ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މެދުރާއްޖެ ތެރޭގައި ނުރައްކާތެރި ހާދިސާތަކެއް ހިނގައިފި އެވެ.
މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފައި ވަނިކޮށް މިހާތަނަށް ވަނީ ނުރައްކާތެރި ފަސް ވަރަކަށް ހާދިސާ ހިނގާފަ އެވެ.
ޔެލޯ އެލާޓާ ނެރެފައި ވަނީ މެދުރާއްޖެ ތެރެއަށެވެ. އެއީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
ވިއްސާރައާ ގުޅިގެން ހިނގި ހާދިސާތައް:
- ކަނޑުގަދަވެ، ފަތުރުވެރިންނާއެކު ލޯންޗެއް އަޑިއަށް ދަނިކޮށް ސަލާމަތް ކުރުން
- ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއް ދިޔަވުން
- ވައިގަދަވެ، ވިލިމާލެ ރުއްގަސްތައް ވެއްޓި ގެއްލުންތަކެއްވުން
- މާލޭގޭގެ ބައެއް ސަރަހައްދުތަކުގައި ޖަހާފައިވާ ބިލްބޯޑުތައް ވެއްޓި ގެއްލުންވުން
- ވިއްސާރައާ ގުޅިގެން މާލޭ ގެއަކަށް ގެއްލުން ވެސް 16 މީހުން ވަގުތީ ހިޔަލަށް
- އިމާރާތެއް ހަދަން ކޮނެފައި ހުރި ސަރަހައްދަކަށް ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއް ވެއްޓި، ހެންވޭރުގެ ބަޔަކުން ކަރަންޓު ކެނޑުން
- ބީއެމްއެލް އޭޓީއެމް ހުރި ތަނުގެ ބިއްލޫރި ދޮރު ތަޅައިގެން ދިއުން
ހަތާވީސް ފަތުރުވެރިއަކު ގޮވައިގެން މިރޭ އިރާކޮޅު ވެލާނާ އެއާޕޯޓަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް މޫސުން ގޯސްވުމުގެ ސަބަބުން ކ. ތުޅާގިރި ކައިރިން ދިޔަވެ، އަޑިއަށް ދަނިކޮށް، އޭގައި ތިބި މީހުން އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފަ އެވެ.
އެ ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 33 މީހުން ތިއްބެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއް ވެސް ދިޔަވަމުންދާ ކަމުގެ ރިޕޯޓެއް ލިބިގެން، އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މެދުރާއްޖެ ތެރެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު އިރުއޮއްސުނު ފަހުން މެދުނުކެނޑި މާލެއަށް ދަނީ ވާރޭ ވެހެމުންނެވެ. ގަދަވަޔާއެކު ވެހެމުންދާ ވާރޭގައި މާލޭގެ ބައެއް މަގުތަކުގައި ޖަހާފައިވާ ބިލްބޯޑުތައް ވެއްޓި، ބައެއް އުޅަނދުތަކަށް ގެއްލުންވެފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ މިއަދު އިރާކޮޅު އައި ކޮޅިގަނޑެއްގައި ވިލިމާލޭގެ އެކި ހިސާބުތަކުގައި ހުރި ބައެއް ރުއް އަދި ގަސްތައް ވެއްޓި ބައެއް ގެ ތަކަށް ކުދި ގެއްލުން ވަނީ ވެފަ އެވެ.

ވިލިމާލެއަށް އެރި ކޮޅުގަނޑުގައި އެ އަވަށުގައި ހުންނަ ކުޑަކުދިންގެ ހިޔާ ކައިރީގައި ހުރި ގަހެއް ބުޑުން ލުހިގެން އައުމުން އެތަން ސާފުކުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ ނިހާން
ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ކޮޅިގަނޑުގައި ވެއްޓުނު ރުއް ގަސްތައް ނަގާ ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް ވިލިމާލެ ދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ގަދަ ވައިގައި ޖެހި އައިޖީއެމްއެޗްގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ސެންޓަރަށް ވަންނަ ބިއްލޫރި ދޮރު ވެސް މިރޭ ވަނީ ތަޅައިގެން ގޮސްފަ އެވެ.
އޭގެ އިތުރުން ހެންވޭރުގައި އިމާރާތެއް ހަދަން ކޮނެފައި ހުރި ސަރަހައްދެއްގައި ފެންބޮޑުވެ އެސަރަހައްދުގައި ހުރި ކަރަންޓު ފޮށްޓެއް ފެންގަނޑުގެ ތެރެއަށް ވެއްޓި، އެ ސަރަހައްދުގެ ބައެއް ގެތަކުން ދެ ގަޑިއިރަށް ކަރަންޓު ކެނޑުނެވެ.
އެ ހާދިސާ ހިނގީ ހެންވޭރު ސަހަރާ ކައިރީގައި ކަންމައްޗަށް ވާ ގޮތަށް އޮތް ބިމުގައެވެ. އެތަނުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.