ވިއްސާރަ ނަމަވެސް އެފްއެންޑްބީ ޝޯއަށް ބޮޑު ތަރުހީބެއް!

އެފްއެންބީ ޝޯގެ ތެރެއިން --- ފޮޓޯ ހައިރައިޒް

ކާބޯތަކެއްޗަށް ޚާއްސަކޮށްގެން ހައިރައިޒުން ބާއްވާ ފުޑް އެންޑް ބެވެރޭޖެސް ޝޯ (އެފްއެންޑްބީ ޝޯ) ރޭ ނިންމާލީ ވަރަށް ކާމިޔާބު ތިން ދުވަހަށްފަހުއެވެ. މައުރަޒު މިއަހަރު ދިމާވީ ވަރަށް "ފެން" ހަފްތާބަންދަކާ ނަމަވެސް، އެ މައުރަޒަށް 4،000 އެއްހާ މީހުން ޒިޔާރަތް ކުރިކަމީ ކާމިޔާބެއް ކަމަށް އެ މައުރަޒު އިންތިޒާމުކުރި ހައިރައިޒުން ބުނެއެވެ.

ހައިރައިޒް އިން "އެފްއެންބީ ޝޯ"ގެ ނަމުގައި ބްރޭންޑެއް ރާއްޖެއަށް ތައާރަފް ކުރީ މިދިޔަ އަހަރުއެވެ. އެއީ އެފްއެންބީ ޝޯގެ ފުރަތަމަ އެޑިޝަނެވެ. މިއަހަރު ބޭއްވީ އޭގެ ދެވަނަ އެޑިޝަނެވެ.

މިއަހަރުގެ މައުރަޒު ފެށީ 15 ކުންފުންޏަކާ އެކު ކުރީ އަހަރަށް ވުރެ "ގްރޭންޑު" ކޮށެވެ.

ޝޯގައި ބައިވެރިވި ފަރާތްތައް:

  1. ހޮބްސަންސް ޗޮއިސް
  2. ފޭންސީ ފުޑްސް
  3. ފުޑް ހަބް
  4. ސްޓެލްކޯ ފެން
  5. ޔޫރޯ ސްޓޯރ
  6. ކެފޭ ޑި އިޓާލިއާ
  7. ދަ ބެރީ ކޮމްޕެނީ
  8. ޑައިން
  9. ލިލީ އިންޓަނޭޝަނަލް
  10. އޮންދިގޯ
  11. ވީއެޗް ހޯލްޑިނގްސް - މޫވެންޕިކް
  12. ލޮޓަސް
  13. ޑިވައިން
  14. ޔުނައިޓެޑް ފުޑް ސަޕްލަޔާސް
  15. ކޮކާކޯލާ

ރޭގެ ނިޔަލަށް ޝޯ ނިންމާފައިވާއިރު ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ، މިދިޔަ އަހަރުގެ މައުރަޒާ އަޅާބަލާއިރު މިއަހަރުގެ މައުރަޒު ހުރިހާ ގޮތަކުންވެސް ފުރިހަމަ ކަމަށާއި މިއަހަރު ޒިޔާރަތް ކުރި މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.

"މިއަހަރުގެ ޝޯ މި ބޭއްވުނީ ވަރަށް ވިއްސާރަ ދުވަސްކޮޅެއްގައި. ވިއްސާރަ ނަމަވެސް ޝޯއަށް ވަރަށް ގިނަ ފަރާތްތަކަކުން ޒިޔާރަތް ކުރި. ވަރަށް ހޫނު ތަރުހީބެއް ލިބިގެން މިދިޔައީ އަޅުގަނޑުމެންނަށް. މިއީ އެފްއެންބީ ޝޯގެ ދެވަނަ ޝޯ. ދެވަނަ ޝޯ އަށްވެފައި ލިބުނު ތަރުހީބު ވަރަށްވެސް ރަނގަޅު. ގާތްގަނޑަކަށް 4،000 އެއްހާ މީހުން ޒިޔާރަތް ކުރި ކަމަށް ލަފާ ކުރެވޭ،" ޝާމިން ވިދާޅުވިއެވެ.

އެފްއެންބީ ޝޯގެ ތެރެއިން -- ފޮޓޯ: ހައިރައިޒް

އިވެންޓް އޯގަނައިޒް ކުރި ޓީމުން ތިބީ އިވެންޓާ މެދު ހިތްހަމަ ޖެހި ކާމިޔާބުކަމަށް ނިންމައިގެންނެވެ. ހައިރައިޒްގެ ޓީމުން އެ މައުރަޒު ކާމިޔާބު ކަމަށް ނިންމި އިރު މައުރަޒުގައި ބައިވެރިވި ކުންފުނިތަކުންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ.

"ވިއްސާރަ ދުވަސްވަރަކާ އަޅާބަލާއިރު އަސްލު ވަރަށް ބޮޑު ތަރުހީބެއް ލިބިގެން މިދިޔައީ. ވިއްސާރަ ވީމަ މީހުން އައިލެއް ތަންކޮޅެއް މަދު. އެކަމަކުވެސް ހިތްހަމަ ޖެހޭ ވަރުވޭ،" ލިލީ އިންޓަނޭޝަނަލްގެ ސްޓޯލުގައި ހުރި އޮފިޝަލަކު "ސަން"އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އިވެންޓު ލޯކަލް މާކެޓަށްވުރެ ބޮޑަށް ހޮސްޕިޓާލިޓީ ދާއިރާއަށް ނުވަތަ ޓޫރިޒަމް ސެކްޓާއަށް ފުޅާ ކުރަން ޖެހެއެވެ. ޖުމްލަކޮށް އިވެންޓާ މެދު އެ ކުންފުނިވެސް ހިތްހަމަ ޖެހެއެވެ.

ލިލީ އިންޓަނޭޝަނަލްގެ ސްޓޯލް --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްޓެލްކޯ ފެނުގެ ސްޓޯލަށް ބަލާއިރު އެ ތަނުންވެސް މީހުން ހުސްވާ އިރެއް ނާދެއެވެ. އަލަށް މާކެޓަށް ނެރުނު އެ ފެނުގެ އަޖުމަ ބަލައިލަން އެތައް ބަޔަކު އެފްއެންބީ ޝޯއަށް ޒިޔާރަތް ކުރިއެވެ.

ޔުނައިޓެޑް ފުޑްސްއާއި އޮންދިގޯ އިން ލައިވް ކުކިން ކުރިއަށް ގެންދިޔަ އިރު އެ ދެ ސްޓޯލަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ދެ ސްޓޯލުގައި އަބަދުވެސް ފެންނަނީ ކިއު ހަދާފައި އޮންނަ ތަނެވެ. އޮންދިގޯއިން އެކި ބާވަތްތަކުގެ ޑިޝްތައް ތައްޔާރުކޮށް އެތަކެތީގެ އަޖުމަ ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލި އިރު ޔުނައިޓެޑް ފުޑްސްއިން ފަހި ކުރީ ފާސްޓު ފުޑް އަދި ޔޯގަޓު ފަދަ ތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތެވެ.

"މި ސްޓޯލުން އެންމެ ބޮޑު ތަރުހީބެއް ލިބުނީ ބިސްކޯދަށް. ދެން ޕީއެސް ގޭމް ކުޅުމަށް، ދެން ކޮފީއަށް. ވަރަށް ރަނގަޅު ލިބުނު ތަރުހީބު. މިދިޔަ އަހަރުގެ އެކްސްޕޯގައިވެސް އަޅުގަނޑުމެން ބައިވެރިވިން. ފުދޭ ވަރަކަށް ހަމަ ރަނގަޅު، ހިތްހަމަ ޖެހޭ،" ޔޫރޯ މާކެޓިންގެ ފަރާތުން "ސަން" އާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

18 މެއި 2017: އެފްއެންޑްބީ ޝޯ: އެފްއެންޑްބީ ޝޯގައި ރާއްޖޭގައި ފުޑް އެންޑް ބެވެރޭޖްގެ ވިޔަފާރިކުރާ 12 ކުންފުންޏަކުން ބައިވެރިވި: ޔޫރޯ ސްޓޯރުގެ ސްޓޯލް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލޮޓަސް ފިހާރައިން ޝޯކޭސް ކުރީ ބިސްކޮލާޓާގެ ޕްރޮޑަކްޓްތަކާއި ބިސްކޮލާޓާ ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެވެ. ބިސްކޮލާޓާ ޕްރޮޑަކްޓްތަކުގެ އިތުރުން، ލޮޓަސް ފިހާރައިން ރާއްޖޭގައި ގެންގުޅޭ ޕްރޮޑަކްޓް ރޭންޖުގެ ތެރެއިން ފުޑް އެންޑް ބެވެރޭޖްގެ އެހެނިހެން ޕްރޮޑަކްޓްސްވެސް އެފްއެންޑްބީ ޝޯގައި ދައްކާލައި ރަހަ ބެލުމުގެ ފުރުސަތު ހުޅުވާލިއެވެ.

މީގެ އިތުރުން މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ބުއިން، "ދަ ބެރީ ކޮމްޕެނީ"ގެ ބެރީ ޖޫސްތަކާއި ސައިވެސް އެފްއެންޑްބީ ޝޯގައި ޝޯކޭސް ކުރިއެވެ. އެގޮތުން އިނގިރޭސި ވިލާތުގެ އެ ކުންފުނީގެ ނުވަ ޕްރޮޑަކްޓެއް އެފްއެންޑްބީ ޝޯގައި ޝޯ ކޭސް ކުރިއެވެ.

ކުންފުނިތަކާ ޚިލާފަށް މިއަހަރުގެ އެފްއެންބީ ޝޯގައި އެންމެ ފާހަގަކުރެވުނު އެއް ސްޓޯލަކީ "ދަ ހޮބްސަންސް ޗޮއިސް"ގެ ސްޓޯލެވެ. އެ ސްޓޯލުން ތަކެތި ދޫކުރީ 100 ޕަސެންޓުގެ ޑިސްކައުންޓާ އެކު ހިލޭ އެވެ. އަދި ކޮންމެ ރެއަކު ނަގާ ގްރޭންޑް ލަކީ ޑްރޯގައިވެސް ގިފްޓް ހެމްޕާ ތަކެއް އެކުންފުނިން ވަނީ ހަދިޔާކޮށްފައެވެ.

18 މެއި 2017: އެފްއެންޑްބީ ޝޯ: އެފްއެންޑްބީ ޝޯގައި ރާއްޖޭގައި ފުޑް އެންޑް ބެވެރޭޖްގެ ވިޔަފާރިކުރާ 12 ކުންފުންޏަކުން ބައިވެރިވި: ދަ ހޮބްސަންސް ޗޮއިސްގެ ސްޓޯލް --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު. އެކަމަކު ހީކުރި ވަރަށް ވުރެ އައި މީހުންގެ އަދަދު މަދު. އެކަމަކުވެސް ވަރަށް ހިތްހަމަ ޖެހޭ،" ދަ ހޮބްސަންސް ޗޮއިސްގެ ސްޓޯލުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވިއެވެ.

ދެން އެންމެ ބޮޑު މަގުބޫލު ކަމެއް ލިބުނީ ވީއެޗް ހޯލްޑިންގްސްގެ މޫވެންޕިކް އައިސްކްރީމަށެވެ. އެ ބްރޭންޑުގެ އައިސްކްރީމުގެ އެކި ފްލޭވާތަކުގެ އައިސްކްރީމް އެފްއެންބީ ޝޯގައި ޝޯކޭސް ކުރި އިރު އެތަނުގައިވެސް ގިނަ ފަހަރު އޮންނަނީ ކިއު ހަދާފައެވެ. ލިބުނު ތަރުހީބު ބޮޑެވެ.

18 މެއި 2017: އެފްއެންޑްބީ ޝޯ: އެފްއެންޑްބީ ޝޯގައި ރާއްޖޭގައި ފުޑް އެންޑް ބެވެރޭޖްގެ ވިޔަފާރިކުރާ 12 ކުންފުންޏަކުން ބައިވެރިވި: ވީއެޗް ހޯލްޑިންގްސްގެ ސްޓޯލް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ޝޯ ނިމިފައިވާއިރު، ޝޯއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދިޔަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކުއެވެ.

މައުރަޒު ބޭއްވި ފުރަތަމަ ދުވަހުގެ ރޭ ހަބޭސް ބޮޑުބެރުގެ ހަރަކާތްތައް ދައްކާލި އިރު، މައުރަޒުގެ ދެވަނަ ދުވަހުގެ ހަވީރު ދައްކާލީ ހުނަރުވެރި ޝޭޑީޖޭގެ ހުނަރުތަކާއި ރޮބޯ މޭންގެ ޑާންސެވެ. އެ ރޭ އޮތީ ޒުވާން ލުވެއިޒްއާއި ޝާމިޚުގެ ލައިވް މިއުޒިކެވެ.

މައުރަޒުގެ އެންމެ ފަހު ދުވަހުގެ ހަވީރުގެ ވަގުތުގައި އެފްއެންބީ ޝޯގެ ސްޓޭޖުން ފެނިގެން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި ހިތްތައް ކަތިލައިލި ތިން ފަންނާނުންގެ ލަވަތަކެކެވެ. އެ ލަވަތައް ގެނެސްދިނީ ހަބޭސް ފިއުޝަނާ އެކު އެވެ. ރޭ 08:00 އިން ފެށިގެން ގެނެސްދިނީ ގުރަހަލި ބޮޑުބެރު ގްރޫޕުގެ ހުނަރުތަކެވެ.

މޯލްޑިވިއަން އައިޑަލްއިން ވިދާލި ތަރިން އެފްއެންބީ ޝޯގައި ޕާފޯމް ކުރަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިއަހަރުގެ އެފްއެންބީ ޝޯ ކާމިޔާބުކަމާ އެކު ނިންމާލި އިރު ޝުކުރުގެ ލިސްޓު ބޮޑެވެ.

ޝާމިން ވިދާޅުވީ އެންމެ ބޮޑު ޝުކުރެއް އަދާ ކުރަން ބޭނުން ވަނީ އެ މައުރަޒުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ކަމަށެވެ. ދެން ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އާއި ވިޔަފާރިވެރިންގެ ޖަމިއްޔާއަށެވެ.

ިމިއަހަރުގެ ޝޯ ކާމިޔާބުކަމާއެކު ނިމިގެން ދިޔަ އިރު އެ މައުރަޒުގެ މެއިން ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ. ކޯ ސްޕޮންސަރުންނަކީ އޮންދިގޯ މޯލްޑިވްސް އާއި ލޮޓަސް ފިހާރައެވެ.

އެ އިވެންޓުގެ އޮފިޝަލް ޕަބްލިކޭޝަން ޕާޓްނަރަކީ ޑައިން މެގަޒިނެވެ. ސައުންޑް އެންޑް ލައިޓް ޕާޓްނަރަކީ ސްޓޭޖްކޯ ކަމަށްވާ އިރު ބެވަރޭޖެސް ޕާޓްނަރަކީ ސްޓެކްލޯއެވެ. އަދި މިދިޔަ އަހަރާއި މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން މީޑިއާއެވެ.

ހައިރައިޒްއިން ދެން އެންމެ އަވަހަށް ބާއްވާނީ އެކުންފުނިން ބާއްވާ ދެވަނަ ވެކޭޝަންސް އެކްސްޕޯއެވެ. އެ މައުރަޒު އޮންނާނީ އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް މާލޭގައެވެ.

comment ކޮމެންޓް