ނޭޕާލް ބަލިކޮށް، ބަނގްލަދޭޝްއިން ފެށުން ރަނގަޅުކޮށްފި

ސާބާ ޗެމްޕިއަންޝިޕްގައި ބަނގްލަދޭޝްއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަނގްލަދޭޝް މޮޅުވީ 76-64 ޕޮއިންޓުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ކުރިއަށްދާ ފުރަތަމަ ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް ބަލިކޮށް ބަނގްލަދޭޝްއިން ފެށުން ރަނގަޅުކޮށްފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ހަތަރު ކުއާޓާގައި ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައީ ބަނގްލަދޭޝްގެ ފަރާތުންނެވެ.

އެ މެޗުގެ ފުރަތަމަ ކުއާޓާގައި ނޭޕާލް ޓީމު ކުޅުންތެރިންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިއުމުން އޭގެ ފައިދާ ނަގައި ބަނގްލަދޭޝް ޓީމުން ބޮޑު ލީޑެއް ނެގިއެވެ. ފުރަތަމަ ކުއާޓާ 22-14 ޕޮއިންޓުން ބަނގްލަދޭޝް ކުރީގައި އޮވެ ނިންމާލިއިރު، ނޭޕާލް ވަނީ ދެވަނަ ކުއާޓާގައި ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކޮށްފައެވެ. ދެވަނަ ކުއާޓާ ނިމުނީ 39-32 ޕޮއިންޓުން ބަނގްލަދޭޝް ކުރީގައި އޮވެގެންނެވެ.

ސާބާ ޗެމްޕިއަންޝިޕްގައި ބަނގްލަދޭޝްއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަނގްލަދޭޝް މޮޅުވީ 76-64 ޕޮއިންޓުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޮޑު ލީޑެއްގައި ބަނގްލަދޭޝް އޮތުމުން އެޓީމު ފަހު ދެ ކުއާޓާ ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. ތިންވަނަ ކުއާޓާ 62-52 ޕޮއިންޓުން ކުރީގައި އޮވެ ބަނގްލަދޭޝް ނިންމާލިއިރު، ހަތަރުވަނަ ކުއާޓާ ނިންމާލީ 76-64 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނގްލަދޭޝްގެ ކުމާރް ބިސްވާސް މިތުނެވެ.

ސާބާ ޗެމްޕިއަންޝިޕްގައި މިރޭ 9:00ގައި ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނަން ޖެހޭނެއެވެ. އިންޑިއާއާއި، ރާއްޖެއާއި، ބަނގްލަދޭޝްއާއި، ނޭޕާލްގެ އިތުރުން ދެން އެ މުބާރާތުގައި ވާދަކުރާ ޓީމަކީ ސްރީ ލަންކާއެވެ.

comment ކޮމެންޓް