މި ސުރުޚީގެ ދަށުގައި 26 އޭޕްރީލް 2026ގައި އަޅުގަނޑު ލިޔުމެއް ލިޔެ މި ނޫހުގައި ޝާއިއުކުރީމެވެ. އެ ލިޔުން ނިންމާލަމުން އަޅުގަނޑު ލިޔެފައި ވާނީ، "ދެވަނަ ބަޔަށް އިންތިޒާރުކުރައްވާ!" މި ފަދައިންނެވެ. އޭރު އަޅުގަނޑުގެ ވިސްނުން ހުރީ ވަރަށް އަވަހަށް އެ ސުރުޚީގެ 2ވަނަ ބައެއް ލިޔެ ޝާއިއުކުރުމަށެވެ. އެހެންނަމަވެސް ސިޔާސީ ކަންކަން އޭރު ފުރޮޅެމުން ދިޔަ ގޮތުން ހެޔޮ ބަދަލަކަށް ހިތް އެދޭ މިންވަރު ބޮޑުވީމާ، ހިތަށް އެރީ މި ސުރުޚީގެ 2ވަނަ ބައެއް ނުލިޔެ މަޑުކޮށްލާނީއެވެ. އެ ގޮތަށް ނިންމައިގެން ހުއްޓާ، އެ ސުރުޚީގެ ދަށުން ލިޔުނު ލިޔުމުގެ ނިންމާ ޕެރެގުރާފުގައި ދައްކައިފައިވާ "ގައުމިއްޔަތު"ގެ ވާހަކަތަކާ ގުޅުން ހުރި ކަންތައްތަކެއް މި ދަނޑިވަޅުގައި ހިނގީމާ ހިތަށް އެރީ މި ސުރުޚީގެ 2ވަނަ ބައެއް ލިޔެލަންވީތާއެވެ. އެހެންވީމާ އެ ލިޔުމުގެ ނިންމާ ޕެރެގުރާފުގެ ދެތިން ޖުމުލަ ހިމަނައިލުމަށް ފަހު ކިޔުންތެރީންގެ އިޒުނައާއެކު މި ލިޔުން ކުރިއަށް ގެންދާނަމެވެ.
(26 އޭޕްރީލް 2026ގެ އަދަދާ ގުޅޭ)
ދެން އޮތީ އުފެދޭ އެންމެ ބޮޑު ސުވާލެވެ. މުލުން ލުހެލައި އެއްލަވައިލެއްވި ބައެއް ގަސްގަހުގެ ބަދަލުގައި "ކައްތިރީ"ގެ ގޮތުގައި ވިއްދަވަން ޚިޔާރުކުރެއްވުނީ ގަސް ހިފަހައްޓައިލެވޭ ވަރުގެ އާރުލާ ލަކުޑި އެކުލެވޭ ކައްތިރި ދަނޑިއެއް ބާވައެވެ. ދެ ނޭވާ ދެމެދުގައި ވެސް "ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅާ އެއްގޮތަށް" ކަމަށް ވިދާޅުވަމުން ވަޑައިގެންނެވި ވަޒީރަކު ތަޢާރަފުކުރައްވާން މަސައްކަތްކުރެއްވި މާ ސިންގާ ގައުމިއްޔަތަށް ވާނީ ކިހިނެއްބާވައެވެ؟ ގައުމިއްޔަތުގެ ކޮލެޖާއި ގައުމީ ޗާޕުޚާނާއަށް ވާނީ ކިހިނެއްބާވައެވެ؟
ގައުމިއްޔަތުގެ ގަސް އަރިއަޅައިލުމާއެކު އެ ގަހުގެ މައި މޫ ލުހެލެއްވުމަށް ފަހު އަލުން އެ ގަސް ކޮޅަށް ހުންނާނޭ ގޮތް ހެއްދެވުމަށް ޓަކައި އެ ގަހުގައި "ކައްތިރި" ވިއްދެވީ 2026 އޭޕްރީލް 14ވަނަ ދުވަހުއެވެ. އެއީ ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި މަދުން ނޫނީ ނުފެންނަ ޒާތުގެ ކަންތައްގަނޑެއް ހިނގި ދުވަހެކެވެ. އެއް ފަހަރާ 10 ގަސް އުފުރައި އެއްލައިލެއްވިއެވެ. ނޫނެ3ކެވެ. އަދި މުޅީން ރަނގަޅެއް ނޫން ދޯއެވެ؟ އަމިއްލައަށް "ލުހިގެން" ދިޔައީއެވެ. ހެނދުނު އަރައިގެން އައި އިރާއެކު އައި ގަދަ ކޮޅިގަނޑެއްގައި ވަރުގަދައަށް ބިމަށް މޫ ހިފައިފައިވާ ސިޔާސީ ގަސްތަކެއް މުލާ އެކު ލުހެލައްވައި އުއްކަވައިލެއްވިއެވެ. ދުވަހަކުވެސް އެ ގަހެއް އުފުރައިނުލެވޭ ވަރަށް ބިމަށް މޫހަރުލައްވައި އެ މޫތައް އެކި ސަރަހައްދަށް ފަތުރައިލައިގެން ހުރި ގަސްތައް އުފުރައިލެއްވައި އަތުކޮޅަށް ހޫރާލެއްވިއެވެ.
މި ދެންނެވި ގަސްތަކުގެ ބަދަލުގައި އަލުން އާ ގަސްތައް އިންދެވީ، ސިޔާސީ ގޮތުން އަރިއަޅައިލި ސިޔާސީ އެތައް "ފިކުރެއްގެ ގަހެއް" ކޮޅަށް ހުންނާނޭ ގޮތަށް "ކައްތިރި" ވެސް ވިއްދަވައިފައެވެ. ގައުމިއްޔަތުގެ "ބޮޑު މަޝްރޫޢުގެ ބިޔަ ގަހުގައި" ވިއްދެވީ "ސިޔާސީ މޭވާ" ފޯރުކޮށްދިނުމުގައި ކުޅަދާނަކަން ލިބިފައިވާ ގަހެކެވެ. އެ ގަހުގެ މަލުން މަޑު މީރު ވަހެއް ދުވައެވެ. ގަހުގެ ފަތަކީ އަދި މާ ބޭނުންތެރި އެއްޗެކެވެ. ސިޔާސީ "ކިލާކަން" ފިލުވައިލުމަށް ބޭނުންވާ "ނަލަކަމުގެ ކުލަ" އެތައް ދުވަހަކަށް ހަރުލައްވައިލުމުގެ ކުޅަދާނަކަން އެ ގަހުގެ ފަތަށް ލިބިފައިވެއެވެ.
ސުވާލަކީ، މި ގެނެވުނު ބޮޑު ބަދަލާއެކު ދިވެހި ގައުމިއްޔަތުގައި މި ސަރުކާރުން ޖައްސަވަން ބޭނުންފުޅުވި ކުލަ ޖެއްސެވުމުގެ ކުޅާދާނަކަން އަލަށް ގެނެވުނު ކައްތިރިއަށް ލިބިފައިވޭބާވައެވެ؟ ގައުމިއްޔަތުގެ ކައްތިރީގެ ވަށައިގެން ފަޅައިފައިވާ ސިޔާސީ ކޮންމެ ގަހެއްގައި އެކުލެވިފައި ވަނީ އަލަށް ވިއްދި ކައްތިރިއަށް ވަފާތެރިކަމުގެ ދިޔަ ބާވައެވެ؟ ކުރީގެ ގަހަށް އޮތް ލޯތްބާއި ކުލުނު އަލަށް ގެނެވުނު ގަހަށް އޮންނާނެ ބާވައެވެ؟ ކޮންމެއަކަސް އާ ރޫހަކާއެކު މަސައްކަތް ފަށައިގެންފިއެވެ. ވާ ގޮތެއް އެނގިދާނެތާއެވެ.
އަލަށް ވިއްދި ކައްތިރިއަށް އެހީތެރިވުމުގައި އެ ތަނުގައި ތިއްބެވި ވަރުވަރުގެ ދިރާސާވެރީންނާއި އެކިއެކި ނަންނަމުގައި ގެނެވިފައިވާ ބޮޑެތި "ފަސް ވާރުން"ގެ ހިތްވަރާއި ފަންވަރާއި ބުންވަރު ހުރީ ކިހާވަރަކަށް ކަން އެނގޭނީ ދުވަސްކޮޅެއް ވީމާތާއެވެ. އިސްވާރުންގެ ގޮތުގައި ބޮޑު މުސާރައާއެކު އައްޔަނުކުރައްވައިފައިވާ ބޭބޭފުޅުންނަކީ، އައްޔަނުކުރެއްވި ދާއިރާއަށް ކިހާ ވަރެއްގެ މަސައްކަތްތަކެއް ހަޔާތުގައި ކޮށްދެއްވައިފައިވާ ބޭފުޅުންތޯ ސުވާލު އުފައްދަވައެވެ. އެ ސުވާލު އުފައްދަވަނީ އެ ފަންނުތަކުގެ ބޭބޭފުޅުންގެ ދޫތަކުން ކަމަށް އަޑުފރތުރިފައިވެއެވެ. ގައުމިއްޔަތުގެ އާ ވިސްނުމެއް، ބޭރުގެ ކަރައަކުން ގެނެސް މި ގައުމަށް އޮޅުކުރާން މަސައްކަތްކުރެއްވި އިރު، އެ ވިސްނުން މި ގައުމުގެ ގިނަ ބަޔަކު ބަލައިނުގަންނަ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު އެ މޭސްތިރިޔާ ވެސް ހުންނެވީ އަލަށް ގެނެވުނު ކައްތިރީގައި ކޮޑު ވިއްދައިގެންނެވެ. ހުންނެވީ ކިރިޔާ ވެސް ހިންދެމިލެވިއްޖެއްޔާ އަނެއްކާ ވެސް އެ ފަލްސަފާ ފަތުރައިލުމަށް މުންޑު ކޮށިކުރައްވައިގެންނެވެ.
މިއީ ރައްޔިތުންގެ ސަރުކާރެކެވެ. "ރައްޔިތުންގެ ވިންދާއި ރޫޙާ އެއްގޮތަށް" ސަރުކާރު ހިންގަވަން ބޭނުންފުޅުވެގެން ބަދަލުގެންނެވީ އެހެންވީމައެވެ. އެއީ ސީދާ ރައީސް ވިދާޅުވި ބަސްފުޅެވެ. މި ވެރިކަމަކީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ގޮސްގެން ޚިޔާލު ހޯއްދަވައިގެން ހިންގަވާ ސަރުކާރެއް ނޫންތޯއެވެ؟
ރައްޔިތުންގެ ޚިޔާލު ހޯއްދެވުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ހިންގަވާން ތިއްބެވި ވަޒީރުންނާއި އެ ވަޒީރުންގެ މަސްއޫލިއްޔަތުތަކާއި އެ ވުޒާރަތަކުގެ ނަންތައް ވެސް ކަމުނުދާތީ ބޮޑު ބަދަލެއް ގެންނެވިއެވެ. މި ދެންނެވި ބޮޑު ހާދިސާ ހިނގާ ދިޔަފަހުން މިއަދަށް 56 ދުވަސް ފުރުނީއެވެ. ކުއްލިއަކަށް އިއްޔެ ނޫން އިހަށް ދުވަހު، މި ގޮތަށް އުފުރައިލެއްވި ގަހެއް އަލުން ރޯކުރެވޭތޯ ކުރެއްވި މަސައްކަތްތަކެއް ފެނިއްޖެއެވެ. މި ލިޔުމުގެ 2 ވަނަ ބައި ލިޔާން ހިތަށް އެރި މައި ސަބަބަކީ ވެސް އެއީއެވެ. ސަހަރޯއެވެ. ފެނުނީ ހީނުކުރާ ފަދަ ކަމެކެވެ. ގަސް ރޯކުރުމުގެ ބޭނުމުގައި ގަހަށް ފަރުވާއެއް ދެވޭތޯ ވެރިޔާގެ އެންމެ އަރިހުގައި ލަފަޔާއި އިރުޝާދާއި މަޝްވަރާ ދެއްވުމަށް ޓަކައި މުޝީރުކަން ދެއްވިއެވެ. ކަށަވަރު ނޫން އެތައް މަސްދަރަކުން އެނގުނު ގޮތުގައި އެއީ މުޅި ދުނިޔޭގައި ވެސް ރައީސް އޮފީހެއްގެ މުޝީރަކަށް އައްޔަނުކުރެއްވި ބޭފުޅަކު އެންމެ އަވަހަށް އިސްތިއުފާ ދެއްވި ހާދިސާއެވެ. އެއީ ތެދެއް ކަމުގައި ވިޔަސް އަދި ނުވިޔަސް، އެއީ ހިތްވަރު ގަދަ އަމަލުފުޅެކެވެ. ސާބިތުވެ ހުންނެވި ކަމުގެ ހެއްކެކެވެ.
އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ވަރަށް ހެޔޮ ނިޔަތާއެކު، މީސްމީޑީއާގެ މަންސަތަކަށް ދޫކޮށްލެއްވި ޅެމެއްގެ މާނަ، އިނދިކޮޅު އޮއިގައި ޖެހި، ނުއަތަށް ފުރޮޅައިލުމުގެ ނަތީޖާއެއްގެ ގޮތުން އެކަހެރިވެފައި ހުއްޓައި އަލުން ފުޅައޮއި ހިފައިލުމަށް ލިބުނު ފުރުސަތު ދޫކޮށްލެއްވިއެވެ. މިއީ މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. އަދި މި ފަހަރުގެ ކޮޅިގަނޑާއެކު، ރައްޔިތުންގެ ޝުޢޫރާ ވިންދާ އެއްގޮތަށް ގެންނެވި ބަދަލުގެ ހުރިހާ ކަމެއްހެން އިޔާދަކޮށްފި ނޫންތޯއެވެ. އެހެންވީމާ، އަމުދުން މި ފެނުނު މަންޒަރާ މެދު ސުވާލު އުފެދެއެވެ.
ރައްޔިތުން އެދުނީ ރައްޔިތުންގެ ފައިސާއިން ބޭކާރު ޚަރަދުނުކުރުމަށެވެ. ތައުލީމާއި ހުނަރާއި ފަންނުވެރިކަމެއް ނެތް އެތައް ބަޔަކަށް ރައްޔިތުންގެ ފައިސާއިން ޚަރަދުނުކުރުމަށެވެ. ޢިލްމާއި ޤާބިލުކަމާއި ހުނަރަށް ބަލައި މަގާމުތައް ދެއްވުމަށެވެ. ރައްޔިތުންގެ މި ގޮވައިލުމަށް އިޖާބަދެއްވައި އެތައް ވަޒީރަކު ވަކިކުރެއްވިއެވެ. އެހެނަސް ...! ކަމުނުގޮސްގެން އުފުރއިލެއްވި "ގަސްތައް" އަނެއްކާ ވެސް ތަފާތު ނަންނަމުގައި ދުނިޔޭގެ އެކި ދިމަދިމައިގައި ރުވާން ފައްޓަވައިފިއެވެ. ރާއްޖޭގެ އެކި އޮފީސްތަކުގެ ޒީނަތްތެރިކަމަށް ބޭނުންހިފާން ފައްޓަވައިފިއެވެ. މި ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ތިމާއަށް ގޯސްކޮށް ކަމެއް ކުރެވިދާނެއެވެ. އަދި ކުރެވުނު ކަމެއް އަލުން އިޔާދަ ވެސް ކުރަންޖެހިދާނެއެވެ. އެހެނަސް ...! ކުރާ ހަމަ ކޮންމެ ކަމެއް މި ގޮތަށް އިޔާދަކުރާން ނިންމުމަކީ ބޮޑުވަރެކެވެ. ނިންމަވާ ކަންކަމުގައި ހަރުދަނާކަމެއް ނެތްކަމުގެ ދަލީލެކެވެ. ރޭވުންތެރިކަމެއް އަމުދުން ނެތީތާއެވެ.
ކަމު ނުގޮސްގެން އެއްލަވައިލެއްވި ސިއްހީ ވަޒީރު މިހާރު ހުންނެވީ ލަފާ ދެއްވާ މުޝީރަކަށެވެ. ހުންނެވީ ހަމަ ގަދަކޮށެވެ. ކޮން ބޭނުމަކު އުފެއްދެވި ވުޒާރާއެއް ކަން، އެ ވުޒާރާ ހިންގެވުމާ ހަވާލުވެ ވަޑައިގެންނެވި ވަޒީރަށް ވެސް ރަނގަޅަށް ސާފުވެވަޑައި ނުގަންނަވަނީސް، އެ ވުޒާރާ އުވައިލައްވައި ވަޒީރު ވެސް ވަކިކުރެއްވިއެވެ. އެކަމަކު މިހާރު ބޮޑު މުސާރައާއި ދައުލަތުގެ އިއްޒަތާއި ޝަރަފާއި ހައިބަތާއެކު އެހެން ގައުމަކަށް ފުރާވަޑައިގަތުމަށް ފޮށިތަންމަތި ބަންނަވަނީއެވެ. މި ފަހަރު ކުރިއަށް ވުރެ ބޮޑު ހޭދައެއް ރައްޔިތުންގެ ފައިސާއިން އެ ބޭފުޅާއަށް ކުރައްވާ ގޮތަށެވެ. އަޖައިބުވެ އަންތަރީސް ވެއްޖެއެވެ.
ރައްޔިތުން އުއްމީދުކޮށްގެން ތިބީ ސިޔާސީ މަގާމުތައް މަދުވާނެކަމަށެވެ. އެކަމަކު މަދުވިކަމެއް ވެސް އެނގޭނީ، މިހާތަނަށް ސަރުކާރުގައި ތިބީ ސިޔާސީ ކިތައް މީހުންކަން އެނގިގެންތާއެވެ. އެނގޭހާ ވެސް ކަމަކީ، އުވައިލެވުނު އެއްވެސް ވުޒާރާއަކުން އެއްވެސް މުއައްޒަފެއް މަދުނުވާ ކަމެވެ. ސިޔާސީ މީހަކު ވެސް މަދުނުވާކަމެވެ. އެކަމެއް ކުރެއްވުމުގެ ހެޔޮ ނިޔަތެއް ވެސް ނެތްކަމެވެ. އެހެންވީމާ، ސިޔާސީ ގަހަށް ލިބުނު ނިކަމެތިކަން ދުރުކުރުމަށް ޓަކައި ވިއްދެވި ސިޔާސީ ކައްތިރިތަކުން ގަސް ހިފަހައްޓައި ލެވިދާނެކަމާ މެދު ސުވާލެއް ނުއުފެދޭތޯއެވެ؟