ކޮޅުވެއްޓީގައި ތިބި ހަ މީހުން ގޮވައިގެން އިންޑިއާ މަނަވަރު މާލެއަށް ދަތުރުކުރަނީ

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މާރިއާ-3 ކޮޅުވެއްޓި ކަނޑުމަތީގައި --- ފޮޓޯ/ އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު "މާރިއާ-3" ކޮޅުވެއްޓީގައި ތިބި ހަ މީހުން ގޮވައިގެން އިންޑިއާގެ މަނަވަރު މާލެއާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކޮޅުވެއްޓި އޮތް ސަރަހައްދަށް ބާރަށް ވައިޖެހި ކަނޑު ގަދަވެފައި ވާތީ، ކޮޅުވެއްޓީގައި ތިބި މީހުން މަނަވަރަށް ނެގުމަށް އެމްއެންޑީއެފުން ނިންމައި އެމީހުން މަނަވަރަށް ނަގާފައިވާ ކަމަށެވެ.

ކެޕްޓަމް އާޒިމް ވިދާޅުވީ، ފާއިތުވި 36 ގަޑިއިރުގެ ތެރޭގައި އެ ކޮޅުވެއްޓި ޓޯ ކޮށްގެން މާލެއަށް ގެނެވޭނެ ގޮތެއް ވޭތޯ އެ އުޅަނދުގެ ވެރި ކުންފުނި، ސެނޮކް ޕްރައިވެޓް ލިމިޓެޑުން ގިނަ ބަޔަކާ ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ، އުޅަނދު އޮތް ސަރަހައްދަކީ މާލެއާ ގާތްގަނޑަކަށް 215 ނޯޓިކަލް މޭލު ބޭރުގެ ސަރަހައްދަކަށް ވާތީ އެކަން ކޮށްދޭން އެއްވެސް ކުންފުންޏަކުން އެއްބަސްވެފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރޭގެ ވަގުތެއްގައި އެމްޕީއެލްގެ ޓަގު ބޯޓެއް ސިފައިންނާ އެކު އެ ސަރަހައްދަށް ދަތުރު ފަށާފައިވާ ކަމަށެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ، އިންޑިއާގެ މަނަވަރަށް އެމީހުން ގޮވައިގެން މާލެއަށް އާދެވޭނެކަމަށް ބެލެވެނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރި، 168 ފޫޓުގެ އެ ކޮޅުވެއްޓީގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ ލ. އިސްދޫމުލީގެ 130 ނޮޓިކަލް މޭލު ބޭރުންނެވެ.

ކޮޅުވެއްޓި އޮޔާދާން މެދުވެރިވި ސަބަބެއް ކަމަށް އެމްއެންޑީއެފުން ބުނީ، އޭގެ ކޮޅުގައި ހުރަހަށް ހަރުކޮށްފައި ހުންނަ ދަގަނޑުގަނޑުގެ ޗޭނު ކެނޑި، އެ ދަގަނޑުގަނޑު މޫދަށް އެލިފައިވާތީ ބޭނުންވާ މިސްރާބަށް ދަތުރުކުރަން ހުރަސްތަކެއް ކުރިމަތިވުމުންނެވެ.

ކޮޅުވެއްޓި ގެއްލުނު އިރު އޭގައި ތިބީ ހަމީހުންނެވެ. އެއީ ހަތަރު ބިދޭސީންނާއި ތ. ވިލުފުއްޓަށް ނިސްބަތްވާ ދެމަފިރިންނެވެ.

comment ކޮމެންޓް