މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް މާދަމާ މަސްދަޅު ކޭސް ބަހަނީ

އަންނަ ހަފުތާގެ ބުރާސްފަތީގައި މާލެއަށް މަސްދަޅުކޭސް ބަހަން ފަށަނީ --

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މާދަމަ މަސްދަޅު ކޭސް ބަހަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ބަހާނީ އަންނަ ހަފުތާގެ ހުކުރު ދުވަހު ދުވަހާ ހަމައަށް ކަމަށެވެ.

އެސްޓީއޯއިން މަސްދަޅުކޭސް ބަހަން ނިންމާފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. އެ ކުންފުނިން ބުނީ، މަސްދަޅުކޭސް ބަހާނީ ގޭގެ ކަރަންޓު މީޓަރަށް ބަލައި އައިޑީ ކާޑު ނަންބަރާއި ފޯނު ނަންބަރު ނޯޓު ކުރުމަށް ފަހު ކަމަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ.

މަސްދަޅުކޭސް ބަހަން ހަމަޖެހިފައިވާ ގަޑިތައް:

  • މެންދުރުފަހު 2:30 އިން ހަވީރު 06:00އަށް
  • ރޭގަނޑު 8:30 އިން 11:00އަށް

މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބަޔާއި މިފްކޯ އޮފީސް ކޮމްޕައުންޑުގައެވެ.

އަދި ހުޅުމާލެ ފޭސް އެކަކުން އުމަރު ޒާހިރު ބިލްޑިންގައާއި، ހުޅުމާލެ ފޭސް ދެއަކުން، ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރުގައި ވެސް މަސްދަޅުކޭސް ބަހާނެއެވެ.

ވިލިމާލޭގައި މަސްދަޅުކޭސް ބަހާނީ، ވިލިމާލޭ ކައުންސިލް އޮފީހުންނެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. އަދި 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް