ކެމްޕޭން ނިންމަވަމުން ނަޝީދު: ހިތްވަރު ބައްޔެއްނުވާނެ، ރައީސް މުއިއްޒު ބަލިކުރާނަން، ވައްޓައިލާނަން

11 ޖޫން 2026: ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ވިދާޅުވީ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށާއި މި ސަރުކާރު ވައްޓައިލާނެ ކަމަށް --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުالله

ހިތްވަރު ބައްޔެއް ނުވާނެ ކަމަށާއި، މާދަމާގެ އިންތިޚާބު ކާމިޔާބުކުރައްވައި، މި ސަރުކާރު އެމްޑީޕީން ބަލިކޮށް ވައްޓައިލާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މާދަމާ އޮންނަ އިންތިޚާބުގެ ކުރިން ނަޝީދު ވަނީ ކެމްޕެއިން ނިންމަވައިލެއްވުމަށް ޓަކައި ހިނގައިލުމެއް ބާއްވައިފައެވެ. އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ ގިނަ މެންބަރުން އެ ހިނގައިލުމުގައި ބައިވެރިވިއެވެ.

11 ޖޫން 2026: ޗެއާޕާސަން ކެމްޕޭން ނިންމަން ކުރީގެ ރައީސް ނަޝީދު ބޭއްވެވި ހިނގާލުން: އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ ގިނަ މެންބަރުން އެ ހިނގައިލުމުގައި ބައިވެރިވި -- ސަން ފޮޓޯ:މުޙައްމަދު ޝާޠިޢު ޢަބްދުالله

ހިނގައިލުމަށްފަހު އާޓިފިޝަލް ބީޗުގައި ވަރަށް ކުރުކޮށް ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރު ބައްޔެއް ނުވާނެ ކަމަށެވެ.

އަލުން އަނބުރާ އެމްޑީޕީގެ ލަޝްކަރު މިހާރު އޮތީ ރުކުރުވައިލައިފައި ކަމަށް، ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

11 ޖޫން 2026: ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ވިދާޅުވީ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށާއި މި ސަރުކާރު ވައްޓައިލާނެ ކަމަށް --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުالله

"އަޅުގަނޑުމެން އޭނާ ބަލިކުރާނަން، އަޅުގަނޑުމެން އޭނާ ވައްޓައިލާނަން، އަޅުގަނޑުމެން ދާނީ ކުރިއަށް، ބާރަށް ކުރިއަށް،" ނަޝީދު ވިދާޅުވިއެވެ.

ހިނގައިލުން ކުރިއަށް ދިޔަ ވަގުތު އެ ތަނުގައި ހުރި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވަނީ، އެމްޑީޕީގެ ހުރިހާ މެންބަރުން މާދަން ނިކުމެ، ޝައުގުވެރިކަމާއެކީ ވޯޓުދިނުމަށް އެދިވަޑައިގެންފައެވެ.

އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތަސް، އެމްޑީޕީ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް، ނަޝީދު ވިދާޅުވިއެވެ.

11 ޖޫން 2026: ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ވިދާޅުވީ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށާއި މި ސަރުކާރު ވައްޓައިލާނެ ކަމަށް --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުالله

"ނޫން ނޫން ނޫން، އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ އިރާދަކުރެއްވިއްޔާ، ނާކާމިޔާބެއް އިރާދަކުރެއްވިއްޔާ ނުވެސް ވާނެ، ދެން އެއީކީ ސުވާލެއްވެސް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ހޮވާ އިންތިޚާބު އޮންނާނީ މާދަމާ މެންދުރުފަހު 2:30އިން ފެށިގެން ރޭގަނޑު 8:00 ޖެހުމާ ހަމައަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އަދި މީގެ ކުރިން އެ މަގާމު ފުރުއްވި މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. އެ މަގާމަށް ދެން ވާދަކުރައްވާ އިބްރާހީމް މުޙައްމަދު ވަނީ، މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ނަން އަނބުރާ ގެންދަވަން ނިންމަވައިފައެވެ.

11 ޖޫން 2026: އެމްޑީޕީ ޗެއާޕާސަން ކެމްޕޭން ނިންމަން ކުރީގެ ރައީސް ނަޝީދު ބޭއްވެވި ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ފާހަގަކުރެވޭ ގޮތުގައި، ނަޝީދު މަސައްކަތްކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ އެކުގައެވެ. އަދި، މީކާއީލް މަސައްކަތްކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންނާ އެކުގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ މަނިކުފާނުގެ ކެމްޕޭން ނިންމަވައިލައްވަމުން ވަނީ ވަރަށް ވަރުގަދަ ޔަޤީންކަމެއް ދެއްވާފައެވެ. އެ ގޮތުން، އެއްވެސް ޙާލެއްގައި ހިތްވަރު ބަލިނުކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެމްޑީޕީގެ ފަރާތުން ރައީސް މުޢިއްޒުގެ ސަރުކާރު ބަލިކޮށް، ސަރުކާރު ވައްޓައިލާނެކަމުގެ އިންޒާރު ވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

  • ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކެމްޕޭން ނިންމަވައިލައްވަމުން ދެއްވި ވަރުގަދަ ޔަޤީންކަން.
  • ކުރިއަށް އޮތް އިންތިޚާބުގައި އެއްވެސް ވަރަކަށް ހިތްވަރު އެލުވައިނުލާނެކަން ފާހަގަކުރެއްވުން.
  • މާދަމާ ބާއްވާ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނެކަމަށް އިޢުލާންކުރެއްވުން.
  • ރައީސް މުޢިއްޒުގެ ސަރުކާރު ބަލިކޮށް، ސަރުކާރު ވައްޓައިލާނެކަމަށް ވިދާޅުވުން.
comment ކޮމެންޓް