މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރި ޚަރަދުތައް އިތުރުވެއްޖެ އެވެ.
ކޮންމެ ކުއާޓަރެއްގައި ވެސް މަރުކަޒީ ބޭންކުންް ވިޔަފާރިތަކުގެ މެދުގައި ސާވޭއެއް ކުރާ އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިޔަށް ގެންދިޔަ ސާވޭގައި ދައްކާ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ވިޔަފާރިތަކަކުން ވަނީ ޚަރަދުތައް އިތުރުކޮށްފަ އެވެ.
އެގޮތުން، މުވައްޒަފުންނަށް ދާ ޚަރަދުތައް އިތުރުވެއްޖެ ކަމަށް، ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ 60 ޕަސަންޓު ފަރާތްތަކުން ބުނި އިރު، ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރަށް ޚަރަދުކުރި ކަމަށް 62 ޕަސަންޓް ވިޔަފާރިތަކުން ބުނި ކަމަށް ބިޒްނަސް ސާވޭއިން ދައްކަ އެވެ.
މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާވޭއަށް ބަލާ އިރު، މުވައްޒަފުންގެ ޚަރަދުތައް އިތުރުވި ކަމަށް ބުނީ 29 ޕަސަންޓު ވިޔަފާރިތަކުންނެވެ.
އެހެން ނަމަވެސް ކެޕިޓަލް ޚަރަދުތައް އިތުރުކުރި ވިޔަފާރިތައް ވަނީ މަދުވެފަ އެވެ. ކެޕިޓަލް ޚަރަދު އިތުރުވި ކަމަށް 49 ޕަސަންޓު ވިޔަފާރިތަކުން ބުނި އިރު، އެ ޚަރަދު އިތުރުވި ކަމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބުނީ 36 ޕަސަންޓު ވިޔަފާރިތަކުންނެވެ.
އާމްދަނީއަށް ބަލާ އިރު، ފުރަތަމަ ކުއާޓަރުގައި އާމްދަނީ އިތުރުވި ކަމަށް ސާވޭގައި ބައިވެރިވެރިންގެ 88 ޕަސަންޓުން ބުނި އިރު އާމްދަނީ ދަށްވި ކަމަށް ބުނީ 12 ޕަސަންޓު ބައިވެރިންނެވެ.
ވިޔަފާރީގެ ހާލަތު އާންމުގޮތެއްގައި ރަނގަޅުކަމަށް، ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ 65 ޕަސަންޓު ބުނެފައިވާ ކަމަށް އެމްއެމްއޭގެ ބިޒްނަސް ސާވޭ ދައްކަ އެވެ.
މިއަހަރުގެ ޖެނުއަރީ އިން މާޗު މަހުގެ ނިޔަލަށް ރާއްޖެ އަށް 359،053 ފަތުރުވެރިއަކު ޒިޔާރަތްކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާޒް ހިސާބުތައް ދައްކަ އެވެ.