ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި އިންޑިއާގެ މަނަވަރަކާއި މަތިންދާ ބޯޓެއް ހަރަކާތްތެރިވާން ފަށައިފި

ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާން ފެށި އެއާކްރާފްޓް -- ފޮޓޯ/ އެމްއެންޑީއެފް

ހަ މީހުންނާ އެކު ގެއްލިގެން ހޯދަމުންދާ "މާރިޔާ 3" ނަމަކަށް ކިޔާ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަލު ވިދާޅުވީ، އިންޑިއާ ކިރްޗް މަނަވަރާއި އިންޑިއަން ނޭވީގެ މަތިންދާ ބޯޓެއް އެ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު ރާއްޖޭގެ ސިފައިންނާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޓީއެމްއޭގެ ސީޕްލޭނަކާއި އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ބޭނުންކޮށްގެން ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ.

އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި ހޯދުމުގައި އިންޑިއާގެ އިތުރުން ސްރީލަންކާގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށެވެ.

ކޮޅުވެއްޓީގެ ހަބަރެއް އެންމެފަހުން ވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ 9:30ގައި ކަމަށް އެ އުޅަނދުގެ ވެރިފަރާތުން ބުނާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ކޮޅުވެއްޓި ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ، ބުރާސްފަތި ދުވަހުގެ ހަވީރެވެ.

ލަންކާގެ ސެނޮކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ އެ އުޅަނދުގައި ހަ މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެއީ ހަތަރު ބިދޭސީންނާއި ދިވެހި ދެމަފިރިއެކެވެ. އެ ދެމަފިރިންނަކީ ތ. ވިލުފުއްޓަށް ނިސްބަތްވާ ދެމީހުންނެވެ.

ކޮޅުވެއްޓި ގެއްލުނީ ކ. ތުލުސްދޫ އިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުން ދަނިކޮށެވެ.

comment ކޮމެންޓް