މޫން ފްލާވަރ 32

"އެންމެ އުފާވެރި އިންސާނާއަކީ ތަގުވާވެރިމީހާއެވެ. އެފަދަ މީހުން މާފުކޮށް، ހަނދާން ނައްތައިލާ، ލޯބިވެ. މީހުންނަށް އެހީތެރިވެ، އަޅާލާ އަދި ހިނިތުންވެ އުޅޭނެއެވެ."

***

ދުނިޔޭގެ ކަންތައް ހިނގަނީ އަބަދުވެސް މިގޮތަށްކަމަށް އޭނާ ދަނެއެވެ. މުއްސަނދިން އެމީހުން ބޭނުންވާ ގޮތަކަށް ނިންމައެވެ. ބައެއްފަހަރު ކޮންމެވެސް ސަބަބަކާއިހުރެ އެކަމުގެ ނަތީޖާގެ ހިތިކަން ތަހައްމުލުކުރަންޖެހެނީ އެއްވެސް ކަމަކަށް ޝައްކުނުކޮށް ތިބޭ އާދައިގެ މީހުންނެވެ. މުއްސަދިންނާއި ނިކަމެތިކަމުގެ ފަރަގަކީ އެއީއެވެ.

***

މިލްހާ ކޮޓަރިއަށް އެނބުރި އައުމަށްފަހު ހިޖާބު ނަގައި ގަޔަށް ފަސޭހަ ހެދުމެއް ލިއެވެ. ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުއްޓުނެވެ. މަޑުމަޑުން އޭނާގެ ދިގު ގަދަ މުށިކުލައިގެ އިސްތަށިގަނޑު ފުނާ އަޅަމުންދިޔައެވެ. އޭނާގެ އިސްތަށިގަނޑު ބުރަކަށީގެ މައްޗަށް ދޫކޮށްލާފައި އޮތްއިރު ދޭތެރެއަކުން ލަކުޑި ފުނާގެ ދަތްތަކުގައި އަޅައިގަނެއެވެ. އޭރު އޭނާގެ ޚިޔާލުތައް ހުރީ އެހެން ދިމާލެއްގައެވެ.

އަލާޔާގެ ސިފަ ހިތަށް ގެންނަން މަސައްކަތްކުރަމުން، ކުޑަ ވަގުތުކޮޅަކަށް އޭނާ އަމިއްލަ ސޫރައާއި އަޅާކިޔުނެވެ. އެމީހުން އެކަކު އަނެކަކާ ވައްތަރުކަމަށް ރާހާ ދައުވާކުރިއެވެ. ޚާއްޞަކޮށް ހިނިތުންވުމެވެ. ރާހާ ބުނިހާ ބޮޑަށް އަލާޔާއާއި ވައްތަރީހެއްޔެވެ؟ދުވަހަކުވެސް ބައްދަލުވެފައި ނުވާ އަންހެނަކާ އަމިއްލަ ނަފްސު އަޅާކިޔުމަކީ ކޮންމެވެސް ވަރަކަށް އާދަޔާ ޚިލާފު ކަމެއްކަމަށް އޭނާ ދެކުނެވެ. މިހާރު މި ދުނިޔޭގައިވެސް ނެތް އަންހެނެކެވެ.

އޭނާ ބޯ ކުޑަކޮށް އަނބުރާލައި އެކި ގޮތްގޮތަށް އަރިއަށް ހުރެވެސް ބަލައިލިއެވެ. ހިނިތުންވެލިއެވެ.

މިލްހާ ފުނާ ތިރިކޮށްލިއެވެ. އޭނާއަށް އަލާޔާއާ މެދު ވިސްނޭލެއް ގިނަވެއްޖެކަން ޔަގީނެވެ. ބޭކާރު ވިސްނުމެއް ނޫންހެއްޔެވެ؟ ލިބުނުވަރަކަށް އަލާޔާއާއި ބެހޭ ކުދި މައުލޫމާތުތައް އެއްކުރަން މަޖުބޫރުވެފައިވާ ޖާސޫސެއްފަދައެވެ. އަލާޔާއަށް ދިމާވީ ކޮން ހާދިސާއެއް ހެއްޔެވެ؟ އެހެންވުމުގެ ސަބަބަކީ ކޮބާހެއްޔެވެ؟ މިފާރުތަކުގެ ތެރޭގައި އަލާޔާ އުޅުނީ ކިހިނެއްހެއްޔެވެ؟ އޭނަ މިކަންތައް ހޯދުމުގެ މަގުސަދާއިމެދު ސުވާލު އުފެދުނެވެ. އެއިން އެއްވެސް ކަމެއް އެނގުމުން ބަދަލުވާނީ ކޮންކަމެއްހެއްޔެވެ؟ އޭނަ އެންމެ ކުރިން ޚިޔާލުކުރީ ގާތިލަކީ ސިފްރާންކަމަށެވެ. އެހެންވިނަމަ އޭނަ މިހެން މުޖުތަމައަށް ދޫވެފައެއް ނުހުންނާނެ ނޫޫންހެއްޔެވެ؟ އޭރުން އޭނަގެ ގެއަކަށްވާނީ ޖަލެވެ. މިނިވަންވެފައި ހުރުމުގެ މާނައަކީ މީހަކު މަރައިލުމުގެ އެއްވެސް ތުހުމަތެއް ނެތްކަމެވެ.

އޭނާއަށް ފައިދާއެއް ނުކުރާ އަދި އެއްވެސް ގުޅުމެއްވެސް ނެތް ކަންކަމުގައި ސިކުނޑި މަޝްޣޫލުކޮށްގެން ހުރުމުގައި މާ ބޮޑު ފައިދާއެއް ނެތްކަން އޭނާ އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ. އިސްލާމްދީނުގައި މީހުންނަށް ބާރުއަޅާފައިވަނީ ފައިދާހުރި ކަންކަމާ މެދު ވިސްނުމަށެވެ. ހަމައެކަނި ޖަވާބު ނުލިބި އޮތް ކޮންމެ ސުވާލެއްގެ ފަހަތުން ދުވުމަކަށް ނޫނެވެ. ހުރިހާ އެއްޗެއް އެނގޭކަށް ބޭނުމެއް ނޫނެވެ. މާޒީގައި ހިނގާފައިވާ ކަންތައްތަކާއި ފޮރުވިފައިވާ ކަންތައްތަކާއި ދުވަހަކުވެސް ދެކެވިފައި ނުވާ ވާހަކަތައް ހުރިހާކަމެއް ދެނެވޮޑިގެންވާ ﷲ ތައާލާއަށް ދޫކޮށްލުން މާ ރަނގަޅެވެ.

އޭނާ އިސްތަށިގަނޑު އެއް ކޮނޑުމައްޗަށް އެއްލައިލުމަށްފަހު ފުނާ އަޅަން ފެށިތަނާ ނިދާކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށް ސިހިފައި އެނބުރިލިއެވެ. ދޮރުމަތީގައި ހުރީ ސިފްރާނެވެ.

"މިލްހާ ތިއުޅެނީ ކޮންކަމެއް ނުވެގެންތަ؟" ސިފްރާންގެ މޫނުމަތީގެ ކުލަވަރާ އެއްގޮތަށް އޭނާގެ އަޑުވެސް ހުރީ ފިނިކޮށެވެ.

އޭނާ ސިފްރާނަށް ބަލަހައްޓައިގެން ހުރީ ވާނުވާ ނޭގިފައެވެ. " ވަޓް؟"

"ނޯކަރުން ކައިރީ ސުވާލުކުރުން. ލައިބްރަރީއަށް ވަދެ ހޭވުން، މިގޭގައި އުޅޭ ކޮންމެ މީހަކާ ސުވާލުކުރަން ގަސްތުކުރަނީތަ؟" ސިފްރާންގެ ފިޔަވަޅުތައް ހުއްޓުނީ އޭނައާއި ތަންކޮޅެއް ދުރުގައެވެ.

އޭނަގެ މޫނު ރަތްވެގެންދިޔައެވެ. ލަދުގަންނަގޮތްވިއެވެ. ސިފްރާން އެ ބީދައިން ވާހަކަ ދެއްކުމުން، އަލާޔާގެ މައްސަލަގަނޑުތެރޭގައި ކިހާ ވަގުތެއް ހޭދަކުރެވުނުކަން އޭނާއަށް ވިސްނުނެވެ.

ޝެރަންއާ ވާހަކަދައްކަން ހުރިއިރު ސިފްރާންގެ ޑްރައިވަރު އެތާ ކައިރީގައި އުޅުނުކަމެއްވެސް މިލްހާއަކަށް ނޭނގެއެވެ.

ސިފްރާންގެ ކޯ ކަށިގަނޑަށް ބާރުކޮށްލިއެވެ. "ބުނަން ވާހަކައެއް...މިލްހާއާ ގުޅުމެއް ނެތް ކަންކަމާ ދުރުގައި ހުރުމާ ބެހޭގޮތުން އަހަރެން އެކަށީގެންވާ ވަރަށް ސާފުކޮށް ނުބުނަނީތަ؟ ނޫނީ އޮޅުން ނުފިލަނީ؟"

"އަލާޔާއާއި ބެހޭގޮތުން ސުވާލުކުރުން މަނާކަމަށް ސީދަލަށް ބުނި ހަނދާނެއްނުވޭ... އައި ވޯޒް ޖަސްޓް ކިއުރިއަސް..."

ސިފްރާން ހުރި ތަނުގައި ހުރީއެވެ. އޭނާގެ ޖަވާބުން ހިތްހަމަނުޖެހިފައި ހުރިހެން ހީވެއެވެ. "މުވައްޒަފުންނާ ދުރުން އުޅޭ. އެމީހުން ކުރަންޖެހޭ މަސައްކަތް އެބަހުރި. މިލްހާގެ މޮޔަ ސުވާލުތަކަށް ޖަވާބުދީ މަޖާކުރާކަށް އެމީހުންނަަށް ވަގުތެއްނެތް..."

"އެމީހުންނާ ބެހޭގޮތުން ތިހެން ބުނާކަށް ނުޖެހޭ. އެމީހުން އަހަރެންދެކެ ރުހޭ...ހެޔޮ..... އެމީހުން ފިޔަވައި މިތަނުގައި އަހަރެންގެ އެއްވެސް އެކުވެރިއަކު ނެތް.........."މިލްހާގެ ބުމަގާތްކޮށްލިއެވެ.

"އަހަރެންގެ މުވައްޒަފުންނާ ބެހޭގޮތުން ވާހަކަދައްކާނެ ގޮތް ކިޔައިދޭން ނޫޅޭ..."

އޭނަ ނަޒަރު ދުރުކޮށްލާފައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އޭނަ ފުނާ ބާއްވާފައި ޝޯލް ބޮލުގައި އޮޅައިލިއެވެ. "އަހަރެން ދެން އޭނާއާ ބެހޭގޮތުން ސުވާލެއް ނުކުރާނަން."

"އާނ....ނުދައްކާތި......" ސިފްރާން ވާހަކަދެއްކި އިރު މާނައެއް ނެތް އަދި ހަރުކަށިކަމެއް ހުރުމުން އޭނަގެ ހިތަށް އެރި ހަމަލާއަކަށް ވިއެވެ. އަމިއްލަ ނަފުސްގެ ދިފާޢުގައި ވާހަކަދައްކަން މަޖުބޫރުވިއެވެ.

"މިކަމާހެދި ތިޔަވަރަށް ރުޅިގަދަވެ މައްސަލަ އުފައްދާ ސަބަބެއް ނުވިސްނޭ. އޭނާ އެނބުރި އަންނާނީއެއް ނޫން..."

ސިފްރާން ގަނޑުވިފަދައެވެ.

އެ ބަދަލު ފާހަގަވި ނަމަވެސް، ވިސްނާލުމުގެ ބަދަލުގައި އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން ހަމައެކަނި ބޭނުންވީ ވީގޮތް ދެނެގަންނަން.. ކޮންމެ މީހެއްގެ ވާހަކަ ތަފާތު......އަލާޔާ ބޭވަފާތެރިވިނަމަ ރުޅި އަންނާނެވަރު އަހަންނަށް ވިސްނޭ..."

"އަނގަ މަޑުން ލައިގެން ހުރެބަލަ...."ސިފްރާން ބުމަ ކައިރިކޮށްލިއެވެ.

"އަހަރެން މި ބުނާ އެއްޗަކީ ހަޤީޤަތުގައި ވީގޮތް މީހުންނަށް ކިޔައިދިންނަމަ، އެމީހުން ވެސް ހަދަހަދައިގެން ވާހަކަތަކެއް ނުދައްކާނެ..."

ސިފްރާންގެ ދެލޮލުގެ ކުލަ އަނދިރިވެގެންދިޔަގޮތުން ރުޅިގަނޑު ފަޅައިގެންގޮސްދާނެފަދައެވެ.

"އެއީ ކަލެއާ ބެހޭ ކަމަކަށް ނުވާތީ....." ކޮޓަރީގެ ތެރޭގައި ސިފްރާންގެ އަޑު ގުގުމައިގެންދިޔައެވެ. ސިފްރާން އޭނާއާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. މިލްހާ ސިހުމާއެކު ހިތް ގުޑައިލިއެވެ. ސިފްރާންގެ އަނދިރި ފަރާތް މިފެނުނީ އަލަށެވެ.

"ތި ދައްކަނީ ކިހާވަރެއްގެ ވާހަކައެއްކަން އެނގޭތަ؟ މިގޭގައި ހިނގި ކަންތައްތަކާ ބެހޭގޮތުން ކުޑަކުޑަ އެއްޗެއްވެސް ވިސްނޭތަ؟"

"ނޫން، ސިފްރާން. އަހަންނަކަށް ނޭނގޭ. އަދި މިގޭގަ އުޅޭ އެހެން މީހަކަށްވެސް އެނގޭހެނެއް ހީއެއް ނުވޭ."

ސިފްރާންގެ އަތް ކުއްލިއަކަށް މައްޗަށް އުފުލާލިއެވެ. އޭނަ ހައިރާންވެފައި ފަހަތަށް ޖެހިލިއެވެ، އަމިއްލަ ރައްކާތެރިކަމަށްޓަކައި އަތް މޫނާއި ދިމާލަށް ހުރަސްކޮށްލިއެވެ.ބިރުވެރި ސިކުންތުކޮޅަކަށް ސިފްރާންގެ އަތް ވައިގެ ތެރޭގައި ހުއްޓުނެވެ. އެއާއެކު އަތް ތިރިކޮށްލުމުގެ ކުރިން އިނގިލިތައް މަޑުމަޑުން މަޅައިލާ މުށްކަވާލިއެވެ.

ކޮޓަރީގެ ތެރެ ހިމޭންވެއްޖެއެވެ. މިލްހާ ހިތް ބާރަށް ތެޅެމުންދިޔަ ހާލު ގަނޑުވެފައި ހުރި މީހެއްހެން ހުއްޓެވެ. އޭނާ ސިފްރާނަށް ބަލައިލުމަށްފަހު އޭނާގެ ގައިގައި ޖަހަން ކުޑަކޮށް އުފުލާލި އަތަށް ބަލައިލިއެވެ. ސިފްރާންގެ މޫނުމަތީގެ ކުލަވަރު ދެނެގަންނަން އުނދަގޫވިއެވެ.

"ދެން ދުވަހަކުވެސް އޭނާއާ ބެހޭގޮތުން އެގޮތަށް ވާހަކަނުދައްކާ......." ސިފްރާން ފިޔަވަޅެއް ފަހަތަށް އަޅާލިއެވެ. އަދި ފާޑަކަށް ހީލިއެވެ. "އަމިއްލައަށް ނަމާދުތަކަށާއި އަބުރުވެރިކަމަށާއި އެހެން ހުރިހާ ކަމަކަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭއިރުވެސް އަސާސީ ބައެއް ކަންކަން ހަނދާންނެތިފައިވާހެން ހީވޭ."

"ޣީބަބުނުން. އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންތަ؟ ނުވަތަ އެކަން މުހިންމުވަނީ އެހެން މީހެއްގެ އަބުރާ ބެހޭ ވާހަކަ ދެކެވޭއިރު އެކަނިތަ؟"

އޭނަ ސިފްރާންއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ތި އުޅެނީ މީހުން ކައިރީ އަހަރެންގެ އަނބިމީހާއާއި ބެހޭގޮތުން ސުވާލުކޮށް އޭނާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ހިތްވަރުދީ ލޯބީގެ ގުޅުމެއް އޮތްކަމަށް ދެކެވޭ ވާހަކަތައް އަޑުއަހަން.....އެއީ ކޮންކަމަކާއިހެދި؟ ޝައުގުވެރިވެގެން؟"

އޭނާގެ މޫނު ރަތްވާން ފެށިއެވެ. ސިފްރާން "އަހަރެންގެ އަނބިމީހާ" އޭ ބުނުމުން އެ ލަފުޒުވެސް މިލްހާގެ ހިތަށް ހެރުނެވެ. ތުނޑު ތޫނު ތީރެއް ފަދައިންނެވެ.

"އެއީ އަހަރެން އެހެންވެގެނެއް....... "

"ތިޔަ ބައިވެރިވަނީ ކޮންކަމެއްގެ ތެރޭގައިކަން އެއްވެސް ވަރަކަށް ވިސްނޭތަ؟ އެ ވާހަކަތައް ފެތުރީ މިލްހާ ކަމުގައި ވިޔަސް ނުވަތަ ހަމައެކަނި އެތާ އިނދެ އަޑުއަހަން އިނީ ކަމުގައި ވިޔަސް، މީހެއްގެ އަބުރަކީ އަމިއްލައަށް ކުޅެން އޮތް އެއްޗެއް ނޫންކަން ހަނދާންނެތިފައިވާހެން ހީވޭ."

މިލްހާ އިސްޖަހައިލިއެވެ.

"ޒިނޭގެ ތުހުމަތަކީ އާދައިގެ ކުޑަ ވާހަކައެއް ނޫން.. މިލްހާ. އިސްލާމްދީނުގައި އެކަމުގެ ނުބައިކަމާއި ބޮޑުކަން އެނގޭތަ؟"

"ދީނާ ބެހޭގޮތުން ތިޔަވަރަށް ވާހަކަދައްކާއިރު އަމިއްލަ ދިފާޢުގައި އެއްޗެއް ބުނަންވެސް ދުނިޔޭގައި ނެތް އަންހެން ކުއްޖަކާއި ބެހޭގޮތުން އެފަދަ ވާހަކަތަކަށް ހިތްވަރުދޭން އިންއިރު ދެވަނަ ވިސްނުމަކަށްވެސް ނުދިޔަ......" ސިފްރާންގެ ލަފުޒުތައް ހަރުކަށި ނަމަވެސް، އެ ބަސްތައް އަމާޒަށް ވާސިލުވިއެވެ. މިލްހާގެ މޭތެރޭގައި އެއްޗެއް ފައިބައިގެން ދިޔަހެން ހީވިއެވެ.

އޭނާ އަލާޔާގެ މަރުގެ އަސްލު ހޯދަން ޝައުޤުވެރިވީވަރުން ކުށްވެރި ހާލަތަކަށް ގެންދަން އޭނާގެ ޟަމީރު ބާރު އެޅީއެވެ. ކޮންމެވެސް ހިސާބަކުން އަލާޔާއާ ބެހޭގޮތުން ހޯދުމުގައި އޭނާ މާ ބޮޑަށް ގެއްލިފައި ހުރުމުން އެފަދަ މައުލޫމާތެއް ހޯދުމަކީ އޭނަގެ މަސްއޫލިއްޔަތެއްކަމުގައި ހީކުރެވުނީއެވެ.

ހަގީގަތުގައި އެކަމުގެ ތެރެއަށް ހަސަދަވެރިކަމެއްވެސް ވަނެވެ. އަލާޔާގެ ވަނީ އޭނަގެ ނެތް ކޮން ސިފައެއް ނޫނީ މިޒާހެއްކަން ދެނެގަންނަން ހިތުގައި އުފެދިގަތް އުނދަގޫ އެދުމެއް ނުބައި ހާލަތަކަށް އޭނަ ވައްޓައިލީއެވެ.

ޣީބަބުނުމާ ދެކޮޅަށް ގުރުއާނުގައިވާ އާޔަތް އޭނާ ކުރިން ކިޔާފައި ވެއެވެ. ޣީބަބުނުމަކީ މަރުވެފައިވާ އަމިއްލަ އަޚާގެ މަސްކެއުން ފަދަ ކަމެއްކަމަށް ބަޔާންކުރައްވާ ސޫރަތުލް ޙުޖުރާތުގެ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ١٢

މާނައަކީ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަ ހީތަކާ ދުރުހެލިވާށެވެ. ހަމަކަށަވަރުން ބައެއް ހީތަކަކީ ފާފައެކެވެ. އަދި (އެކަކު އަނެކެއްގެ ކުށްތައް) ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންކުރެ މީހަކު އޭނާގެ މަރުވެފައިވާ އަޚާގެ މަސް ކެއުމަށް ލޯބިކުރާނެތަ؟ ފަހެ، ތިޔަބައިމީހުން އެކަމަށް ނަފްރަތްކުރާނޫއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

"އަހަރެން އެެހެން ބުނި އެއްޗެއް ނޫން......"މިލްހާ އަމިއްލަ އަތްތިލައާއި ދިމާލަށް ބަލައިލަމުން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

"ޑޯންޓް ރިޕީޓް އިޓް..... މިއީ ކަލޭ އޭނާގެ ނަން ކިޔާނެ އެންމެ ފަހު ފަހަރު......"

ސިފްރާން އިތުރު އެންމެ ބަހެއްވެސް ނުބުނެ ނުކުމެގެން ދަމުން ދޮރު ލައްޕައިލިއެވެ.

މިލްހާގެ ނަޒަރު ލޯގަނޑާ ދިމާލަށް ހުއްޓުނެވެ. ޝޯލްގެ ތެރެއިން ގަދަ މުށިކުލައިގެ އިސްތަށިގަނޑުގެ ބަޔެއް މޫނަށް ފައިބާފައިވިއެވެ. އިނގިލިތަކުން އެއްކޮށްލުމަށްފަހު އަނެއްކާވެސް އަތުން ދޫކޮށްލިއެވެ. އޭނާގެ ހިތް އަދިވެސް ތެޅެމުންދަނީ ބާރުބާރަށެވެ. ސިފްރާންގެ ލޮލުގައި މިލްހާއަށްޓަކައި އެއްވެސް ލޯތްބެއް ނުވަތަ އޯގާތެރިކަމެއް ނެތެވެ. މި ގޭގެ ތެރޭގައި އޭނާ މި ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އޭނަގެ ލޮލަށް ކަރުނަ ޖަމާވަން ފެށުމާއެކު އޭނާ އަވަސްއަވަހަށް ކަރުނަތައް ފުހެލިއެވެ.ލޮލަށް ތަދުވާހާ ބާރަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު