އުފަންވި އިރު ފުރަ މެއާއި ގޮހޮރު ބޭރުގައި އޮތް ކުއްޖެއްގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި

އުފަންވިއިރު ފުރަ މެއާ ގޮހޮރު ބޭރުގައި އޮތް ޒައިދް، އޮޕަރޭޝަނަށް ފަހު --- ފޮޓޯ/ ގަލްފު ނިއުސް

އަބޫ ދާބީ: ވިހެއި އިރު ފުރަ މެ އާއި ކުޑަ ގޮހޮރު ހަށިގަނޑުން ބޭރުގައި އޮތް ކުއްޖެއްގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.

ފަލަސްތީންގެ ދެމަފިރިއަކަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ލިބުނު ޒައިދްގެ ކާމިޔާބު އޮޕަރޭޝަން ކޮށްފައި ވަނީ އަބޫ ދާބީގައި ހުންނަ ދަނަތު އަލް އެމާރަތް ފޯ ވިމެން އެންޑް ޗިލްޑްރަން ހޮސްޕިޓަލުގަ އެވެ.

ޒައިދްގެ ބައްޕަ އަޝްރަފް އަބޫ ނަރް ގަލްފް ނިއުސް އަށް ބުނި ގޮތުގައި، ދުނިޔެ އިން މަދުން ފެންނަ އުނި ކަމެއް އޭނާގެ ދަރިފުޅުގެ ގައިގާ ހުރެދާނެ ކަމަށް ގަބޫލުކުރަން ދަތިވި ކަމަށެވެ.

"އަންހެނުން ބަލިވެ އިނީ އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އާދައިގެކޮށް، އޭރު ވެސް ޒައިދްގެ މަދުން ފެންނަ އުނިކަމެއް ހުރިކަން އެނގޭ. ނަމަވެސް ދުވަހަކު ވެސް އެ އުނިކަމުގެ ވާހަކައެއް އަޑެއް ނާހަން. އަހަރެމެންގެ އިތުބާރު ބެހެއްޓީ ހެއްދެވި ކަލާނގެ އާއި ޑަކްޓަރުންނަށް،" އިންޖިނިއަރެއްގެ ވަޒީފާ އަދާކުރާ ޒައިދްގެ ބައްޕަ ބުންޏެވެ.

ޒައިދް ބެއްލެވި އަދި އޭނާގެ އޮޕަރޭޝަން ކުރި ޕީޑިއެޓްރިކް ސާޖިއަން ޑރ. ރަޖާ ސިންގަޕަގޫ ވިދާޅުވި ގޮތުގައި، އުފަންވާއިރު ހަށިގަނޑުގެ ގުނަވަނެއް ނުވަތަ ތަންގަޅެއް ހަށިގަނޑުން ބޭރުގައި ހުރުން ނުވަތަ ކޮންޖެނިޓަލް ހާނިއާ އަކީ މަދުން ދިމާވާ، އުފަންވާ ކޮންމެ 20،000 ކުއްޖަކުން އެއް ކުއްޖަކަށް ދިމާވާ ކަމެއް ކަމަށެވެ.

"ޒައިދްގެ ހަށިގަނޑުގައި އުނިކަމެއް އުޅޭކަން ފާހަގަވީ ބަނޑަށް 12 ހަފްތާ ވީފަހުން. އެހެންކަމުން ވިހަންދެން ޒައިދްގެ މަންމަ ބާއްވަން ޖެހުނީ އޮބްސަވޭޝަންގައި. އޭނާ ވިހެއީ 37 ވަނަ ހަފްތާގައި،" ޑރ. ސިންގަޕަގޫ ވިދާޅުވި އެވެ.

ވިހެއިތާ ދެ ހަފްތާ ތެރޭގައި ކުރި ފަސް ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު މިހާރު ޒައިދް ވަނީ ގެއަށް ވެސް ދޫކޮށްލާފަ އެވެ. (ގަލްފު ނިއުސް)

comment ކޮމެންޓް