އިންސާނުން ދިރިއުޅެން އާ ޕްލެނެޓެއް ކުރިއަށް އޮތް 100 އަހަރު ތެރޭ ހޯދަން ޖެހޭ: ހޯކިން

ތިއޮރެޓިކަލް ފިޒިސިސްޓް ސްޓީވެން ހޯކިން --

އިންސާނީ ދަރިފަސްކޮޅު ސަލާމަތް ކުރުމަށް ޓަކައި ކުރިއަށް އޮތް 100 އަހަރު ތެރޭ އިންސާނުން ދިރިއުޅެން އާ ޕްލެނެޓެއް ހޯދަން ޖެހޭ ކަމަށް ތިއޮރެޓިކަލް ފިޒިސިސްޓް ސްޓީވެން ހޯކިން ވިދާޅުވެއްޖެ އެވެ.

ބީބީސީގެ އާ ސައިންސް ސީރީސް ޓުމޯރޯސް ވޯލްޑްގައި ވާހަކަ ދައްކަވަމުން ޕްރޮފެސަރު ހޯކިން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، ބަލިތައް ފެތުރުމާއި، ދުނިޔޭގެ އާބާދީ އިތުރުވަމުން ދިޔުމުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން އެހެން ޕްލެނެޓަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

މީގެ ކުރިން، މިދިޔަ ނޮވެމްބަރު ޕްރޮފެސަރު ހޯކިން ލަފާ ކުރެއްވި ގޮތުގައި އިންސާނުންނަށް ދިރިއުޅެވޭ ފަދަ އާ ޕްލެނެޓެއް ހޯދަން އަދި 1000 އަހަރު އެބަ އޮތެވެ. ނަމަވެސް މިހާރު އޭނާ ވިދާޅުވާ ގޮތުގައި މިދުނިޔޭގައި ދެން ދިރިއުޅެވެން އޮތީ 100 އަހަރަށެވެ.

"އަޅުގަނޑުމެން ދިރިއުޅެން އެހެން ޕްލެނެޓެއް ހޯދަން ޖެހޭ ކަމަށާއި ކާއިނާތުގެ އެހެން ތަނެއްގައި ދިރިއުޅުމަށް އޮތް ޓެކްނޮލޮޖިކަލް ހުރަސްތަކުން އަރައިގަންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ހޯކިން ވިދާޅުވި އެވެ.

އަދި ހޯކިން ވަނީ އޭނާއެކޭ އެއްފަދައިން އެހެން ބައެއް ސައިންސުވެރިން ވެސް އެފަދައިން ގަބޫލު ކުރައްވާ ކަމަށާއި އަންނަ މަހު ނޯވޭގައި އޮންނަ ސްޓާމަސް ސައިންސް އެންޑް އާޓްސް ފެސްޓިވަލްގައި އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. -- މައުލޫމާތު : އިންޑިޕިޑެންޓެންޓް

comment ކޮމެންޓް