ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމުގައި ހެކިބަސް ދިނުމުގެ އިންތިޒާމު ހަމަޖައްސައިފި

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާގޮތް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު އިއުލާން ކޮށްފިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށްޓަކައި، އަދި ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 25 މޭ 2017 ވާ، ބުރާސްފަތި ދުވަހުގެ ހަވީރު 5.30 ން ފެށިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ރަށުކައުންސިލް އަދި އަތޮޅުކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެކަމަށެވެ.

އެގޮތުން މާލޭގައިނަމަ ހަނދު ފެންނަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށާއި އަތޮޅުތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓު ކޯޓްގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއެވެ.

މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ހެކިބަސް އަދާކުރާނީ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީގައި ކަމަށް އެއިދާރާއިން މަޢުލޫމާތުދިނެވެ.

ހެކިބަސް އަދާކުރުމަށް އައުމާ ދިއުމުގެ ޓެކްސީ ހަރަދު ދެއްވުމަށް ހަމަޖެހިފައިވާކަމަށާ، ހަނދާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް މާލޭގައި ނަމަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓެއް ނެތް ރަށެއް ނަމަ ރަށުކައުންސިލް އިދާރާއަށް ގުޅުމަށްވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެދެއެވެ.

comment ކޮމެންޓް