ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއަށް

އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުން: އެ މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ސަރުކާރުން، ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް ހަވާލުކޮށްފައިވަނީ 181 މިލިއަން ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް ކަމަށެވެ.

އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ގާސިމާއި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.

މިނިސްްޓްރީން ބުނީ، އެ އިމާރާތުގައި 50 އެނދު ހުންނާނެ ކަމަށާއި، ކުޑަހުވަދުއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ދެވޭނެ އިމަޖެންސީ އީއާރެއް ވެސް އެ ތަނުގައި ހަދާނެ ކަމަށެވެ.

ހަމައެއާއެކު، މެމޮގްރަފީއައި ދަތުގެ ރޭޑިއޯގްރާފް ނުވަތަ ޑެންޓަލް އޯޕީޖީއާއި ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރެއް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ބޭނުންވާނެ ފެސިލިޓީއެއް ވެސް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މި ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ބޭނުންވާ ފެސިލިޓީ ގާއިމްކުރެވިގެންދާނެ. ޕްރައިވެޓް ރޫމް ފެސިލިޓީތައް ގާއިމްކުރެވިފައި ހުންނާނެ،" މިނިސްޓްރީން ބުންޏެވެ.

އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުއްވުން: އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް -- ފޮޓޯ/ ރައީސް އޮފީސް

ހެލްތު މިނިސްޓްރީން ބުނީ އެ އިމާރާތުން ޚިދުމަތްދޭން ފެށުމާއެކު، ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލުވެ، އެ ތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން އައު އިމާރާތުގައި ހިމެނޭނީ:

  • ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީއެއް
  • ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމަށް، ސޯލާ ޕީވީ ސިސްޓަމެއް
  • ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން
  • ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވާބެކަޕް ސިސްޓަމެއް
  • ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް
  • ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފައިވާއިރު އެންމެ ފުރަތަމަ ވަޑައިގަތީ ކުޑަހުވަދުއަށެވެ. އަދި އެ މަނިކުފާނު ވަނީ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

comment ކޮމެންޓް