ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ، ރައީސް ނަޝީދާ ބައްދަލުކުރައްވައިފި

އިދިކޮޅު އިއްތިހާދުގެ ބައެއް އިސްވެރިން ރައީސް ނަޝީދާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން ---

ރައީސް މައުމޫނުގެ ދަރިކަނބަލުން، ޔުމްނާ މައުމޫން ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޔުމްނާ ރައީސް ނަޝީދާ ބައްދަލުކުރެއްވީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ބައެއް އިސް ބޭފުޅުންނާއެކު މިއަދު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ.

އެ ބައްދަލުވުމުގައި ޔުމްނާއާއެކު ބައިވެރިވެވަޑައިގެންނެވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް މުހައްމަދާއި އެމްޑީޕީން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމެވެ.

ޕީޕީއެމްގެ މައުމޫން ފެކްޝަންގެ އެސްޖީ، އަބްދުލް އަލީމް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ވަފުދެއް ޖެނީވާއަށް ދަތުރުކުރުމަށް މިއަދު ސްރީލަންކާގައި މަޑު ކުރެއްވި ކަމަށާއި ރައީސް ނަޝީދާ އެބޭފުޅުން ބައްދަލުކުރެއްވީ އެ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ މައުލޫމާތެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުމްނާއާ އެކު ވަފުދުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން މިހާރު ވަނީ ޖެނީވާއަށް ފުރައިވަޑައިގެންފަ އެވެ.

ރައީސް ނަޝީދާއި ޔުމްނާއާއެކު އިދިކޮޅު ފަރާތްތަކުން ކޮލަންބޯގައި ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރިކަން އިއުލާންކޮށްފައިވަނިކޮށެވެ. ސަރުކާރު ހިންގާ ޕީޕީއެމުން ވެސް ބުނެފައި ވަނީ ބޭނުންވި ވަރުގެ ނަތީޖާއެއް ކައުންސިލް އިންތިހާބުން ނެރެވިއްޖެ ކަމަށެވެ.

comment ކޮމެންޓް