ރިޔާޒްގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

އަބްދުﷲ ރިޔާޒު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައފި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ، ދެ ފަރާތުންވެސް ޚުލާސާ ބަޔާން އިއްވައިފައެވެ.

ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ރިޔާޒަށް ހަނުހުރުމުގެ ހައްގު ދިން ކަމަށާއި، ނަމަވެސް އެ ހައްގު ރިޔާޒު ބޭނުން ކުރައްވާފައި ނުވާ ކަމަށެވެ. އެކަމަށް ރައްދުދެއްވައި ރިޔާޒްގެ ވަކީލު އަލީ ޒާހިރު ވިދާޅުވީ، ހަނުހުރުމުގެ ހައްގު ދީފައިވަނީ، މާ ފަހުން އޭޕްރީލް ދެ ވަނަ ދުވަހު ކަމަށެވެ. އަދި ފުރަތަމަ ފުލުހަށް ގެންދިއުމުން ހަނުހުރުމުގެ ހައްގު ބޭނުން ކަމަށް ބުނުމުން، ކޯޓު އަމުރެއް ތަންފީޒު ކުރުމަށް ހަނުހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ބުނި ކަމަށް ރިޔާޒުގެ ވަކީލު ވިދާޅުވި އެވެ.

ރިޔާޒުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން އޭނާގެ ވަކީލު ވިދާޅުވީ، އާއްމުކޮށް ކޯޓުން ނެރޭ އަމުރު ތަކުގައި ލޮކް ކޯޑު ދިނުމަށް ޖަހާފައި އާއްމުކޮށްވެސް ހުންނަ ކަމަށް ހެކިބަސް ދިން ފުލުހުން ފާހަގަ ކުރި ކަމަށެވެ. އަދި ފުލުހުންގެ ކިބައިން ސީދާ ލޮކްކޯޑު ދިނުމަށް އެދި ކޯޓު އަމުރެއް ލިބޭތޯ މަސައްކަތް ކޮށްދިނުމަށް ރިޔާޒު އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް މަޝްވަރާ ކުރެވުނު ކަމަށް ހެކިބަސް ދިން ފުލުހުން ބުނެފައިވާ ކަމަށެވެ.

ރިޔާޒުގެ ވަކީލު ފާހަގަ ކުރެއްވި ގޮތުގައި ފޯނުގެ ލޮކް ކޯޑު ޝަރީއަތުގައި ރިޔާޒް ޖަހައިދީފައިވާއިރު، ފުރަތަމަ ޖެހި ފަހަރު ނުބައިކޮށް ކޯޑު ޖެހުމުން 10 މިނިޓަށް ފޯނު ޑިސޭބަލް ވެފައިވާ ކަމަށެވެ. އަދި އެގޮތަށް 10 މިނިޓަށް ޑިސޭބަލް ވުމުން، އެތައް ފަހަރަކު ކޯޑު ޖަހަން މަސައްކަތް ކޮށްފައިވާކަން އެނގޭކަމަށް އޭނާ ވިދާޅުވި އެވެ.

ޚުލާސާ ބަޔާން އިއްވައި ހުކުމާ ހިސާބަށް މައްސަލަ ގޮސްފައިވާއިރު، މިއަދު ރިޔާޒު ވަނީ އިތުރު ފުރުސަތުގެ ދަށުން މައްސަލަ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިވަޑައިގެން ފޯމު ހުށަހަޅައިފައެވެ. އެހެން ކަމުން އެކަމާ މެދު ޕީޖީން ގޮތެއް ނިންމަވަންދެން މައްސަލަ މަޑުޖައްސައި ދިނުމަށް ރިޔާޒުގެ ފަރާތުން ވަނީ އެދި ވަޑައިގެންފައެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އިތުރު ފުރުސަތަށް އެދި ފޯމު ހުށަހެޅުއްވިކަން ޕީޖީން ވަކީލަށް އަންގާފައި ނުވާ ކަމަށެވެ. އަދި އިތުރު ފުރުސަތަށް ހުށަހެޅި ނަމަވެސް އިތުރު ފުރުސަތު ދޭނީ ވަކި ޝަރުތު ތަކެއް ފުރިހަމަވެ، ކުށަށް އިއުތިރާފުވެގެން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ރިޔާޒު އިތުރު ފުރުސަތަށް އެދިވަޑައިގެންކަން ކަށަވަރު ކުރުމަށްފަހު އެކަން ދެ ދުވަސް ތެރޭގައި ލިޔުމަކުން އެންގުމަށް ގާޒީ ވަނީ ދައުލަތުގެ ވަކީލަށް އަންގައިފައެވެ.

ރިޔާޒުގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް ކުރުން ކަމަށް، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ވިދާޅުވެފައެވެ. އަދި އެ ޝަރީއަތް ދެން ބާއްވާނެ ދުވަހެއް ވަކީލުންނަށް ފަހުން އަންގާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް