މަޑަވެލި ބަލިކޮށް، ގދ. އަތޮޅުގެ ޗެމްޕިއަންކަން ތިނަދޫން ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕްގެ ގދ. އަތޮޅު ބުރުގެ ޗެމްޕިއަން ތިނަދޫ: އެޓީމުން ޗެމްޕިއަންކަން ހޯދީ ގދ. އަތޮޅު ބުރުގެ ފައިނަލުގައި 3-0 ލަނޑުގެ ނަތީޖާއަކުން މަޑަވެލި ބަލިކޮށްގެން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގެ ގދ. އަތޮޅު ފައިނަލުގައި މަޑަވެލި ބަލިކޮށް، ތިނަދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.

އަމިއްލަ ރަށުގައި މިއަދު ހަވީރު ކުޅުނު ގދ. އަތޮޅު ބުރުގެ ފައިނަލް މެޗުގައި މަޑަވެލި އަތުން ތިނަދޫ މޮޅުވެފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ދެ ހާފުގައި ވެސް ތިނަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ތިނަދޫން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ތިނަދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަފްރާދެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގދ. އަތޮޅު ބުރުގެ ފައިނަލުގައި ތިނަދުއާއި މަޑަވެލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-0 ލަނޑުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ތިނަދޫން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ތިނަދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ދެވަނަ ހާފުގައި އެޓީމުން ދެ ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ 72 ވަނަ މިނެޓުގައި ތިނަދޫގެ ދެވަނަ ލަނޑު ރޮޑްރިގޭޒް ކަރަސްކޯ މިކޭލް ކާމިޔާބުކޮށްދިންއިރު، މެޗުގެ 79 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕެޗަރޯމަން އޭޒަގޫރޭ އެލައިންއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް ތިނަދޫން ނުކުތީ ވަރުގަދަ ޓީމެކެވެ. އެޓީމަށް ސްޕެއިންގެ ކޯޗެއް ކަމަށްވާ އަލްވަރޭޒް ސަންޗޭޒް މިގެލް އިރުޝާރުދެމުންދާއިރު، ސްޕެއިންގެ ތިން ކުޅުންތެރިންނާއި ސްރީ ލަންކާގެ ގޯލްކީޕަރެއް ހިމެނެއެވެ. އެ ޓީމުގައި ހިމެނޭ ސްޕެއިންގެ ތިން ކުޅުންތެރިންނަކީ ޕެޗަރޯމަން އޭޒަގޫރޭ އެލައިންއާއި، ރޮޑްރިގޭޒް ކަރަސްކޯ މިކޭލް އަދި ރެނޯލަވޭސް މާޓިނޭޒް އިގްނާސިއޯއެވެ. ތިނަދޫގެ ގޯލް ބަލަހައްޓަމުންދަނީ ލަންކާ ކީޕަރު ޑޮން ދަސުން ޕްރަދީޕާ ޕަރަނަވިތަނައެވެ.

ޒޯން ބުރުގައި ތިނަދޫ ނުކުންނަން ޖެހޭނީ ގއ. އަތޮޅު ބުރުގެ ޗެމްޕިއަން ނިލަންދުއާ ދެކޮޅަށެވެ. އެ ބުރުގެ ފުރަތަމަ ލެގު މެޗަކީ ތިނަދޫގެ ހޯމް މެޗެވެ. އަދި އަންނަ އަންގާރަ ދުވަހު ކުޅޭ ދެވަނަ ލެގު މެޗަކީ ނިލަންދޫގެ ހޯމް މެޗެވެ.

comment ކޮމެންޓް