ފްލެޓު މައްސަލައިގައި ވައިސް ވަހީދު އެދުނު އަމުރު ނުލިބުނު

މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު: ސައްހަ ނޫން މައުލޫމާތު ދީފައިވުމުން، ވައިސް ވަހީދުގެ ސިފްކޯ ފުލެޓު އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފައި -- ފޮޓޯ/ ކަރެކްޝަންސް

ސިފައިންނަށް ޚާއްސަކޮށް އަޅައިފައިވާ ސިފްކޯ ފުލެޓުތަކުން ފުލެޓެއް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދަށް ލިބުނު ނަމަވެސް، އެ ފުލެޓު އަތުލައިފައިވާ މައްސަލައިގައި އޭނާ އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މިއީ، ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލްގެ މަގާމުގައި މިހާރު ހުންނެވި ވައިސް ވަހީދު، ސިފްކޯއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފުގައި ވައިސް ވަހީދު ނެރެދިނުމަށް އެދުނު ވަގުތީ އަމުރާގުޅޭ ނިންމުމުގެ މައްސަލައެވެ.

ވައިސް ވަހީދު ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައި އޮތީ "ސިފްކޯ ހިޔާ" މަޝްރޫއުގެ 300 ފްލެޓަށް ކުރިމަތިލާން ނޮވެމްބަރު 28، 2013 ގައި އިއުލާނުކުރުމާ އެކު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އޭނާ އެޕްލިކޭޝަން ހުށަހެޅުއްވި ކަމަށެވެ. އަދި އެ އެޕްލިކޭޝަނާއި ފުރަތަމަ ޕޭމަންޓް ބަލައިގަނެ، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް އަދި ފްލެޓްގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވާނެ ކަމަށް މައްސަލައިގައިވެއެވެ. ވައިސް ވަހީދަށް އެގްރިމެންޓް ހެދި ފްލެޓަކީ، C1301 ނަންބަރު ފްލެޓެވެ.

ފްލެޓް އެގްރިމެންޓް ހެދިނަމަވެސް، ވައިސް ވަހީދުގެ ނަމުގައި 600 އަކަފޫޓުގެ ބިމެއް މާލޭގައި އޮތްކަން އެނގުމުން ފްލެޓް ހަވާލު ނުކުރަން ސިފްކޯއިން ނިންމިއެވެ. އެހެންވެ، ވައިސް ވަހީދު މަސައްކަތް ކުރެއްވީ ކޯޓު މެދުވެރިކޮށް އެ ފްލެޓް ހޯއްދަވާށެވެ.

އެކަމަކު ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި ހުކުމުގައިވާ ގޮތުން، ފްލެޓް ގަންނަ ފަރާތަކީ، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި އަދި ގިރާވަރު ފަޅު ހިމެނޭހެން، މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައިވާ މީހެއް ނަމަ، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ތަނެއް ދޫކޮށްލާނެ ކަމަށް އެއްބަސްވުމުގައި އޮވެއެވެ. އަދި އެއްބަސްވުމުގައި، ބިމާއި ގޯތިގެދޮރާއި ފްލެޓާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތުކަން ސާބިތުވެއްޖެ ނަމަ އެ ހިސާބުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވާކަން ފާހަގަކޮށް، "އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް" ޝަރީއަތުން ދެކޭ ކަމަށް ވިދާޅުވެފައިވެއެވެ.

އެކަން ކަމަށް ބަލައި، އެ މައްސަލަ ނިންމީ ވައިސް ވަހީދުއާ ދެކޮޅަށެވެ. އެ ނިންމުން ހިފައިގެން ވައިސް ވަހީދު ހައިކޯޓަށް އައިސް އެދުނީ، އޭނާއާއި ސިފްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ސިފްކޯ ހިޔާ ފްލެޓް އެޕާޓްމަންޓާ ގުޅިގެން ތިންވަނަ ފަރާތުގެ ހައްގު އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، ތިން ވަނަ ފަރާތަކާ އެއްބަސްވުން ނުހެދުމަށެވެ. އަދި އިސްތިއުނާފުން ގޮތެއް ކަނޑައެޅުމާ ހަމައަށް އެ ފްލެޓް އެހެން ފަރާތަކަށް ދީ ވިއްކައިހެދުމާއި، އެހެން ތިން ވަނަ ފަރާތެއްގެ ހައްގު އެ އެޕާޓްމަންޓްގެ މައްޗަށް އުފަންވެދާނެފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށެވެ. މީގެ އިތުރުން އެ އެޕާޓްމަންޓް އެހެން ތިންވަނަ ފަރާތެއްގެ ނަމަށް ބަދަލުނުކުރުމަށާއި، ރަޖިސްޓަރީ ނުކުރުމަށާއި، ހަވާލާދެވުނު އެއްބަސްވުމަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރުމަށް ސިފްކޯގެ މައްޗަށް އަމުރުކުރުމަށެވެ.

އެކަމަކު، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން، އެ ފްލެޓް އެހެން ފަރާތަކަށް ވިއްކުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ސިފްކޯއިން ހައިކޯޓަށް އަންގާފައިވާތީ ވައިސް ވަހީދު އެދުނު ފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ނިންމިއެވެ.

ހައިކޯޓުގައި މި މައްސަލަ ބަލަނީ، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން އަދި ޙުޒައިފާ މުޙައްމަދުގެ އިތުރުން އިބްރާހީމް މާހިރުއެވެ.

comment ކޮމެންޓް