ފާރިސް މައުމޫން އެމްޑީޕީ ޕޯޑިއަމުގައި!

އިދިކޮޅު ކޯލިޝަނުން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާ: ބަންދުން ދޫކޮށްލި އިރު ކުރި ޝަރުތުތައް މިއަދު އުވާލުމާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިންފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ ދޮށީ ފިރިހެން ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، އިދިކޮޅު އެމްޑީޕީގެ ޕޯޑިއަމެއްގައި ރޭ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކު ރައީސް މައުމޫން މަސައްކަތް ފެއްޓެވި ފަހުން އެމަނިކުފާނުގެ ދަރިކަލުން ފާރިސްއާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ގެންދަވަނީ އެ މަސައްކަތުގައި ބައިވެރިވަމުންނެވެ.

އެގޮތުގެ މަތީން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒުގައި ޖަލްސާތައް ބާއްވަމުން ދިޔަ އިރު، ފާރިސްއާއި ޔުމްނާ ވެސް ވަނީ ކުނޫޒުގައި ވާހަކަ ދައްކަވައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޝަރުތުތަކެއް ކުރުމާ އެކު ކުނޫޒުގެ ޖަލްސާތައް ބަދަލުކުރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީ ހަރުގެއަށެވެ.

މޭ 17، 2017: އިދިކޮޅު ކޯލިޝަނުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާ: ބަންދުން ދޫކޮށްލި އިރު ކުރި ޝަރުތުތައް މިއަދު އުވާލުމާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިންފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމްއާއި ފާރިސްގެ އިތުރުން، އިދިކޮޅު ސިޔާސީ ހަރަކާތަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

އެމްޑީޕީގެ ޕޯޑިއަމުގައި ފާރިސް ރޭ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ގައުމު އިސްކޮށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތާ ދެކޮޅަށް ވެސް ނުކުމެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓުލާފައިވާ ކަމަށާއި، އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ފާރިސް ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް ގައުމުގެ ހައްގުގައި، އެކުގައި މަސައްކަތް ކުރާނެ ގިނަ ބަޔަކު ތިބިކަން މިއަދު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިއަދު ތިބީ ސިޔާސީ ގޮތުން މަސައްކަތް ކުރަން ޖެހޭ އިންތައް ދެނެގަނެގެން ކަމަށެވެ.

މޭ 17، 2017: އިދިކޮޅު ކޯލިޝަނުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާ: ބަންދުން ދޫކޮށްލިއިރު ކުރި ޝަރުތުތައް މިއަދު އުވާލުމާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިންފައި ---

"ޔަގީން ކުރެވޭ، އަޅުގަނޑުމެން ތިޔަ ބޭފުޅުންނާ ވެސް ދެކޮޅަށް އިންތިޚާބުތަކުގައި މަސައްކަތް ކުރާނެކަން. އެކަމަކު ސިޔާސީ މަސައްކަތުގައި އިންތަކެއް ހުރޭ. އޭގެ ތެރެއިން މަސައްކަތް ކުރަން ޖެހޭނީ. އެކަން މި ހަތަރު ޕާޓީއިން ވެސް ބަލައިގެންފި. އެކަން ދައްކައިފި. އާންމު މެމްބަރުން ވެސް އެކަން ހާމަކުރައްވައިފި،"

ފާރިސް ވިދާޅުވީ، އެމްޑީޕީގެ ޕޯޑިއަމަކުން މައުމޫން އަބްދުލްގައްޔޫމުގެ ދަރިއަކަށް ފުރުސަތު ދިނުމުން ޝުކުރު އަދާކުރާ ކަމަށެވެ.

އެމްޑީޕީގެ ޕޯޑިއަމެއްގައި ފާރިސް ފުރަތަމަ ފަހަރަށް ރޭ ވާހަކަ ދެއްކެވި އިރު، ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރާއީސާ އައިމިނަތު ނާދިރާ މިދިޔަ ހަފްތާގައި ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ، ކޮލޮމްބޯގައި ބައްދަލުކުރައްވައިފަ އެވެ.

comment ކޮމެންޓް