ކުށް ކުރަން ހެލްމެޓް އަޅައިގެން އުޅޭތީ، ލާޒިމު ނޫން ތަނެއްގައި ހެލްމެޓް އަޅާނަމަ ފާރަވެރިވަނީ

ޓްރެފިކް ފުލުހުން މަގުމަތީގައި: ކުށް ކުރަން ހެލްމެޓް އަޅައިގެން އުޅޭތީ، ލާޒިމު ނޫން ތަނެއްގައި ހެލްމެޓް އަޅާނަމަ ފާރަވެރިވާނެ ކަމަށް ފުލުހުން ބުނެފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުށް ކުރަން ހެލްމެޓު އަޅައިގެން އުޅޭ ކަމުގެ ޝަކުވާތައް ލިބޭތީ، މަޖުބޫރު ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅާ މީހުންނަށް ފާރަވެރިވާން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން އުޅޭކަމަށް އެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

"ހެލްމެޓު އެޅުން ލާޒިމުނޫން ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަމާއި ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިކުރާ ތަންތަނަށް ވަދެހަދާކަންވެސް ވަނީ ފާހަގަކުރެވިފައި،" ފުލުހުންގެ ބަޔާނުގައިވެއެވެ.

ހެލްމެޓު އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށާއި، އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންވެ، ހެލްމެޓް އެޅުން ލާޒިމު ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި މާރާމާރީ އާންމުވެފައިވާއިރު، މިކަމަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

ހެލްމެޓް އަޅައިގެން ތިބެ ވައްކަންކޮށް، ފޭރި، މާރާމާރީ ހިންގުމުގެ މައްސަލަތައް ވެސް މީގެ ކުރިން ފުލުހުން ބަލައިފައިވެއެވެ. އަދި ހެލްމެޓް އަޅައިގެން ހުންނަ މީހަކު ޝައްކު ކުރެވޭ ގޮތަކަށް އުޅޭ ނަމަ ރިޕޯޓް ކުރުމަށް ވެސް މީގެ ކުރިން ފުލުހުން އެދިފައިވެއެވެ.

comment ކޮމެންޓް