ޓޮޓެންހަމް ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ކޭންއަކަށް ނޯންނާނެ: ޕޮކެޓީނޯ

ޓޮޓެންހަމްގެ ޒުވާން ފޯވަޑް ހެރީ ކޭން: އޭނާ އެ ކްލަބު ދޫކޮށް ދާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ޓޮޓެންހަމްގެ ކޯޗު ޕޮކެޓީނޯ ބުނޭ --- ފޮޓޯ/ އޭޕީ

އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ހެރީ ކޭންއަކަށް ނޯންނާނެ ކަމަށް އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ ބުނެފިއެވެ.

ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް ކޭން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ލެސްޓާ ސިޓީ އަތުން 6-1 ލަނޑުގެ ނަތީޖާއަކުން މޮޅުވި މެޗުގައި ހަތަރު ލަނޑުޖަހައި، ޕްރިމިއާ ލީގު ގޯލްސްކޯރިން ޗާޓުގެ އެއްވަނައަށް ޖެހިލައިފައެވެ.

ވިދިވިދިގެން ދެވަނަ ސީޒަނުގައި ރަން ބޫޓު ހޯދުމާ ގާތުގައި އުޅޭ 23 އަހަރުގެ ކޭންއަކީ ވިދިވިދިގެން ދެ ސީޒަނެއްގެ ޕްރިމިއާ ލީގުގައި 25 ލަނޑު ހަމަކުރި ފަސްވަނަ ކުޅުންތެރިޔާއެވެ. ކުރިން އެ ޝަރަފް ހޯދާފައިވަނީ ރޮބީ ފައުލާއާއި، ތިއަރީ އޮންރީއާއި، އެލަން ޝިއޭރާ އަދި ރޮބިން ވެން ޕާސީއެވެ.

ކޭންގެ ލަނޑުޖެހުމުގެ ރެކޯޑުތަކާއެކު މިސީޒަނަށްފަހު އޭނާ އެހެން ކްލަބަކަށް ދާން އުޅޭކަމުގެ ހަބަރުތަކެއް ވެސް ވަނީ ފެތުރިގެން ގޮސްފައެވެ. އެކަމާ ގުޅިގެން ޓޮޓެންހަމްގެ ކޯޗު ޕޮކެޓީނޯ ބުނީ، އެކްލަބުގެ އެންމެ މޮޅެތި ކުޅުންތެރިން ހިމަނައިގެން ވަރުގަދަ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ސީޒަނުގައި ވެސް އޭނާ އެދަނީ ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމަށް މަސައްކަތްކުރަމުން. އަހަރެން އޭނާއާ މެދު ބުނާނީ ކީކޭ؟ ދުނިޔޭގެ އެންމެ މޮޅު ސްޓްރައިކަރުންގެ ތެރޭގައި ކޭން ހިމެނޭ. ދެން އޭނާ ޖެހޭނީ އެގޮތަށް ކުރިއަށްގޮސް، އަންނަ ސީޒަނަށް ތައްޔާރުވާން. ޓޮޓެންހަމް ދޫކޮށް އެހެން ކްލަބަކަށް ދާން ޖެހޭ އެއްވެސް ސަބަބެއް ކޭންއަކަށް ނޯންނާނެ،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޕޮކެޓީނޯ ބުންޏެވެ.

ޕޮކެޓީނޯ ބުނީ، ޓޮޓެންހަމްގެ މުހިންމު ކުޅުންތެރިން އެ ކްލަބުގައި ތިބީ އުފަލުގައި ކަމަށާއި ފާއިތުވެދިޔަ ތިން ސީޒަނުގައި ކަންތައްތައް ހާސިލުކުރުމަށް އެ ކްލަބުން މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި ޓޮޓެންހަމްއަށް ހައްގުވާ ކާމިޔާބު ހޯދުމަށް އަންނަ ސީޒަނުގައި ވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގެ ބާކީ އެއް މެޗު އޮތްއިރު، ޓޮޓެންހަމްއިން ވަނީ ލީގުގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. ލީގު ޗެމްޕިއަންކަން ހޯދި ޗެލްސީއާއި ދެވަނަ ޔަގީންކޮށްފައިވާ ޓޮޓެންހަމްއާ ދެމެދު އޮތީ ހަތް ޕޮއިންޓްގެ ފަރަގެކެވެ.

comment ކޮމެންޓް