ވަރުގަދަ މާޒިޔާ ބަލިކޮށް، ވިކްޓަރީން ދެ ވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި

މާލޭ ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީއާއި ގުރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މިއަދު ހަވީރު މާޒިޔާގެ މައްޗަށް ވިކްޓަރީން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން މާލޭ ލީގު ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި މާޒިޔާގެ މައްޗަށް ވިކްޓަރީން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. މިއީ މާޒިޔާއިން މި ސީޒަނުގެ މާލޭ ލީގު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

އެ މެޗުން މާޒިޔާ ބަލިވި ނަމަވެސް، ތާވަލުގެ އެއްވަނާގައި އަދިވެސް އޮތީ މާޒިޔާއެވެ. މާޒިޔާއަށް 8 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. މިއަދުގެ މެޗުން މޮޅުވި ވިކްޓަރީ އޮތީ ކުޅުނު 8 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނާގަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މާޒިޔާގެ ކުރީގެ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުސްތޮފާ މުހައްމަދު ސެޑިކްއެވެ.

މެޗުގައި މާޒިޔާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ. މެޗުގައި ވިކްޓަރީގެ ގޯލުކީޕަރު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އިމްރާންގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެންދިޔަ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ ހަ ވަނާގައި އޮތް ކްލަބު އީގަލްސް އާއި ހަތް ވަނާގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އެވެ. އީގަލްސް އާއި ޔޫވީއާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މިރޭގެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ، އެ ޓީމު އަލުން ހަތަރުވަނައަށް ޖެހިލާނެ އެވެ.

comment ކޮމެންޓް