކު ހުންނަގޮތް ދެނެގަނެވުނެވެ.

"އެނގޭތަ ތި ކުއްޖާ ދުއްވާ ސައިކަލުގެ އަޑުފަށްގަނޑު ގަދަކަމުން އަވަށްޓެރިންނަށް އުޅެން އުދަގޫވޭ... ދޭތެރެއަކުން ތި ސައިކަލުގެ އަޑު އިވޭގޮތުން ބިރުން ފިތްކަނޑައިގެންދާވަރުވޭ....ސިއްހަތު ރަގަޅު ޒުވާނަކު ކުރަން މަސައްކަތް ނުފެންނަނީ؟ބަލާބެލުމަށް މީހާ ބޮޑު ބައްޔެއްގައި ނޫނީ ނުކުޅެދުމެއް ހުރިހެނެއް ހިޔެއްނުވޭ.....ސަދަގާތް ހައްގުވާވަރު މީހެއް ނޫން..... ސަލާމްޖަހާ އުމުރެއްވެސް ނޫން.... ޒުވާނުން ކޮންމެވެސް މަސައްކަތެއްކޮށްގެން އުޅެން ދަސްކުރަންވެއްޖެއެއްނު... ބަންގްލާދޭޝް މަސައްކަތްތެރިންފަދައިން ބުރަކޮށް އުޅެވޭވަރުގެ ބާރު ތީނަގެ އެބަހުރި...އިސްކޮޅުން ދިގު...ހަށިގަނޑު ވަރުގަދަ..."

"ތިވަރަށް ތައުރީފުކުރީތީ ޝުކުރިއްޔާ..."މުރާދު ހީލަމުން އެނބުރިލިއެވެ.

އެވަގުތު ފިހާރައަށް އިތުރު ކަސްޓަރަމުން ވަނުމުން މުރާދު އަވަސްއަވަހަށް އެ ވާހަކަފޮތްތައް ހިފައިގެންގޮސް ސައިކަލަށް އަރައި އިންޖީނު ސްޓާޓްކޮށްލާފައި ދުއްވާލިއެވެ. ވަރުޖީނާއަށް ކަންފަތުގައި އަތް އަޅައިލެވުނެވެ.

ވަރުޖީނާގެ ސިކުނޑީގައި ވާހަކަ ޝަޚުސިއްޔަތެއް އުފަންވިއެވެ.

***

މުރާދު އޭނާގެ މަންމަ ދިރިއުޅޭ ގެއަށް ވަންއިރު މަންމަ ލައިލާ ސިޓިންގް ރޫމުގައި ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކަން އިނެވެ. އިސްކޮޅުން ދިގުކަމާއެކު މޫނަށް ވެރިވެފައިވާ ރަންކުލައިން ގިނައިރު އަވީގައި އުޅޭކަން އެނގެއެވެ. ކުރިއަށްވުރެ އިސްތަށިގަނޑު ދިގުކޮށް އައްސާލާފައެވެ. މިކުއްޖާ ލޮލު ބޭހަކަށްވެސް ނުފެންނަތާ ކޮން ޒަމާނެއްހެއްޔެވެ؟ ދަރިފުޅު ފެނުމުން ހިތަށް އުފާވެރިކަން ލިބުނަސް މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ. މުރާދު އެ ގެއަށް އަންނާނީ ކޮންމެވެސް ތޫފާނަކާ އެކުގައިކަން ލައިލާއަށް އެނގެއެވެ. އޭނާ އަވަސްއަވަހަށް ފޯނު ބޭއްވިއެވެ.

"މުރާދު..." ލައިލާ މަޑުމަޑުން ގޮވާލިއެވެ.

"ހެޕީ ބާތުޑޭ މަންމާ..." މުރާދު ޕާރުސަލަކާއެކު މާބޮނޑިއެއް ދިއްކޮށްލުމުން ލައިލާއަށް ލޯ ބޮޑުކޮށްލެވުނެވެ.

"ނުދެނެހުރިން މިއަދު އުފަންދުވަސްކަމެއް...."ލައިލާގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ.

"ކޮބާ ޒާމިލް... ޒުހާ...އަދި ޝޭޚު..މަންމަގެ ލޯބިވާ އެއްވެސް ކުއްޖަކު ހަނދާނެއްނެތް..އެންމެ ދުރު މީހާއަށް މިވަރު ހަނދާންވީ..."

"މިގޭގައި ކުރާކަމެއްނޫން ވީމަ....މުރާދުއަށް ނޭގޭތަ؟ ދީނުގައި ނޯވޭ އުފަންދުވަސް ފާހަގަކުރަން. ތި ހުންނަނީ މުޅިންވެސް ބިދުޢަ...ބޭކާރު ކަންތައް... އެއްގޮތަކަށްވެސް ކާފަރުން ކުރާ ޒާތުގެ ކަންތައް ކޮޕީކުރަން ހެޔޮނުވާނެ."

ލައިލާ އެ ޕާރުސަލާއި މާބޮނޑި މޭޒުމަތީގައި ބޭއްވިއެވެ.

މުރާދު ލުއި ހިނިތުންވުމަކާއެކު ފްރިޖް ހުޅުވާލިއެވެ. "މަންމާ... މަންމަ ޝޭޚުގެ އަންބަކަށް ވީފަހުން ހާދަ އަޅުވެރިވެއްޖެއޭ."

އޭނާ ޖޫސް ޕެކެޓުން ބިއްލޫރި ތަށްޓަކަށް ޖޫސް އަޅައިގެން ބޯން ފެށިއެވެ. "ޝޭޚެއްގެ ޖުއްބާ ދަށުން ތަންކޮޅެއް ކުރިން އަންހެންކުއްޖަކު ފެނިގެން އެ ވާހަކަ ރަށުތެރޭގައި ދެކެވުނޭ މާމަ ބުނި.. ދޮންބައްޕަ ކައިރިން އަހައިލަން ވެއްޖެ.........."

ލައިލާ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މިއީ އަދި ލައިލާ ދުވަހަކު އަޑުއެހި ޒާތުގެ ވާހަކައެއް ނޫނެވެ. މިކުއްޖާގެ ލާނެތްކަމުން ހަދަހަދައިގެން ބުނި އެއްޗެއް ނޫންހެއްޔެވެ؟ ރީތިކަމެއް ދެއްވާފައި ހުއްޓަސް އިބުލީހުގެ ފޮތުން ކިޔަވައިގެން ހުރި ދަރިއެކެވެ. ލައިލާ ސީރިޔަސްކަން މޫނަށް ވެރިކޮށްލުމާއެކު ހަށަން ބަނދެލިއެވެ.

"ސުބުޙާނަﷲ... ހެޔޮނުވާނެ މުރާދު. އެއްވެސް ލަދެއް ޙަޔާތެއްވެސް ނެތީތަ؟ ތި ނުލަފާކަން ދައްކަން ކޮންމެ ފަހަރަކު މި ގެއަށް ވަނީމަ މި ގޭ އެހެން ކުދިން ހަލާކުވާނީ. ޒާމިލްއާއި ޒުހާގެ ބޭބެ ނަމޫނާ ދައްކަންވީމަ އެ ކުދިން ހަލާކުކުރަން ތި އުޅެނީ؟ތި ބުނާ މާމައެއްގެ ގާތުގައި ގޮސް ހުރެބަލަ މުރާދު. ދޮންބައްޕައާ ބެހޭގޮތުން ތިހާ ހަޑިކޮށް ވާހަކަދައްކާއިރު، ހަމަ ދޮންބައްޕަގެ ގެއިން އެއްޗެހި ކައިބޮއި ތި އުޅެނީ؟ މި ގެއަށް ވަންނަން އެބަ ކެރޭ..އެހެންނޫނަސް ދީނީ އިލްމުވެރިންނަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ކޮންފަދަ ކަމެއްކަން ނޭގެނީތަ؟ އިހުތިރާމެއް އަދަބުވެރިކަމެއްނެތް....މުރާދު ކޮންވައްތަރަކަށް ތިއުލެނީ؟ ޒުހާއަށްވުރެ ތި އިސްޔަށިގަނޑު ދިގު......"

"ރިލެކްސް މަންމާ...ހަމަޖެހިބަލަ...." މުރާދު ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ.

ލައިލާގެ އަޑުގައި ހުރީ ހަރުކަށިކަމާއި ހިތްހަމަނުޖެހުމެވެ. "މުރާދު... ހަދިޔާ ދޭން އައީ. ޝުކުރިއްޔާ. ޖާވިދު ގެއަށް އަންނާނެ ނަމާދުކޮށްގެން.ތި ދެމީހުން ތަޅައިގަންނަތަން ފެންނަން ބޭނުމެއްނޫން...ގެއަށް ދޭ..."

"ތަޅައިގަންނަން؟ މަންމަވެސް ދެން ކޮންމެކަމެއް ބޮޑުކޮށްލަފައި...އާނ...އޭނަ މަގޭ މޫނުމަތީގައި ޖެހި ދުވަސް....މަންމަ އަލުން ހަނދާންކޮށް ތިދިނީ..."

"އަމީން މުރާދު ތި ވައްތަރަށް އުޅެން ދޫކޮށްފައި ބަހައްޓާތީވެސް ހައިރާން..."

"ބައްޕަ އާއި ދިމާނުވާތާ ކޮން ޒަމާނެއް...އެކަނި ތަނެއްގައި މިއުޅެނީ.........," މުރާދު ބުނެލިއެވެ.

"ކޮބާ އަމީން؟ އަނެއްކާ އޭނާއާ ވެސް ކޮންމެވެސް އަރައިރުމެއް ވެފައި ނުކުމެގެން ތި އުޅެނީ؟" ލައިލާ ސުވާލުކުރިއެވެ.

"މި ގޭގައި ދުވަސްކޮޅަކަށް ނުހުރެވޭނެތަ؟ކޮަޓަރީގެ އަގު ބޮޑުކަމުން........." މުރާދު އަހާލިއެވެ.

"ޖާވިދު އެއްބަސްނުވާނެކަން އެނގިހުރެ ތިހެން އެހުމުގެ މާނައެއް ނެތް," ލައިލާ ހަރުދަނާކަމާއެކު ބުންޏެވެ. "މުރާދު... ހަމަ ރަނގަޅަށް އެނގޭނެ މިއީ ޖާވިދުގެ ގެ ކަން. އަހަންނަކީ ވަޒީފާއަކަށް ދާ މީހެއް ނޫން. ޖާވިދުއަށް އެއްގޮތަކަށްވެސް މުރާދުގެ ތި އުޅުން ރަނގަޅެއް ނޫން. އިޞްލާޙުވެގެން، ތި އިސްތަށިގަނޑު ކޮށާލާފައި، ޗޭނާއި އެއްޗެހި އަތުކުރިން ނަގައިގެން ނޫނީ މި ގެއަށް ނުވަންނަން ބުނެފައެއްނު އޮތީ."

"މަންމާ... ޝޭޚު ކައިރީ މަންމަ ބުނެބަލަ... ލާ ހެދުމާއި އިސްތަށިގަނޑަށް ބަލާފައި ޖަޖް ނުކުރާށޭ......" މުރާދު ބުނެލިއެވެ.

"މުރާދު... ތިހެން އުޅުނީމަ އިންނާނެ ރަނގަޅު އަންހެންކުއްޖަކުވެސް ނުވާނެ...."ލައިލާ ބޯ ހޫރައިލިއެވެ.

"ނުރަގަޅު ކުއްޖަކާއި އިންނާނީ..."

"އެކަކުވެސް ނީންނާނެ..."

މުރާދު ދެން ބުނި އެއްޗަކުން ލައިލާ ބޯ ހަލާކުވާވަރުވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު