ނަގޫރޯޅީގައި އައްޑު އަށް ލިބުނު ގެއްލުންތަކަށް އެހީވެދޭން ސަރުކާރުން ނިންމަވައިފި

ރޭ އެރި ނަގޫރޯޅީގައި އައްޑޫ ސިޓީގެ ހިތަދޫގައި ގަހެއް ވެއްޓިފައި --- ފޮޓޯ: އައްޑޫ ލައިވް...

މިހާރު ރާއްޖެ އަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އައްޑޫ ސިޓީއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ސަރުކާރުން އެގޮތަށް ނިންމިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގަ އެވެ. މުއާޒު މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ނަގޫރޯޅީގައި އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވާފައިވާ ކަމަށެވެ.

މުއާޒުގެ ޓުވީޓުގައި ވިދާޅުވީ، އެ ގެއްލުންތައް ފޫބެއްދުމަށް ހަރަކާތްތެރިވާނެ ސްޓިއަރިން ކޮމިޓީއެއްގެ ގޮތުގައި އަށް މެންބަރަކު ހިމެނޭ ގޮތުން މިހާރު ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށާއި އެހީގެ ކަންކަމުގައި އެ ކޮމޮޓީ ހަރަކާތްތެރިވާނެ ކަމަށެވެ.

އެގޮތުން ކޮމިޓީގައި ހިމެނެނީ އެމްއާރުޑީސީ އާއި އެމްއެންޑީއެފާއި ފުލުހުންނާއި ސިޓީކައުންސިލްގެ އިތުރުން ވެމްކޯ އާއި އެސްޓީއޯ އާއި ފެނަކަ އަދި ހައުސިން މިނިސްޓްރީ އެވެ. ކޮމެޓީގެ އެންމެ އިސް ފަރާތަކަށް ހަމަޖައްސަވާފައި ވަނީ ޑިފެންސް މިނިސްޓްރީ އެވެ.

ހިތަދޫ ދެކުނު ސަރަހައްދަށް އެރި ނަގޫރޯޅީގައި 12 ގެއެއްގެ ފުރާޅު އެއްލާލާފައިވެ އެވެ. އަދި އެ ގެތަކުގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް