ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ދިނުމަށް އިލްތިމާސްކޮށްފި

ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން އެ އޮތޯރިޓީން ކުރާ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ އިނާޔަތް ދިންކަމުގައި ވިޔަސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެއިނާޔަތް ދެމުން ނުދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭންވާނެ ކަމަށެވެ.

"ވީމާ، ވަޒީފާދެއްވާ އެންމެހާ ފަރާތްތަކުން ވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، 1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތް ދެއްވުމަށް ދެންނެވީމެވެ،" އެ އިއުލާނުގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް