މަސްދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ޝިފާޒް، ހާފް މެރަތަން ރެކޯޑު މުގުރާލައިފި

ހާފް މެރަތަންގެ ގައުމީ ރެކޯޑު ދެވަނަ ފަހަރަށް މުގުރާލި ޝިފާޒް: އޭނާ މިއަދު ކޭއެލް މެރަތަން ނިންމީ 52 ސިކުންތުގެ ކުރިއެރުމަކާއެކު --- ސަން ފައިލް ފޮޓޯ

އެއް މަސް ދުވަސްތެރޭ ދެވަނަ ފަހަރަށް ޝިފާޒް މުހައްމަދު، ހާފް މެރަތަންގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ޝިފާޒް މުގުރާލި ހާފް މެރަތަންގެ ރެކޯޑު، އޭނާ މުގުރާލީ މިއަދު މެލޭޝިއާގެ ކުއަލަމްޕޫރުގައި ކުރިއަށްދިޔަ ކޭއެލް މެރަތަންގައި ދުވެގެންނެވެ.

ކޭއެލް މެރަތަންގެ ހާފް މެރަތަން ކެޓަގަރީގައި ދުވެ އޭނާ ރޭސް ފުރިހަމަކުރީ މިދިޔަ މަހު ނޭޕާލުގައި ކުރިއަށްދިޔަ ބިރްގުންޖް ސިޓީ ހާފް މެރަތަންގައި އޭނާ ނިންމި ވަގުތަށްވުރެ 52 ސިކުންތު އަވަސް، ކުރިއެރުމަކާއެކުއެވެ. އެ ރޭސް އޭނާ ފުރިހަމަކުރީ އެއް ގަޑިއިރާއި، 15 މިނެޓް އަދި 18 ސިކުންތުންނެވެ.

މިދިޔަ މަހު އަހްމަދު ޝަރަފް ގާއިމްކުރި ހާފް މެރަތަން ރެކޯޑު، މިދިޔަ މަހު ޝިފާޒް މުގުރާލީ އެއް ގަޑިއިރާ 16 މިނެޓް، ދިހަ ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މޮރޮކޯގެ ނަޑޯ މެރެތަންގައި މިދިޔަ އަހަރުގެ އޯގަސްޓްމަހު ޝަރަފް ރެކޯޑު ގާއިމްކުރީ 16 މިނެޓް، 17 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މިދިޔަ މަހު ޝިފާޒް ރެކޯޑު މުގުރާލީ ޝަރަފްގެ ރެކޯޑަށްވުރެ ހަތް ސިކުންތު އަވަހަށް ރޭސް ފުރިހަމަކޮށްގެންނެވެ.

މިދިޔަ އަހަރު ހާފް މެރަތަންގެ ރެކޯޑު ޝަރަފް މުގުރާލީ 2014 ވަނަ އަހަރު ޕުކެޓް މެރަތަންގައި އަހުމަދު ރިޒާ ގާއިމްކުރި ރެކޯޑެވެ. އެ އަހަރު ރިޒާ މުގުރާލާފައިވަނީ 1994 ވަނަ އަހަރު ނަސީރު އިސްމާއިލް ގާއިމްކުރި ރެކޯޑެވެ. އޭރު ނަސީރު ރޭސް ފުރިހަމަކޮށްފައިވަނީ އެއް ގަޑިއިރާއި، 19 މިނެޓް، 23 ސިކުންތުންނެވެ. ޕުކެޓް މެރަތަންގައި ނަސީރުގެ ރެކޯޑު، ރިޒާ މުގުރާލީ އެއް ގަޑިއިރާ، 19 މިނެޓް، ފަސް ސިކުންތުން ރޭސް ނިންމައިގެންނެވެ.

comment ކޮމެންޓް