ރޮޑްރިގޭޒް މިހިރީ - މެންޔޫއަށް އޭނާ ދާންއުޅޭ ވާހަކަ ޒިދާން ދޮގުކޮށްފި

ޒިދާން ބުނީ، ހަމޭސް ރޮޑްރިގޭޒް ދޫކޮށްލަން ރެއާލުން ނިންމާފައި ނުވާކަމަށް -- ފޮޓޯ: މެޓްރޯ

ރެއާލް މެޑްރިޑްގެ ކޮލަމްބިއަން މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް، ކުރިއަށް އޮތް ސަމަރ ޓްރާންފަރގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާންއުޅޭ ކަމަށް ދެކެވޭ ވާހަކަތަށް، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ދޮގުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، އުމުރުން 25 އަހަރުގެ ރޮޑްރިގޭޒް ދޫކޮށްލުމަށް ރެއާލުން ނިންމާފައިވުމުން އޭނާ ވަނީ، މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް ނިންމައިފައެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ދެޓީމުން އެކަން އިއުލާނުކުރާނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް ޒިދާންވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްބުނެ އެކަން ދޮގުކޮށްފައެވެ.

"ހަމޭސް މިހިރީ މިތާ. އެއީ ސުވާލެއް އުފެދޭކަމެއް ނޫން. އޭނާ ހުރީ އަހަރެމެންނާއެކު،" ރޮޑްރިގޭޒްގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކުރުމުން ރެއާލްގެ ކޯޗު ބުންޏެވެ.

"އޭނާ ފަރިތަކުރުންތަކުގައި ބައިވެރި ނުވީ، އަނިޔާގެ ސަބަބުން، ހަމޭސް ހުރީ އަހަރެމެންނާއެކު، އަހަރެމެންގެ ވިސްނުން އޮތީ ހަމައެކަނި މިއަހަރު ބާކީ އޮތް ތިން މެޗަށް."

ފްރާންސްގެ މޮނާކޯއިން ރެއާލް މެޑްރިޑަށް ރޮޑްރިގޭޒް ސޮއިކުރީ، 2014 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕަށް ފަހު، 71 މިލިއަން ޕައުންޑުގެ ފީއަކަށެވެ.

ޒިދާންގެ ކޯޗުކަމުގެ ދަށުން މި ސީޒަންގައި ރޮޑްރިގޭޒް، ރެއާލްގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅެފައިވަނީ ލަ ލީގާ 11 މެޗެވެ.

comment ކޮމެންޓް